ތިބޭ މީހުނަށް ކިޔާނަމަކުން އިންޑިއާއަށް އެޅޭހުރަހެއްނެތް
ހެލިކޮޕްޓަރާ ހަވާލުވީ 26 މަދަނީން ކަމަށް ބުންޏަސް އެއީ ތެދެއްނޫން
ސަރަހައްދު ބެލެހެއްޓުމަށާއި ރެސްކިއު އޮޕަރޭޝަންގައި އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓެއް ރާއްޖޭގައި ބޭނުން ކުރާތާ 12 ވަރަކަށް އަހަރު ވެއްޖެއެވެ. އޭގެތެރެއިން އެއް ހެލިކޮޕްޓަރ އޮންނަނީ އައްޑު އަތޮޅު ގަމުގައެވެ. އަނެއް ހެލިކޮޕްޓަރު އޮންނަނީ ހަނިމާދޫގައެވެ. ގެނައިއްސުރެ ވައިގެ އެ އުޅަދުތައް ދުއްވާ ބަލަހައްޓަމުން އައީ އިންޑިއާގެ ޓެކްނިކަލް މީހުންނެވެ.
އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓަކީ އިންޑިއާ އަޝްކަރިއްޔާގެ އުޅަދު ތަކެކެވެ. އަޝްކަރީ އުޅަދު ފަހަރު ދުއްވާ ބެލެހެއްޓުމަކީ އަޝްކަރީ މީހުން ކޮށްއުޅޭ ކަމެކެވެ. އެހެން ކަމުން އެއްބަސްވުމެއްގެ ދަށުން އެ އުޅަނދު ފަހަރު ދުއްވާ ބަލަހައްޓަން ތިބެނީވެސް އިންޑިއާ އަޝްކަރިއްޔާގެ ޓެކްނިކަލް މީހުންނެވެ. އަޝްކަރީ އުޅަނދު ފަހަރު ދުއްވާ ބަލަހައްޓާކަށް މަދަނީންނެއް އެއްވެސް ތާކު ނުތިބޭނެއެވެ.
ކަނޑުމަގުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ ރާއްޖޭގެ ކޯސްޓް ގާރޑްގެ އުޅަނދު ފަހަރެވެ. ކޯސްޓް ފަހަރު ދުއްވާ ބަލަހައްޓަނީ މަސް އޮޑިފަހަރު ދުއްވާ ކެޔޮޅުންނާއި ފަޅުވެރިންނެއް ނޫނެވެ. ކޯސްޓްގާރޑް އުޅަދު ފަހަރު ދުއްވާ ބަލަހައްޓަނީ ރާއްޖޭގެ ސިފައިންގެ ތެރޭގައި ތިބި އެކަމުގެ ޓެކްނިކަލް މީހުންނެވެ. މަދަނީންނެއް ނޫނެވެ.
ސިޔާސީ ގޮތުން ކިތަންމެ ބޮޑަށް މަތިއަޅަން އުޅުނަސް ރާއްޖޭގައި ގެންގުޅޭ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓްގެ ކަންކަން ކުރާނީ އިންޑިއާގެ އަޝްކަރިއްޔާއިންނެވެ. އެތާނގެ ޓެކްނިކަލް މީހުންނެވެ. އިންޑިއާގެ އާއްމުންނެއް ނޫނެވެ.
އިންޑިއާއަކީ އަޝްކަރީ ގޮތުން ކުޅޭކުޅޭ ގައުމެއްނޫނެވެ. އިންޑިއާގެ އަޝްކަރީ އުޅަދުތަކެއް މަދަނީންނާ ހަވާލުކޮށްފައި ބޭއްވުމަކީ މުސްތަހީލު ކަމެކެވެ. ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓް ދުއްވާ ބަލަހައްޓަން ކުރިއަކުވެސް މިހާރަކުވެސް ރާއްޖޭގައި ތިބީ ހަތިޔާރުއެޅި ހަނގުރާމަ މަތީ އިންޑިއާ ސިފައިނެއް ނޫނެވެ. އޭރުވެސް މިހާރުވެސް ތިބީ ޓެކްނިކަލް މީހުންނެވެ.
އައްޑޫގައި ތިބި އިންޑިއާ ސިފައިން ފުރާފައިވާ ކަމަށް ބުނެ އޮޅުވަލާނެ ކަމެއް ނެތެވެ. ކުރިން ގަމުގައި ތިބި އިންޑިއާ ސިފައިން ފުރީ ކަމަށް ވެދާނެއެވެ. އައްޑޫ ގަމުގައި އޮތް ހެލިކޮޕްޓަރާ ހަވާލުވީ އިންޑިއާގެ 26 މަދަނީން ކަމަށް މުއިއްޒު ސަރުކާރުން ބުންޏަސް އެއީ ތެދެއް ނޫނެވެ. އައްޑޫ ގަމުގައި އޮތް ހެލިކޮޕްޓަރާ ހަވާލުވީ އިންޑިއާގެ 26 މަދަނީން ކަމަކަށް އިންޑިއާއަކުން އެންމެ ފަހަރަކުވެސް ނުބުނެއެވެ.
އިންޑިއާއިން މިހާތަނަށް ބުނަމުން އަންނަނީ ރާއްޖެ ފޮނުވީ އެ ގައުމުގެ ޓެކްނިކަލް މީހުން ކަމަށެވެ. އިންޑިއާއިން ފޮނުވީ މަދަނީންކަން ކަށަވަރުކުރާ ގޮތެއް މިހާތަނަށް މުއިއްޒު ސަރުކާރަކަށް ބުނެއެއް ނުދެވެއެވެ. ބުނެއެއް ނުވެސް ދެވޭނެއެވެ. މުއިއްޒު ސަރުކާރުން އެބުނާ މަދަނީންގެ ފޮޓޯއެއް ނަމެއްހާ ހިސާބު ވެސް އަދި ހާމައެއް ނުކުރެވެވެ.
ހަމަ އެކަނި އިންޑިއާއިން އެކުރާ ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ އަޝްކަރިއްޔާގެ ޓެކްނިކަލް 89 މީހުންގެ ގެންގޮސް އައު ބެޗެއް ޑިއުޓީއަށް ފޮނުވުމެވެ. މަދަނީންނޭ ކިޔަސް ޓެކްނިކަލް މީހުންނޭ ކިޔަސް ސިފައިންނޭ ކިޔަސް އިންޑިއާއަށް މާ ބޮޑު ފަރުވާލެއްނެތެވެ. އަޝްކަރީ އެ ތިން އުޅަނދު ރާއްޖޭގައި ބާއްވައިގެން އިންޑިއާއިން ނަގަން ބޭނުންވާ ފައިދާއެއް ނެގުމަކަށް ތިބޭ މީހުނަށް ކިޔާނަމަކުން އެޅޭ ހުރަހެއްނެތެވެ.