ހިންގުމުގެ ނަމުގައި 03 ބިލިޔަން ތާޅާ ބުރުއްސާލައިފި!

2.1 ބިލިޔަން ހޭދަކޮށްފައި މުސާރަ އާއި އިނާޔަތައް

ހިންގުމުގެ ނަމުގައި 03 ބިލިޔަން ތާޅާ ބުރުއްސާލައިފި!

ރާއްޖޭގެ ތާރީހުގައި ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓް ފާސްކުރީ މިއަހަރަށެވެ. ބޮޑު ބަޖެޓާއެކު ހިންގަންފެށި މުއިއްޒު ސަރުކާރުން ތާކުންތާކު ޖެހޭ އެއްވެސް ކަމެއް މިއަހަރު އަދި ނުކުރެއެވެ. ކަމެއް ކަހަލަ ކަމެއް ނުކުރެވުނަސް ހެޔޮތާއެވެ. މިއަހަރުގެ މިހާ ހިސާބަށް އައި އިރު 7 ބިލިޔަން ރުފިޔާ ބަޖެޓުން ހަރަދުކޮށް ފިއެވެެ.

އޭގެތެރެއިން ލޯނު ދެއްކުމަށް ހަރަދުކޮށްފައިވަނީ އެންމެ 564.7 މިލިޔަން ރުފިޔާއެވެ. ކެޕިޓަލް ހަރަދަށް ހޭދަކޮށްފައިވަނީ 1.2 ބިލިޔަނެވެ. 5.2 ބިލިޔަން ހަރަދުކޮށްފައި ވަނީ ރިކަރަންޓް ހަރަދަށެވެ.

ރިކަރަންޓް ހަރަދުގެ 2.1 ބިލިޔަން ހޭދަކޮށްފައި ވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ގޮތުގައި މި އަހަރުގެ ބަޖެޓުން ހޭދަކޮށް ފައިވަނީ އެންމެ 836 މިލިއަން ރުފިޔާއެވެ. އަނެއްކޮޅުން އިދާރީ ހިންގުމުގެ ނަމުގައި 03 ބިލިޔަން ރުފިޔާ ތާޅާ ބުރުއްސާލާފައިވެއެވެ. ކިހާ ތާހިރު ހެއްޔެވެ. ވެރިކަމެއް ބަދަލުވެ ކަންކަން ރަނގަޅުވުމުގެ އެއްވެސް އިހުސާސެއް ނުވެއެވެ.

އަނެއްކޮޅުން ދައުލަތަށް މިދިޔަ މަހުގެ ނިޔަލަށް އަމްދަނީގެ ގޮތުގައި ލިބުނީ 6.5 ބިލިއަން ރުފިޔާއެވެ. ލިބުނު އާމްދަނީގެ 5.6 ބިލިޔަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 817 މިލިއަން ރުފިޔާއެވެ. ހުސްވި އަހަރު އެ މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 6.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިކަމުން އެނގިގެން ދަނީ ކުރީ ސަރުކާރުން އާމްދަނީ ހޯދަން ކުރި ކަމަކުން ލިބުނު އެއްޗެއް ފިޔަވާ މިސަރުކާރުން އަމްދަނީ ހޯދަން ކުރި ކަމަކުން އެންމެ ސެންޓެއްވެސް ދައުލަތަށް ވަދެފައި ނެތް ކަމެވެ.

ރާއްޖޭގެ ކަންކޮޅުތަކުގައި އެތައް މަޝްރޫއެއް ހިންގަމުން ދިޔައިރު މިދިޔަ އަހަރުގެ އެމުއްދަތުގައި ދައުލަތުން ހަރަދުވެފައިވަނީ 8.8 ބިލިޔަނެވެ. އެކަމަކު ހައްދަވައިގެން ކަމެއް ނުކޮށް 7 ބިލިޔަން ރުފިޔާ މި ސަރުކާރުން އެމުއްދަތުގައި މިވަނީ ހޭދަކޮށްލާފައެވެ. ކަމަކަށްވާ ކަހަލަ ކަމެއް ކުރިނަމަ ދައުލަތުގެ ހަރަދު އަރައިގެން ދާނެވަރު އޮތީ ހިތައް އަރުވާލުމެވެ.