ގޯތި ކަށަވަރުކުރުމަށް ވެރިކަން ބަދަލުކުރުމަކީ ރިސްކެއް
މީހެއްގެ ޕްރޮކްސީގައި މީހަކަށް ވެރިކަން ކޮށްދޭން ނިކުމެހުރީ ގޮނޑިކޮއްކޮއެއް
މާލޭގެ ރައްޔިތުންނަށް ރައީސް ސޯލިހު ސަރުކާރުން ދީފައި ހުރި ގޯތިތައް ފެނުން މައްޗަށް ނަގައިދީ ފްލެޓުތައް އަޅައި ދެއްވާން މުއިއްޒު އުޅުއްވާނެ ކަމެއް ނެތެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ނިންމާ ގޯތި ކަނޑާ ދެއްވާނީ ރައީސް ސޯލިހެވެ. އެ ތަންތާ އިމަރާތް ކުރެވޭނެ ގޮތް ހައްދަވާ ދެއްވާނީވެސް ރައީސް ސޯލިހެވެ. މުއިއްޒު އެކަމަކާ އުޅުއްވާނެ ކަމެއް ނެތެވެ.
މާލޭގެ ރައްޔިތުންނަށް ގޯއްޗަކީ ބޭނުންވެފައިވާ ތަނެއްކަން އެނގުނީ މި ސަރުކާރަށެވެ. މި ސަރުކާރުން ގޯތި ދޭނެ ބިން ކަނޑައަޅާ ގޯތި ދޭން ނިންމީ މި ސަރުކާރަށް އެކަން ވާނެތީއެވެ. މާލޭ ރައްޔިތުން ބޮލަށް ޗިޕްޖަހަން ގޯތީގެ ވާހަކަ މުއިއްޒު ނުދައްކަވާށެވެ. މުއިއްޒު ރާއްޖޭގެ ހައުސިން މިނިސްޓަރުކަން މެދުނުކެނޑި 7 އަހަރު ކުރެއްވީމު ނޫން ހެއްޔެވެ. އެމްޑީޕީގެ ކުރީގެ ސަރުކާރުން ގުޅިފަޅުން ބިން ދިން މީހުނަށް ދިން ގޯތިތަކަށް މުއިއްޒު މެންނަކަށް ގޮތެއް ހޯއްދަވައެއް ނުދެއްވުނެވެ. ފުށިދިއްގަރު ފަޅުން ގޯތީގެ ލިޔުން ދިން ފަރާތް ތަކަށް މުއިއްޒުމެން ސަރުކާރުގައި ތިބެ ގޮތެއް ނުދެއްކުނެވެ.
މަލޭގެ ރައްޔިތުންނަށް ގޯތި ގެދޮރު ހޯދާ ދޭން ރައީސް ސޯލިހު ފައްޓަވާފައިވާ ގައުމީ މަސައްކަތް މުއިއްޒުމެން ވެރިކަމަށް އައިސް ހުއްޓުވާ ފަސްކޮށް ލަސްކުރާކަށް ފުރުސަތު ދެވޭކަށް ނެތެވެ. މާލޭ ރައްޔިތުން ތިބީ ރައީސް ސޯލިހަށް ދެވަނަ ދައުރު ދީގެން ވެސް އެ މީހުންގެ ގޯތި ކަށަވަރު ކުރާށެވެ. އެހެން ބަޔަކު ވެރިކަމަށް ގެނެސްގެން ބަދަލުތަކެއް ގެނެސް އެގޮތް މިގޮތްވެ ގޯތިގެ ކަންކަން ފަސްވާކަށް މަލޭ މީހުން ބޭނުމެއް ނޫނެވެ. އައު ބަޔަކު ވެރިކަމަށް ގެނެސްގެން އަލުން ބަލުން ކަންކަން ދަސްކޮށްގެން އޮޅުން ބޮޅުން އަރައިގެން އުޅޭތަން ދެކޭކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ. އެ ފުރުސަތު ދޭކަށް މާލޭ މީހުން މިހާރު ބޭނުމެއް ނޫނެވެ.
މަލޭގެ ގޯތި ގެދޮރުގެ ކަންކަމުގައި ރައްޔިތުން މުއިއްޒަށް އިތުބާރު ކުރަން ޖެހޭ ސަބަބެއް ނެތެވެ. މުއިއްޒަކީ އަމިއްލަ ފައިމަތީގައި ހުރި ރިޔާސީ ކެންޑިޑޭޓެއް ނޫނެވެ. މުއިއްޒުގެ ސަރުކާރެއްގައި ހިނގާނީ މުއިއްޒުގެ ސިޔާސަތެއް ނޫނެވެ. އެހެން ކަމުން މުއިއްޒުގެ ވެރިކަމެއްގައި ކުރެވޭނެ ކަންކަމާ ނުކުރެވޭނެ ކަންކަމަކީ ކޮބައިކަން ހޮދު މުއިއްޒަށް ވެސް ނޭނގޭނެއެވެ. މިހެން މިކަން އޮތް އިރު މި ސަރުކާރުން ދޫކުރާ ގޯތިތަކެއް ފެނުން މައްޗަަށް ނަގާނެ ގޮތް މުއިއްޒަށް އެނގޭނީ ކޮންހެނެއް ހެއްޔެވެ. މުއިއްޒު ބޭނުންވިޔަސް ޔާމީނު ބޭނުން ނުވަންޏާ އެކަމެއް ޖެހޭނީ ހުއްޓާލާށެވެ.
ރައީސް ސޯލިހު ސަރުކާރުން ކުރިކަމަކަށް ވެގެން އެކަން އެގޮތަށް ނުކުރުމަށް ޔާމީނު ނިންމަވައިފިއްޔާ މުއިއްޒަށް އެކަމެއް ނުވާނެއެވެ. ސަރުކާރު ބަދަލުކޮށްގެން މަލޭގެ ގޯތީގެ މައްސަލަ ހުއްޓުމަކަށް އަތުވެދާނެ ހާލަތަކަށް ގެންދާކަށް މާލޭ މީހުން ބޭނުމެއް ނޫނެވެ. މި ސަރުކާރުން ކެހި ކަނޑުލުގެ ހިތި ފިލުވާ ގޯތީގެ އުފާވެރިކަން މާލޭ މީހުނަށް ހޯދުމަށް ވެރިކަން ބަދަލު ކުރުމުގެ ރިސްކެއް ނަގާކަށް މާލޭ މީހުން ނޫޅެއެވެ. ނެތް ބިމުން ގޯތިދެނީ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން އުޅުނަސް ނެތް ބިން ރަން ބިމަށް ހަދަން މި ސަރުކާރަށް އެނގޭކަން މާލޭ މީހުން ގަބޫލުކޮށްފިއެވެ.
މީހެއްގެ ޕްރޮކްސީގައި މީހަކަށް ވެރިކަން ކޮށްދޭން ނިކުމެގެން އުޅޭ މުއިއްޒަށް ވެރިކަން ލިބުނަސް ހުންނާނީ އަތް ބަނދެވި ހިލިހިލާ ޖެހިގެންނެވެ. ދިވެހި ރައްޔިތުންގެ ވެރިކަމަށް ގޮނޑިކޮއްކޮ އަކު ގެނެސްގެން ރައްޔިތުން ބިކަވުން ނޫން ކަމެއް ނުވާނެކަން މާލޭގެ ރައްޔިތުންނަށް އެނގެއެވެ.