އުޝާމަށް: އޭސީސީ އާއި އީސީ، ސިވިލްސާވިސާ އެއްގޮތްތަ!

ސިވިލްސާވިސަކީ ސިޔާސީންނަށް ދޭވަރަށް މުސާރަ ނުދޭން ގިންތިކޮށްގެން ސަރުކާރު މަސައްކަތް ކުރުވާ ބައެއް

އުޝާމަށް: އޭސީސީ އާއި އީސީ، ސިވިލްސާވިސާ އެއްގޮތްތަ!

އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކަމިޝަނުގެ ރައީސް އާއި ނައިބް ރައީސް އައްޔަ ނުކުރުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ މީހަކަށް ދިނުން ގޯހެއް ނޫންކަމަށް ބަންޑާރަ ނައިބު ކަމުގައި ހުރި އަހުމަދު އުޝާމަށް ވުމަކީ އަޖައިބެއް ނޫނެވެ. އޭނާއަކީ ބަނޑާރަ ނައިބަށްވުރެ ބޮޑަށް މުއިއްޒުގެ އަޅުކުއްޖެކެވެ. އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކަމިޝަނުގެ ރައީސް އާއި ނައިބް ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭދިނުން ހަލާލުކުރަން ހުޝާމް ވާހަކަ ދައްކަނީ އެހެން ވެގެންނެވެ. ދައުލަތެއް ރައްޔިތެއް ސަރުކާރެއް އޭނާއަކަށް ވަތްކެއްނުވެއެވެ. 

މާތްކަލާކޯ ހުޝާމޫއެވެ. މިނިވަން މުއައްސަސާއެއް ކަމަކު ސިވިލް ސަރވިސް ކޮމިޝަނާއި އޭސީސީއާއި އިލެކްޝަން ކޮމިޝަން ވަރަށް ތަފާތެވެ. ސިވިލް ސާރިވިސް ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ ސަރުކާރު ހިންގުމަށް އެކުލަވާލާ ވުޒާރާތަކާއި ސަރުކާރުގެ އިދާރާތަކުގެ އިދާރީ އޮނިގަޑުގައި މަސައްކަތްކުރާ މުއައްޒަފުންގެ ކަންކަން ބަލަަހައްޓާ މުއައްސަސާއެވެ. ސިވިލް ސާރވިސްއަކީ ސިޔާސީ މީހުންނާ ތަފާތު ގިންތިއެއްގައި ސަރުކާރުގެ މަސައްކަތް ކުރަން ތިބޭ ބައެކެވެ. ސިވިލްސާވިސަކީ ސިޔާސީ ވެރިންނަށް ދޭވަރަށް މުސާރައާއި އިނާޔަތް ނުދޭންވެގެން ގިންތިކޮށްގެން ސަރުކާރުގެ މަސައްކަތް ކުރުވާން ތިބޭ ބައެކެވެ. ސިވިލްސާވިސް މީހުންގެ ކަންކަން ބަލަހައްޓާ ނަމުން މިނިވަން މުއައްސަސާގެ ރައީސާއި ނައިބުރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރުމަކީ ބަލައި ނުގަނެވޭ ވަރުގެ ކަމެއް ނޫނެވެ. އެކަމުން ވާނީ ސަރުކާރު ހިންގުމަށް ފަސޭހައެވެ.

އެކަމަކު އެތަނަކުން ބާއްވާ އިންތިހާބަކުން އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާބީ ކަމިޝަނުގެ ވެރިން އައްޔަނު ކުރަން ޖެހުމައްވުރެ ބޮޑު ޖޯކެއް ނުއޮންނާނެއެވެ. މަލްޓިޕާޓީ ޑިމޮކްރެޓިކް ވެރިކަން ހިނގާ ގައުމެއްގައި ޕާޓީތަކުން ވާދަކުރާ އިންތިހާބުތައް ބާއްވާ އިލެކްޝަން ކޮމިޝަނުގެ ވެރިން އައްޔަނު ކުރުން ވަކި ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބު ވެގެން ހުރި މީހަކަށް ދިނުމަށްވުރެ އިންތިހާބުތަކުގެ މިނިވަންކަން ގެއްލޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ޑިމޮކްރެޓިކް މިނިވަން މުޖުތަމައެއްގައި ކުރެވޭނެ އެންމެ އަންޑިމޮކްރެޓިކް ކަމަކީ އެތަނުން ބާއްވާ އިންތިހާބެއްގައި އިންތިހާބު ވެގެން ހުންނަ ރައީސަކަށް އެތާނގެ އެންމެ އިސް ދެމީހުން ކަނޑައަޅަން ބާރު ދިނުމެވެ.

އެންޓިކޮރަޕްޝަން ކަމިޝަނަކީ ސަރުކާރު ހިންގާ ބައެއްގެ މުށުތެރެއިން މިނިވަންވެ ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކުރެވޭ ތަނެއް ނޫންކަމަށް މިހާރުވެސް މަޝްހޫރު ތަނެކެވެ. ރައްޔިތުންގެ މަޖިލީހުން އޭސީސީއަށް މެންބަރުން ހޮވާތީ މިހާރުވެސް އޭސީސީ އޭގެ ޒާތުގައި މަސައްކަތެއް ނުކުރެއެވެ. އަމްދުން ސަރުކާރު ހިންގާ ރައީސްގެ އަތް މައްޗަށް އޭސީސީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅަން ލިބުމަކީ ރައީސްގެ ގޮނޑިކޮއްކޮއަކަށް އޭސީސީ ވުމެވެ. ސަރުކާރުގައި ހިނގާ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން ނުބެލި ވާދަވެރިން ކޮށާލަންދެވޭ ތޫނު ކަތުރަކަށް ނޫނީ އެކަން ނުވާނެއެވެ. 

ބަންޑާރަ ނައިބު އަހުމަދު ހުޝާމް ކޮންމެ ޒާތެއްގެ ހަމައެއް އެޅުވިޔަސް އޭސީސީއާއި އިލެކްޝަންސް ކޮމިޝަންގެ ރައީސްއާއި ނައިބު ރައީސް އައްޔަނުކުރުމަކީ ހުދުމުހުތާރު ވެރިކަމަކަށް ކޮށާދެވޭ މަގަކަށް ނޫނީ ނުވާނެއެވެ. ހެޑް އޮފް ސްޓޭޓާއި ހެޑްއޮފް ގަވަރންމަންޓް ތަފާތު ބައެއް ގައުމުތަކުގައި ހެޑް އޮފް ސްޓޭޓަށް އެ ޒާތުގެ ބައެއް ބާރު ދީއުޅުނަސް ރާއްޖޭގެ ރައީސްއަކީ ދެމީހެއްނޫނެވެ. އޮޅުވާ ނުލާށެވެ.