އަމީނަށް: ގާސިމު ތަންމައްޗަށް ވެސް ވަޒީރުކަމެއް އެބައޮތް
ނަހުލާ ނިކުތީ ގާސިމާއި ސިޔާދު މިންޖުކުރާން
އަނގައެއް އޮތަތީ މީހުންގެ ތެރެއަށް ނިކުމެ އަނގަ ދިޔާކުރަން އަމީނު އިބްރާހީމް ލަދުނުގަންނަ ކަމެވެ. 2018 ގައި ރައީސް ސޯލިހު ސަރުކާރުގެންނަން އަމީނު އިބްރާހީމް ހައްދަވައިގެން ކުރި ކަމެއް ދެނަހުރި ދިވެއްސަކު މިގައުމަކު ނެތެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ބޭއްވި މޭޑޭ މުޒާހަރާ އަށްފަހު ފިލައިގެން ގޮސް އިނގިރޭސި ވިލާތުގައި ބޮނދާ އޮތް ފިނޑި ކަނބިއްޔަކަށް މި ސަރުކާރު ގެންނަން މީހުން ކުރި މަސައްކަތެއް ނޭނގޭނެއެވެ.
ނޭނގެންޏާ ކޯތަޅުވަން ނުހަދާށެވެ. މި ސަރުކާރު ވެރިކަމަށް ގެނައީ ރައީސް ޔާމީނުގެ އަނިޔާވެރިކަމާ ދެކޮޅަށެވެ. ޖަލުގައާއި އަރުވާލެވިގެން ތިބި ރާއްޖޭގެ ސިޔާސީ ހުރިހާ ވާދަވެރިން މިނިވަން ކުރުމަށެވެ.
ލޮލަށް މިރުސްފެން އެޅިފައި ނެތިއްޔާ ވާނުވާ ފެންނާނެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމު އޮތީ ހުކުމަށް ފިލަން ޖަރުމަނުގައެވެ. ވިލާގްރޫޕްގެ ސިޔާދު ގާސިމް އޮތީ ރިޝްވަތު ދިނުމުގެ ތުހުމަތުގައި ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. މި ސަރުކާރު ގެންނަން ކަނޑިކިން ދެދަރު ބަނދެގެން ގާސިމްގެ އަނބި ނަހުލާ ނިކުތީ ގާސިމާއި ސިޔާދު މިންޖު ކުރާށެވެ. ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދާކަށް ނޫނެވެ. ޖުމްހޫރީން މިސަރުކާރުގެންނަން ނިކުތީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރާށޭ މިއަދު ބުނީމާ އަންނަނީ ހިންޏެވެ.
އަމީނުގެ އިބުރާހީމްގެ ލަދު ހަޔާތް ނުގަންނަކަމެވެ. މިސަރުކާރު މުޅި ރާއްޖެއަށް ގެނެސްދީފައި އޮތް ކުރިއެރުން އަމީނު އިބުރާހީމަށް ފެންނަ ވަރަށްވުރެ ވެރިކަމުގެ ދަހިވެތިކަން މާބޮޑެވެ. ރާއްޖޭގައި މުޅިން އަލަށް އެތައް ކްލާސް ރޫމާއި މަލްޓިޕަޕަސް ހޯލުތަކާއި ޖޫނިއަރ ކޮލެޖުތަކާ ސެޓެލައިޓް ސްކޫލުތައް ބިނާކޮށް އެތައް ހާސް ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔަވާދީ ތައުލީމީ ފެންވަރު މަތިކޮށްފައި އޮތްތަނެއް އަމީނު އިބުރާހީމަކަށް ނުފެންނާނެއެވެ. ސިއްހީ ފެންވަރާއި އާންމު ދިރިއުޅުމުގެ ފެންވަރު މަތިވެ ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް މި ސަރުކާރުން ގާއިމުކުރަމުން ދާކަން އަމީނަކަށް ނޭނގެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ވެސް އެއްކޮށް ފުނޑިފައިވާ ކަމަށް ބުނެ އަމީނު އިބްރާހީމް އަމިއްލަ ނަފްސަށް މަލަމާތް ކުރެވޭ އިރު ނޭގެއެވެ. ރާއްޖޭގެ މަސްވެރިކަމާ ދަނޑުވެރިކަމުގެ ވުޒާރާ ހިންގަނީ ޖޭޕީން ކަންވެސް ބުރާންތި ކަމުން ނޭނގެއެވެ. ދަތުރު ފަތުރާ ބެހޭ ވަޒީރުކަންވެސް ކުރަނީ ޖޭޕީން ކަމެއް އަމީނަކަށް ނޭނގެއެވެ. އަމީނުމެން ފަތުރަން ބޭނުންވާހާ ފިތުނަ ފަސާދައިގެ ވާހަކަތައް ބޭނުންވާހާ ގޮތަކަށް ފަތުރާ ނުދޭތީ މީޑިއާތަކަށް ތުހުމަތުތައްކޮށް ކޯތަޅުވަން ނޫޅޭށެވެ.
މި ސަރުކާރު ވެރިކަމަށް ގެންނަން ވެގެން އުޅުމުން ޖުމްހޫރީންނަށް ނުލިބެނީ ކޮން އެއްޗެއް ހެއްޔެވެ. ގާސިމުގެ ތަންމައްޗަށް ވެސް ވަޒީރުކަމެއް އެބައޮތެވެ. ޓޫރިޒަމާ ފިޝަރީޒާއި ނަން ހުސްކޮށް ވަޒީރުކަމާ މަތިފަޑީން ޖޫމްހޫރިއަށް ޖާގަ ދިނެވެ. އަދުލުވެރި ބަދަލުގެ ނަމުގައި ބިލިޔަނުން ފައިސާ ހޯދިއެވެ. ކޮވިޑް ރިކަވަރީ ފަންޑުން ބޮޑުބައެއް ދަމައިގަތެވެ. ރާއްޖޭގެ ރިސޯޓުތައް ހުއްޓި ބޯޑަރު ތަޅުލެވިފައި އޮތް އިރު ކޮވިޑް ފެސެލިޓީ ގެނަމުގައި ގާސިމް އިބުރާހީމްގެ ރިސޯޓުތަކަށް މިލިޔަނުން ފައިސާ ހޯދިއެވެ. ޖުމްހޫރީންނަށް އެއްޗެއް ލިބުނު ކަމަށްވާނީ މުޅި ދައުލަތް ގާސިމުގެ ފައިކޭޓަށް މަހާލެވުނީމައެވެެ.