އެތެރޭގެ ހަސަދަވެރި ވާދައިގާ މުއިއްޒު މަތިން އެމްޑީޕީ ހަނދާންނެތިއްޖެ

އެތެރޭގެ ހަސަދަވެރި ވާދައިގާ މުއިއްޒު މަތިން އެމްޑީޕީ ހަނދާންނެތިއްޖެ

ކުރިއަށް އޮތީ އެމްޑީޕީގައި އެތެރޭގެ އިންތިހާބެކެވެ. ޗެއަރޕާސަނަކު ހޮވުމާއި ދާއިރާ މަޖިލިސްތައް ހޮވުމުގެ އިންތިހާބެވެ. ވާދަވެރިކަން ބޮޑެވެ. އެއްބަޔަކު އަނެއް ބަކަށް ކުށްހޯދުމާއި ކުށްދެއްކުމުގައި ތިބީ ފޫގަޅާފައެވެ. ކުށް ހޯދުމާއި ކުށް ދެއްކުމާއި ކުށްވެރި ނުކޮށް ވާދަވެރި ކެންޕޭނެއް ނުކުރެވެނީ ބާއެވެ. ގޮވާކުނި ފުޅައިން އިންތިހާބަށްފަހު އެކުގައި ގުޅިގެން މަސައްކަތް ނުކުރެވޭ ވަރަށް ކެންޕޭނު ވިހަ ވީމާ ގުޅިގެން ކުރެވޭނެ ސިޔާސީ މަސައްކަތެއް ނުއޮންނާނެއެވެ. މީގެ ކުރިންވެސް ކިތަންމެ ފަހަރަކު އެ ހިތި ތަޖުރިބާ ވަނީ ކުރެވިފައެވެ.

އެމްޑީޕީގެ ފުރަތަމަ އިންތިހާބާއެކު ޕާޓީން ބާކީވެގެން ދިޔައީ ޑރ. ވަހީދާއި އޭނާގެ ފެކްޝަނެވެ. އެމްޑީޕީގެ އެންމެ ކުރީގެ ރައީސް އިބުރާ ފޭލިވެގެން ދިޔައީވެސް އެ މަގުންނެވެ. ފުރަތަމަ ރިޔާސީ ޕްރައިމަރީއާއިއެކު ޑރ. މުނައްވަރާއި އޭނާގެ ފެކްޝަން އެމްޑީޕީއާ ދުރަށް ޖެހުނެވެ. އަލްހާނު ފަހުމީއާއި އަލީ ވަހީދު މެން އޮއިކާށިތަކެއްހެން އޮޔާދެމެނީ އެހެން ކަމެއްވެގެނެއް ނޫނެވެ.  

މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިންމަން އެކުގައި ގަދަކޮށް ނިކުތް ގިނަ މީހުން މައުމޫނާ ވާދަ ކުރަންވީއިރު އެމްޑީޕީއަކު ނެތެވެ. ޑރ. ވަހީދާއި އިބްރާއާއި ޑރ. މުނައްވަރު ފަދަ މީހުން ގިނަ ބަޔަކާއެކު އެމްޑީޕީން އެކަހެރި ވީއެވެ. މައުމޫނާ ވާދަ ކުރަން ނިކުތް ފުރަތަމަ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ފުރަތަމަ ރައީސް އިބުރާވެސް އެމްޑީޕީއާއި އެއްގޮތަށް މައުމޫނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރިއެވެ. ގަނޑުކޮށް ބޮޑުކޮށް އޮވެ މައުމޫނު ވައްޓާލަން ނިކުތް އެމްޑީޕީ މައުމޫނާ ވާދަކުރަން ޖެހުނު އިރު އެތެރޭގެ އިންތިހާބުތަކުގެ ޒަހަމުގައި އޮތީ އަމިއްލައަށް ކޮށާ ކުޑަކޮށްލާފައެވެ.

2008ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނީ އެތެރޭގެ އިންތިހާބީ ކޯޅުމުގައި ލިބުނު ޒަހަމުންނެވެ. އެމްޑީޕީގެ ރަންޒަމާނުގައިވެސް އެހެން ބަޔަކާ ކޯލިޝަން ނުހަދާ ވެރިކަމަށް ނާދެވުނީ އެތެރޭގެ އިންތިހާބު ތަކުގައި ކަށިހަފާ ކެއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 

2023 ވެސް އެމްޑީޕީއަށް ގެއްލުނު މައިގަޑު އެކަމެއްގެ ގޮތުގައި އެތެރޭގެ ގަޑުބަޑު ބޮޑުވެ ޗެއަރޕާސަން އިންތިހާބުގައި ފައްޔާޒާއި އިމްތިޔާޒް ފަހުމީގެ ކެންޕޭނު ދިޔަލެއް ހުތުރުވުން ފާހަގަ ކުރެވެއެވެ. 2023 ގެ ރިޔާސީ ޕްރައިމަރީގެ ބޮޑު ޑެމޭޖު އެމްޑީޕީއަށް ވެރިކަން ދިފާއު ނުކުރެވުމުގެ ސަބަބަށް ނުވެނުދާނެއެވެ. 

މާޒީގެ ތަޖުރިބާއަށް ބަލާ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކާމިޔާބު ކުރުމަށްޓަކައި އެކުގާ މަސައްކަތް ނުކުރެވޭ ވަރަށް ކުށްދެއްކުމާއި ކުށްވެރިކުރުން ހުއްޓާލަން ޖެހެއެވެ. އެތެރޭގެ ކޯޅުންގަނޑު ބޮޑުވެ ޕާޓީން ބޭރަށް ހުޅުފަޅައިގެން ގޮސް ދުރުތިބީން ހުޅުގަނޑަށް ތެޔޮ އެޅޭ ވަރަށް ދިމާކުރީމާ ކަމަކުނުދެއެވެ. ސޯޝަލް މީޑިއާގެ އޮޅިތަކަކީ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ޕްލެޓްފޯމަށް ހެދުމުން ހުރިހާ ގެއްލުމެއް ލިބެނީ ޕާޓީއަށެވެ. އެތެރޭގެ ވާދަ ވެރިކަމާހެދި މުއިއްޒު މަތިން އެމްޑީޕީ ހަނދާން ނެތިއްޖެ ކަހަލައެވެ.