އުޝާމަށް: އަލައްބާރަކީ އަނެއްހެން ރަނގަޅު މީީހެއް ނޫން

ގަޒާ މައްސަލައަކީ އެމީހުންގެ މައްސަލައެއް | މަށާ ބެހޭކަމެއް ނޫން: އަލައްބާރު

އުޝާމަށް: އަލައްބާރަކީ އަނެއްހެން ރަނގަޅު މީީހެއް ނޫން

އެމެރޭޓްސްގެ މަހުޖަނު އަލް އައްބާރު (އަލައްބާރު) ގެ މޮޅުވާހަކަ މިދުވަސްވަރު ދިވެހި ނޫސްތަކުގައި ލިޔެފައި ހުންނާތީ އެބަފެނެއެވެ. އޭނާގެ ހެޔޮކަމުގެ ވާހަކައެވެ. އޭނާގެ އިހުސާންތެރިކަމުގެ ވާހަކައެވެ. އިސްލާމް ދީނަށް ނަސްރުދިނުމާއި އިންސާނިހައްގުތައް ކުރިއެރުވުމުގައި އޭނާގެ ހިއްސާ ބޮޑު ވާހަކައެވެ.

އެހެންނަމަވެސް އަލް އައްބާރަކީ ދިވެހި ގިނަ ނޫސްތަކުން ސިފަކުރާ ކަހަލަ މާތް މީހެއް ނޫނެވެ. އޭނާގެ ކޮންމެ އަމަލަކީ ވިޔަފާރިއެކެވެ. އިންސާނިއްޔަތުކަމާއި ކުލުނާއި ދީން މަތިވެރިކުރުމަކީ އޭނާގެ ތަބީއަތެއް ނޫނެވެ. އެމެރޭޓްސްގައި އޭނާ ކޮށްފައިވާހާ ކަމެއް ކޮށްފައިވަނީ ޒާތީ މަންފާއަށެވެ. ގައުމުން ބޭރުގައި ކުރިކަމަކާއި ކުރާކަމަކީ އޭނާގެ ވިޔަފާރި ނޫން ކަމެއް ނޫނެވެ. 

އެތައް ތަނެއްގައި އެތައް ފަހަރަކު އޭނާގެ ދުލުން އޭނާއަކީ ވިޔަފާރި ކުރާ މީހެއްކަމަށް ބުނެފައިވެއެވެ. ވިޔަފާރީގައި އެންމެ މަންފާ ބޮޑު ގޮތަކަށް އެ ވަގުތަކަށް ކުރަންޖެހޭ ކަމެއް ވިޔަފާރި ވެރިޔާ ކުރާނެއެވެ. ވިޔަފާރި ކުރުމުގައި ވަކި ދީނެއްގެ މީހެއް ވަކި ގައުމެއް ވަކި ނަސްލެއް ވިޔަފާރިވެރިން ނުބަލައެވެ. އެ މީހުން ބަލަނީ އެންމެ ފައިދާ ބޮޑުގޮތެކެވެ. 

ތެދެކެވެ. އޭނާ ޔޫއޭޢީ އާއި ގައުމުން ބޭރުގައި މިސްކިތް އަޅާފައި އެބަހުއްޓެވެ. އެކަމަކު އެއިން އެއްވެސް މިސްކިތަކީ މިސްކިތެއް އަޅާދިނުމުގެ ގޮތުން އަޅާފައި ހުރި ތަންތަނެއް ނޫނެވެ. ވިޔަފާރި އުސޫލުން އޭނާ ހިންގާ ޕްރޮޖެކްޓެއްގެ ތެރޭގައި ހިމެނިގެން ނޫން ގޮތަކަށް އެންމެ މިސްކިތެއް ވެސް އޭނާ ބިނާކޮށްފައެއް ނެތެވެ. ސައޫދީ އަރަބިއްޔާގައި އަޅާފައިވާ މިސްކިތަކީ ކިންގް އަބްދުއްލާ ކޮމާޝަލް ސިޓީ ޕްރޮޖެކްޓޮގައި ހިމެނިގެން އެޅިތަނެކެވެ. ސީރިއާގެ ދިމިސްގުގައި އެޅި މިސްކިތަކީ ވެސް ސައޫދީގެ ކޭއެސް ރިލީފް އިނިޝިއޭޓް ޕްރޮގްރާމްގެ ތެރެއިން ބިނާކުރި މިސްކިތެކެވެ. 

