ގޯހެއްގެ މަތިއަޅަން އިތުރު ބޮޑު ގޯހެއް

އަބުޗާ މިނިވަންކުރީ ގޯހުން | އަލުން ހައްޔަރުކުރީ ވެސް ގޯހުން

ގޯހެއްގެ މަތިއަޅަން އިތުރު ބޮޑު ގޯހެއް

ދިވެހިރާއްޖޭގެ ދުސްތޫރުގައި މީހަކު ހައްޔަރު ކުރުމުގެ އިޖުރާއަތްތަކެއް ކަނޑައަޅާފައިވެއެވެ. މީހަކު ހައްޔަރު ކުރަން ޖެހޭ ސަބަބުތަކެއްވެސް އެ ދުސްތޫރުގައި ކަނޑަ އަޅާފައިވެއެވެ. ދައުލަތުގެ މައްޗަށް އެ އިޖުރާއަތްތަކާއި އުސޫލުތައް ދެމެހެއްޓުމަކީ ލާޒިމު ކުރާކަމެކެވެ. އެ އިޖުރާއަތްތަކާއި ހިލާފަށް މީހަކު ހައްޔަރުކުރުމާއި ހައްޔަރުގައި ބެހެއްޓުމަކީ ގައިރުގާނޫނީ ކަމެކެވެ. އެކަން ވާނީ ފޯސްފުލް ޑިސެޕިއަރަންސް އެއްގެ ގޮތުގައި ކަމަށް ގާނޫނީ މާހިރުން ބުނެއެވެ.

ކުށްކުރުމުގެ އަމަލުތައް ގިނަ ނުވަތަ ކުށުގެ ކުޑަބޮޑު މިނަށް ބަލާފައި މީހުންނަށް މާފު ދިނުމާއި ނުދިނުން ހިމެނިފައިވާނީ އެކަމަށް ކަނޑައަޅާފައިވާ ގާނޫނު ތަކުގެ އަލީގައެވެ. އެކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ އެޅިފައިވަނީ ދައުލަފުގެ އެންމެ އިސް މީހާގެ ބޮލުގައެވެ. ކަންކަން ރަގަޅު ހެޔޮ މަގުގައި ނުވަތަ ރަނގަޅު ތަރުތީބެއްގައި ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ ވަނީ ރައީސް މީހާގެ ޒިންމާތަކުގެ ތެރެއިންނެވެ. އެ ކަންކަން ރަނގަަށް އިންތިޒާމު ވާންޖެހޭނެއެވެ. 

ޕެރޯލް ދިނުމަކީ ކުށްވެރި އަމަލުތައް ހިންގާ ފަރާތްތަކަށް އަލުން މުޖުތަމައުގައި ޖަމާއަތެއްގެ ގޮތުގައި އުޅުމަށް ދެވޭ ފުރުސަތެވެ. އެކަން ކުރެވޭނީ އެ ފުރުސަތުތައް ދިނުމަށް ކަނޑައަޅާ ވަކި ނިޒާމެއްގެ ތެރެއިންނެވެ. ވަކި ބައެއްގެ ބެލުމުގެ ދަށުންނެވެ. ކޮންމެ ތަރުތީބެއް ނަމަވެސް ކަނޑަ އަޅާފައިވާ އުސޫލުތަކުގެ ތެރެއިން މީހުން މިނިވަން ވުމުގެ ފުރުސަތު އާންމުކޮށް ލިބިފައިވާން ޖެހޭނެއެވެ.

