ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަނީ

ބިންވެރިޔާ ސްކީމްގެ ދަށުން 9001 ގޯތި ދިނުމަށް ވަނީ ނިންމާފަ

ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަނީ

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަނީއެވެ. އެކަން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވަނީ ކަށަވަރުކޮށްދީފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން 9001 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ގޯތި ހިމެނެއެވެ.

ކުރިން ހަމަ ޖެހިފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހު ރަޖިސްޓްރީ ހަވާލުކުރަން ފެށުމަށެވެ. އިދާރީ ބައެއް މަސައްކަތް ނުނިމޭތީ ރަޖިސްޓްރީ ހަވާލުކުރުން މާދަމާއަށް ވަނީ ލަސްކޮށްފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދިނުމަށް ނިންމާ ވަނީ ގުރުއަތުލުން ވަނީ ނަގާ ނިމިފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. 

ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ސަރުކާރުން ކަނޑައަޅާ ވަކި އިދާރާއަކަށް ދެވޭގޮތަށް ޤަވާއިދު ބަދަލުކޮށް ރައްޔިތުން ބިންވެރިކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ސަރުކާރުން ދަނީކުރަމުންނެވެ. ވަކި ސަރަޙައްދެއް ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއަކުން ރަޖިސްޓްރީގެ ކަންކަން ހަމަޖެއްސޭ ގޮތަށް މިހާރު ގަވައިދުވަނީ ބަދަލުކޮށްފައެވެ. އައު ޤަވާއިދު ބުނާގޮތުން ނުހިއްކާތަނަކުންވެސް ނުވަތަ އިން ނުކަނޑާތަނަކުންވެސް ގޯތި ދީ ރަޖިސްޓްރީ ހެއްދިދާނެއެވެ. ނުވަތަ ގޯތި ލިބޭކަމުގެ ލިޔުން ދެވިދާނެއެވެ.