މުއިއްޒަކީ މަޖިލީހުގެ ކޮންޓްރޯލްދޭން ހެޔޮވާވަރު މީހެއްނޫން
މުއިއްޒަށް ރާއްޖޭގެ ދުސްތޫރީ ނިޒާމެއް ކަމަކުނުދޭ
ރާއްޖޭގެ ސިޔާސީ ނިޒާމާއި ދުސްތޫރީ ނިޒާމު ރޭވިފައި އޮތީ ސަރުކާރުން ބޭނުން ވީމާ ބޭނުންހާ ގޮތެއް ހެދޭ ގޮތަށް ނޫން ކަމުގެ ކަންބޮޑުވުން މުއިއްޒު އައްޑޫގައި ފާޅު ކޮށްފިއެވެ. ރާއްޖޭގެ ދުސްތޫރީ ނިޒާމަކީ ރައްޔިތުންގެ މަޖިލިސް ސަރުކާރާ އެއްކޮޅަށް ނުލިބިއްޖެ ނަމަ މުއިއްޒު ހިތުހުރިހާ ކަމެއް ހިތުހުރި ގޮތަކަށް ކުރުމަށް ހުރަސް އެޅިގެންދާ ނިޒާމަކަށް ވެގެން އެކަމާ މުއިއްޒު ވަރަށް ކަންތައް ބޮޑުވެއްޖެއެވެ.
ކުރިން ހީކުރެވުނީ މުއިއްޒު މަޖިލީހުގެ މެޖޯރިޓީ ހޯދަން މިއުޅެނީ ރައްޔިތުންނަށް ހެވެއް އެދިގެން ކަމަށެވެ. ރަނގަޅު ކަންތައް ތަކެއް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. އެކަމަކު ހަގީގަތަކީ އެއީ ނޫންކަން މިހާރު ވަރަށް ސާފެވެ. މުއިއްޒަށް ދުސްތޫރީ ނިޒާމު ކަމު ނުދިޔަކަން އެނގުނު ހިސާބުންނެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީ ބޭނުން ވެގެން މުއިއްޒު އުޅެނީ ކީއްވެކަން ރޭކާލައިފިއެވެ. މުއިއްޒުގެ ބޭނުމަކީ ގަދަފަދަ ކަމާއި ނޭއްގާނި ކަމާއިއެކު ގޮށްމުށުގެ ވެރިކަމެއް ކުރުމެވެ.
މަޖިލީހުގެ މެޖޯރިޓީ މުއިއްޒު ހޯދަން އުޅެނީ ރައްޔިތުނަނަށް ހެވެއް އެދިގެން ކަންތައް ތަކެއް ކޮށްދޭ ކަށެއް ނޫނެވެ. މަޖިލީހުގެ މެޖޯރިޓީ ނުލިބުނަސް ރައްޔިތުންގެ ހެވާލަބައަށް ކޮށްދޭ ކަންކަން ކުރުމަކަށް ސަރުކާރަކަށް ދުސްތޫރީ ހުރަހެއް ނުއޮންނާނެއެވެ.
ތިން ބާރު ވަކިވެފައިވާ ޗެކް އެންޑް ބެލެންސް ނިޒާމެއް ރާއްޖޭގައި ގާއިމުކުރީ އޮޅެގެނެއްނޫނެވެ. މުއިއްޒު ކަހަލަ ގޮށްމުށުގެ ވެރިންވެސް ވެރިކަމަށް އަތުވެދާނެކަން ރައްޔިތުންނަށް އެނގޭތީއެވެ. ހިތު ހުރިހާ ކަމެއް ހިތުހުރި ގޮތަކަށް ކުރަން ފުރުސަތު ނުދޭށެވެ. ވަކި ވަރަކަށްވުރެ ބޮޑަށް ވެރިއެއްގެ ކޮންޓްރޯލަށް މަޖިލިސް ހިނގައްޖެނަމަ ވާގޮތްވެސް ރާއްޖެ ތަޖުރިބާ ކޮށްފިއެވެ.
އަމްދުން މުއިއްޒަކީ ވެރިކަމުގައި ހުއްޓާ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ދޭން ހެޔޮވާވަރުގެ މީހެއް ނޫނެވެ. މަޖިލީހުގައި މުއިއްޒަށް ވަފާތެރި މެންބަރުންނެތިގެން އެންމެ ފަހުންވެސް ރިޝްވަތުދީގެން 13 މެންބަރުން ގަތީއެވެ. މެންބަރުން ގަތުމަށްފަހު އެމެންބަރުން ބޭނުން ކޮށްގެން މަޖިލީހުގެ މެންބަރުންގެ ވާޖިބަށް މުއިއްޒު ހުރަސް އެޅީ ނިކަން ހުތުރު ކޮށެވެ.
ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުން ފަދަ ކުޑަކުޑަ ކަމެއްގައި މަޖިލީހުގެ ނިޒާމް ގެއްލުވާލާ މަޖިލީހުގެ ތެޅުމަކީ ގުޅަކުޅޭ ފަސްގަޑަށް މުއިއްޒު ބަދަލު ކުރުވިއެވެ. މުއިއްޒުގެ ސިޔާސީ މުއައްޒަފުން ގްރީން ޒޯނަށް ނެރުވާ އެމީހުން ލައްވާ މަޖިލީހަށް އުކުވީ އޮއްގަލެވެ. މަޖިލީހުން ރުހުން ނުދިނީމާ ހަމައެމީހާ ރުހުން ނުދިން ވުޒާރާގެ ވަޒީރު ކަމަށް އިސްކުރަނީއެވެ. އެއް ވުޒާރާއަކަށް ތިން ހަތަރު ވަޒީރުން ލަނީއެވެ. މަޖިލީހުން ބަޖެޓް ނުދީ ޕްރޮޖެކްޓެއް އުނިކުރިޔަސް އެކަމެއް ބަޖެޓަށް ވަގަށް ހިންގާލަނީއެވެ. މިވަރު މީހަކަށް މަޖިލީހުގެ ކޮންޓްރޯލު ލިބިއްޖެނަމަ ނުބައި ނުލަފާކަން ދައްކާލާނެ ވަރު އޮތީ ހިތައް އަރުވާލުމެވެ.