އައިޑީކާޑު ވައްކަމުން ޕީއެންސީ ބޮޑުކުރިހެން ރާއްޖޭގެ އާބާދީ ބޮޑުކުރަން ނުހަދާ!
ގޯލްޑަން ވިސާ ރެސިޑެންސީ ޕާސްޕޯޓް ގަންނަ މީހުންގެ އާބާދީ ގައުމަށް އޮތް ބިރެއް
ރާއްޖެ ގޯލްޑަން ވިސާއަށް ހުޅުވާލަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބަދަލު ގެނެސްގެންވެސް އިންވެސްޓްމަންޓަށް ރަށްވެހިކަން ވިއްކަން އެތިބީ ފޫގަޅާފައެވެ. ކަމުގެ ހައްސާސްކަމާއި ނުރައްކާތެރިކަމަށް ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ.
ސިޓިޒަންޝިޕް ބައި އިންވެސްޓްމެންޓް (ސީ.ބީ.އައި) އަށް އެދޭ މީހުން ވެޓްކުރުމަށް އަމިއްލަ އިންޓެލިޖެންސް ކުންފުނިތަކުން ބޭނުންކުރާ ޑިއު ޑިލިޖެންސް އުސޫލުތައް ރާއްޖޭގައި ހަދާނީ ކޮންފަރާތަކުން ހެއްޔެވެ. ރައްޔިތުންގެ އައިޑީ ކާޑުން ވައްކަންކޮށްގެން ޕީއެންސީ ބޮޑުކުރި މިސަރުކާރުގެ ހޯމްމިނިސްޓަރު އިހުސާނު ހެއްޔެވެ.
ބޮލަކަށް ދެލައްކަ ފަންސާސްހާ ޑޮލަރުގެ ރޭޓުން ރަސްމާލޭން އަދި އެސްއީޒެޑް ތަކުން ވިއްކާ ގޯލްޑަން ވިސާ ރެސިޑެންސީ ޕާސްޕޯޓް ގަންނަ މީހުން ގެ އާބާދީ އެތަކެއްހާހަކަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ. މީގެތެރޭ ބޮޑެތި ޖިނާއިކުއްވެރިންނާ ޑްރަގްޑީލަރުންތައް ވެސް ރާއްޖޭގެ ގޯލްޑަންވިސާ ޕާސްޕޯޓު ގަންނާނެކަމަށް ކަމާބެހޭ މާހިރުން ދަނީ ބުނަމުންނެވެ.
އެހެން އެކަން ވެއްޖެނަމަ ބޭރުގައުމުތަކުން ދިވެހި ޕާސްޕޯޓަށް ދީފައިވާ ލުއިފަސޭހަތައް ހަރުކަށި ކުރާނެއެވެ. ދިވެހި ޕާސްޕޯޓަށް މިހާރު އޮންނަ އިތުބާރެއް އޭރަކުން ނުއޮންނާނެއެވެ.
ސިޓިޒަންޝިޕްގެ ވިޔަފާރި އާއްމު ގޮތެއްގައި ކުރަނީ ހަލާލު މަސައްކަތުން ގައުމުގެ އިގްތިސޯދު ކޮޅަށް ޖަހަން ފުރުސަތު ނެތް ތަންތަނުގައެވެ. ރާއްޖޭއަކީ ސިޓިޒަންޝިޕް ނުވިއްކިއަސް ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް އޮތް ގައުމެކެވެ. ރާއްޖޭގައި މިހާރުވެސް ބޭރުގެ މިލިއަން ޑޮލަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ބައިވަރު އެބައޮތެވެ. 99 އަހަރަށް ބިންވިއްކާ ރަށްވެހިކަން ވިއްކައިގެން ގައުމުގެ ވަންތަކަން ނަގާނުލާވެސް ތަނަވަސްކަން ހޯދޭން ރާއްޖޭގައި އެބައޮތެވެ.
ފައިސާ ލިބުނަސް ސަރުކާރަކުން ކުރަންވާނީ ކުރަންވާ ވަރުގެ ކަންކަމެވެ. ފައިސާ ހޯދުމަށްޓަކާ ހަށިވިއްކުމާއި ހިއުމަންޓްރެފިކް ކުރުމާއި ޑްރަގް ޑީލްކުރުމާއި މަނީލޯންޑް ކުރާ ހިސާބަށް ސަރުކާރެއް ހިނގައްޖެނަމަ އެބަޔަކު އަވަހަށް ފައްސާ ނަގާލުމަށްވުރެ މޮޅުގޮތެއް ގައުމަކަށް ނުއޮންނާނެއެވެ.




