މުއިއްޒު ސަރުކާރު: ޖެހޭނީ އުނބަށް ޖަހަން
ގާނޫނަކުން މަނާ ނުކުރާ ކަމެއް ސިޓީކައުންސިލްގެ އިއުލާނަކުން މަނައެއް ނުކުރެވޭނެ
ކިރިޔާވެސް ކަމެއް ލިބުމުން މީސް މީހުނަށް މިތިބަ ވާގޮތެކެވެ. މާލޭ ސިޓީ ކައުންސިލުގެ މޭޔަރ މުއިއްޒަށް ހީވެގެން މި އުޅެނީ ގާނޫނަކާ ނުލާ ރާއްޖޭގެ ވެރިކަން ލިބިގެން އުޅޭހެނެވެ. އާއްމު އަސާސީ ހައްގަށް ހުރަސް އަޅަން މާލޭސިޓީ ކައުންސިލަކީ ކޮންތަނެއް ހެއްޔެވެ. ގާނޫނަކުން މަނާ ނުކުރާ ކަމެއް ސިޓީކައުންސިލްގެ އިއުލާނަކުން މަނައެއް ނުކުރެވޭނެއެވެ.
މާލޭގައި އިސްތިހާރު ކުރުމާއި ކެމްޕޭން ކުރުމަށް މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގަން ލާޒިމުކޮށް އިއުލާނެއް ކުރުމަކީ މުއިއްޒު ކުރި ގައިރު ގާނޫނީ ކަމެކެވެ. ހުއްދަ ނަގަން ޖެހޭ ކަންކަން ގެޒެޓް ކުރެވިފައިވާ ގާނޫނުތަކާއި ގަވާއިދު ތަކުގައި ހުންނާނެއެވެ. އެނޫން ގޮތަކަށް ކަންކަން ފިއްތާ އޮބި އަޅައިގެން ހައްގުތައް ނަގާލަން ނުހަދާށެވެ.
ކެންޕޭނު ކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ލިބިދީފައި އޮތް ހައްގެކެވެ. އާއްމު ތަންތާ ޕޯސްޓަރު ބެހެއްޓުމާއި މަގުފާރުގައި އިސްތިހާރު ހަރު ކުރުމަކާ މާލޭ ސިޓީއަކާ ކޮން ވާކަމެއް ހެއްޔެވެ. ކޮންމެ ބަޔަކުވެސް ބިލްބޯޑު ތަކާއި ޕޯސްޓަރތައް ބަހައްޓާ ހަރުކޮށް ހަދަނީ އެ އެއްޗެއް ބަހައްޓާ ނުވަތަ ހަރުކުރާ ތަނެއްގެ ވެރި ފަރާތުގެ ހުއްދަ ލިބިގެންނެވެ. މާލޭގެ މަގުމަތީ ފަރުތަކާއި އިމާރާތް ތަކުގައި ޕޯސްޓަރާއި އިސްތިހާރާއި އެ ނޫން ވެސް މެސެޖުތައް ބެހެއްޓުމަށް ހުއްދަ ހޯދަން ޖެހޭނީ އެ ބަހައްޓާ ތަނެއްގެ ވެރި ފަރާތުންނެވެ. ނޫންނަމަ އެ ތަނެއްގެ ޒިންމާ އޮތް ފަރާތަކުންނެވެ. މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގަން ޖެހޭނީ މާލޭ ސިޓީ ކައުންސިލްގެ އިމާރަތްތަކާއި ބިންތަކުގައި ޕޯސްޓަރެއް ނުވަތަ ބިލްބޯޑެއް ފަދަ އެއްޗެއް ބަހައްޓަން ޖެހޭނަމައެވެ. މާލެއަށް ނަން ކިއްޔާ ކިޔާހާ ތަނެއްގައި ކުރާހާ ކަމަކާ މުއިއްޒަކާ ބެހޭ ކަމެއް ނޫނެވެ. މާލެއަކީ މުއިއްޒުގެ މިލްކެއް ނޫނެވެ.
މިހާވަރުން ދަންޏާ މާލޭގެ މަގުމަތީގައި ވަކި އަދަދަކަށް ވުރެ އިތުރަށް ފިޔަވަޅު އަޅައިފިއްޔާ ޖުރުމަނާކޮށް ސިޓީ ކައުންސިލަށް ފައިސާ ނަގަން ފަށާފާނެއެވެ. މުއިއްޒު އަތުން ހުއްދަ ނުނަގާ ހަރުކޮށްފައި ހުންނަ ޕޯސްޓަރަކަށް ބަލައިލިޔަސް ޖުރުމަނާ ކުރާނެއެވެ. މިވަރު މަވެތި ބަޔަކަށް ހެޔޮވަރު ވަރަކަށް ބާރުތައް ނުދީ އޮންނަކަން ނަސީބެވެ.
މަގުމަގާއި އިޖުތިމާއީ ސަރަހައްދުތަކާ ގުޅޭ ކަންކަމުގައި މާލޭ ސިޓީ ކައުންސިލްގެ އަމިއްލަ އުސޫލެއް މާލެއަކަށް ނުހިންގޭނެއެވެ. ސިޓީ ކައުންސިލަކީ ފެޑަރަލް ސަރުކާރެއް ނޫނެވެ. ހާއްސަ ހާލަތްތަކުގައި ނޫނީ މުޅިރާއްޖޭގެ ހުރިހާ ތާކަށް ހިނގާނީ އެއް އުސޫލެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް މުއިއްޒު ތިޔަ ހަދަން އުޅޭ އެއްޗެއް ނުހެދޭނެއެވެ. މުއިއްޒަށް ޖެހޭނީ އުނބަށް ޖަހާށެވެ.