ޕެރޯލްގެ ކަންކަން ވިލަރެސް ކުރުމަށް ވުޒާރާއެއް ކަނޑައަޅާފައިވެއެވެ. ޕޮލިހާއި ކަރެކްޝަނާއި އެޓާނީ ޖެނެރަލާއި ހެލްތު މިނިސްޓްރީއާއި އެޑިއުކޭޝަނާއި އިސްލާމިކް އެފެއަރސްއާއި ސިއްހީ މާހިރެއް ހިމެނޭހެން ކޮންމެ އިދާރާއެއް ތަމްސީލު ކުރާ މީހަކު ހިމެނޭ ގޮތަށް ދިވެހި ދައުލަގުގެ ޕެރޯލް ބޯޑުވަނީ އެކުލަވާލާފައެވެ. އަދި ހަމަ އެފަދައިން އެ ބޯޑަށް ދޭން ޖެހޭ ލަފައާއި މަޝްވަރާ އަދި ސުޕަވައިޒްކުރުމުގެ ޒިންމާދާރު ވެރިއަކީ ހޯމް މިނިސްޓަރެވެ. އެހެން ކަމުން ނިޒާމުގެ ތެރެއިން ގޯސްތަކެއް ހިނގާފައިވާނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ފަރާތަކަށް ހޯމް މިނިސްޓަރު ވާނެއެވެ.

މިފަހަރުވެސް މިވީ އެދަފަ ކަމެކެވެ. ޕެރޯލުން މީހަކު މިނިވަން ކުރީއެވެ. އޭނާ އާއިލާއާއި އެކު ވަގުތު ހޭދަކުރަމުން ދަނިކޮށް ބަޔަކު މީހުން ހެދި ގޯހަކުން އެމީހާގެ މިނިވަންކަން އަލުން ދައުލަތުން ނިގުޅައިގަތީއެވެ. ޕެރޯލް ނިޒާމުގެ ތެރޭގައި ގޯހެއް ހުރިނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުގެ ވެރިންނެވެ. ހޯމް މިނިސްޓަރެވެ. ރައީސުލް ޖުމްހޫރިއްޔާއެވެ. މިނިވަންވީ މީހާއެއް ނޫނެވެ.

ރާއްޖެއަށް ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބުވެސް ދޭން ވީއެވެ. އެކަންކޮށްގެންވިޔަސް ރާއްޖެ ޑަރަގުން ސަލާމަތް ކުރަން ޖެހެއެވެ. ދިވެހީންގެ މުސްތަގުބަލަށް ޓަކައެވެ. ދަރީންގެ މުސްތަގުބަލަށެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް އުސޫލެއް ނިޒާމެއް އޮންނަން ވާނެއެވެ.

މީހަކު މިނިވަން ވުމަށް ފަހު އަލުން ހައްޔަރު ކުރަންވާނީ މިނިވަން ކުރީ ޝަރުތު ތަކަކާއި އެކު ކަމުގައިވާނަމަ އެ ޝަރުތުތަކާއި ހިލާފު ވުމުންނެވެ. ނުވަތަ އިތުރު ކުށެއްކޮށްގެންނެވެ. ކުށަކާ ނުލާ ނުވަތަ ޝަރުތަކާއި ހިލާފުނުވެ ހުއްޓާ ހައްޔަރު ކުރުމަކީ ގާނޫނީ ކުށެކެވެ. ގާނޫނު އަސާސީއާއި ގާނޫނުތައް ތަންދޭ ކަމެއް ނޫނެވެ. އަދި އެފަދަ ކަމަކަށް ބާރު ދިނުމަކީވެސް ކުށެކެވެ.

ގާނޫނު އަސާސީ ބުނަނީ ގައިރު ގާނޫނީ އަމުރެއް ކޮށްގެން ނުވާނެކަމެވެ. އަދި ގައިރު ގާނޫނީ އަމުރަކަށް ކިޔަމަންވެސް ވެގެން ނުވާނެކަމެވެ. ދައުލަތުގެ ގޯހަކުން ނުވަތަ އިހުމާލުން ހިނގާ ގޯސްތަކުގެ ޝިކާރަވެރިއަކީ ރައްޔިތަކަށް ވެގެން ނުވާނެއެވެ. އެ އީ އަދި މާބޮޑު ގޯހެކެވެ. އެފަދަ ކަމެއްގެ ނަތީޖާއަކީ ދައުލަތް އަޑީގައި އޮވެގެން މީހަކު ނިޒާމުން ގެއްލުވާލުމެވެ.