ޔޫއޭއީގައި އޭނާ އަޅާފައި ހުރި މިސްކިތްތަކަކީ ވެސް ޔޫއޭއީގެ ކޮންމެވެސް ތަރައްގީގެ މަޝްރޫއެއްގެ ތެރެއިން ބިނާކުރި ތަންތަނެވެ. ޔޫއޭއީގައި އޮންނަ ޔަހޫދީ އާބާދީއަށް އެމީހުން އަޅުކަންކުރަންވެސް ތަންތަންވެސް އޭނާ އެހުރީ އަޅާފައެވެ. އޭނާ މިސްކިތެއް އެޅިޔަސް އަޅަނީ އިސްލާމްދީނަށް ނަސްރު ދިނުމުގެ ގޮތުން ނޫންކަމާއި އޭނާގެ ވިޔަފާރިއަށްކަން މިކަންކަމުން ވަރަށް ސާފެވެ. އެ ގޮތަށް ރަސްމާލޭގައި ވެސް މިސްކިތެއް ހުންނަންޖެހޭތީ އެތާވެސް މިސްކިތެއް އަޅާނެއެވެ. 

ފަލަސްތީނު މައްސަލައާއި ގުޅުވައިގެން އަލައްބާރު ދައްކާފައި ހުރި ވާހަކަތަކުން އެކަނިވެސް އަލައްބާރަކީ ދިވެހި ރާއްޖޭގެ ބައެއް ނޫސްތަކުން ސިފަކުރާ ހެޔޮ މީހާ ނޫންކަން ސާފުވެއެވެ. އަލައްބާރު ބުނާގޮތުން ނަމަ “އެމީހަކު ކައި ހަޑިކުރާ ތަށި ސާފު ކުރަންޖެހޭނީ އެމީހަކު - އެމީހެއްގެ އެނދު ރީތި ކުރަންޖެހޭނީ އެމީހަކު”އެވެ. އެވާހަކައިން މީހުންނަށް އެހީވުމަކީ އޭނާގެ ނެތް ސިފައެއްކަން އެނގިގެން ދެއެވެ.

އަލައްބާރު ތަކުރާރުކޮށް ބުނެފައިވަނީ "ގާޒާގެ މައްސަލައަކީ އެމީހުންގެ މައްސަލައެއް، އެކަން ހައްލު ކުރަން ޖެހޭނީ އެ މީހުން އެއީ އަހަރުމެންނާއި ބެހޭ ކަމެއް ނޫން” ކަމަށެވެ. މިހާވަރުން އަލައްބާރަކީ ކާކުގަން އެނގެންވާނެއެވެ.

އޭނާއަކީ ވިޔަފާރިކުރާ މީހެއްކަމާއި އޭނާއަށް ސްޕޮންސަރ ދޭ މީހުންގެ ވިޔަފާރިތަކަށް އޭނާ އިސްކަމެއްދީގެން މަސައްކަތް ކުރާނަމޭ ބުނެ ފާޅުގައި ޒަޔަނިސްޓު ވިޔަފާރިވެރިންނާ އުޅެނީ ގުޅިލާމެހިގެންނެވެ. “ޔަހޫދީންގެ ރަގަޅު ކަންއެނގޭނީ އެމީހުންނާއި އެކު ދިރިއުޅުނީމާ" ކަމަށް ބުނާ އަލައްބާރު ރަނގަޅު މީހަކަށް ވާނެ އެއްގޮތެއްވެސް ނުއޮންނާނެއެވެ.