ސަރުކާރުގެ މާލީ ސިޔާސަތު ފޭލިވުމުގެ ބުރަ އާއްމު ރައްޔިތުންނަށް

އީ ކޮމާޝަލް ޕްލެޓްފޯމް ތަކުން ތަކެތި ގަންނަން ޑޮލަރު ދެން ޑޮލަރު ގަންނަން ލިބޭނީ ކަޅު ބާޒާރަށްވުރެވެސް އަގުބޮޑުކޮށް ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ މާލީ ސިޔާސަތު ފޭލްވުމުގެ ބުރަ އުފުލަން މި ޖެހުނީ އާންމު ރައްޔިތުން ކަމަށް ވެސް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއެވެ.
އޮނަރަބަލް ޝާހިދު އެ މޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވީ ބީއެމްއެލުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 1 ޖުލައި 2025 އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށް, ތެމޫ އަދި ޝެއިން ފަދަ އީ ކޮމާސް ޕްލެޓްފޯމް ތަކުން ކުރާ ވިޔަފާރި ތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމާ ގުޅިގެންނެވެ.
އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާއިރު 30 ޕަސެންޓާއާ ހަމައަށް ފީއެއް ނެގޭނެ ކަމަށް ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން ޝާހިދު އެކްސްގަައި ވިދާޅުވީ ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑު ކުރުމުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ.
30 ޕަސަންޓުގެ ފީގެ ސަބަބުން ރައްޔިތުން، އީ ކޮމާޝަލް ޕްލެޓްފޯމް ތަކުން ތަކެތި ގަންނަން ޖެހޭނީ ޑޮލަރުގެ ކަޅު ބާޒާރަށްވުރެ އަގުބޮޑުކޮށް ކަމަށް ވިދާޅުވީ އެއީ ބޭރުފައިސާ އާއި ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. މިއީ ސަރުކާރުގެ މާލީ ސިޔާސަތުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ އަގު ބޮޑުވެފައިވާ ދަނޑިވަޅު ބަލައި، ގިނައިން ބޭންކަށް ޑޮލަރު ހޯދުމުގެ ގޮތުން ބީއެމްއެލްއިން ނިންމި ނިންމުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ފެއިލްވެފައިވާ އިގްތިސޯދީ ބުރަ އާންމު ރައްޔިތުން ތަހައްމަލު ކުރަންޖެހޭ ބީދާއިން ސަރުކާރުން ކަންކަން ކުރަމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓު ތަކަށް އޮންނަ އެކްސެސް ދިވެހި ރައްޔިތުންގެ އަތުން ނިގުޅައި ގަނެވެމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.