މަރުހަބާ! އެމްޑީޕީ ރަނިންގމޭޓް އަސްލަމް
އޮނަރަބަލް ޝާހިދު ފަދަ ސިޔާސީ ލީޑަރުންގެ ރުހުމާ ލޯބި އެބައޮތް
ރިޔާސީ އިންތިހާބުގައި ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސެވުމަކީ ކުރިއަށް އެޅުއްވި ހެޔޮ ފިޔަވަޅެކެވެ.
އެމްޑީޕީގެ ރަނިންގ މޭޓްކަމަށް އައްޑޫ ހިތަދޫގެ އަގުހުރި ދަރިއަކު އައްޔަންވެގެން ދިޔަ ދިއުމަކީ އެމްޑީޕީގެ ކުރިމަގަށް ދިއްލާލެވުނު އަލިގަދަ ދަންމަރެކެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުގެ ގޮތުގައި ހުންނެވި އަސްލަމް ރަނިންމޭޓަކަށް ހަމަޖެއްސެވީތީ ރައީސް ސޯލިހަށް ޝުކުރުވެރި ވަމެވެ. އިއްޒަތްތެރި މެންބަރަށް މަރުހަބާ ކިޔަމެވެ.
މެންބަރ އަސްލަމް އެމްޑީޕީގައި ގުރުބާން ކަންބަޅިއެއްގެ ގޮތުގައި ރައީސް ނަޝީދު ގެންގުޅުއްވި ގެންގުޅުއްވުން ރައީސް ސޯލިހު ނިންމަވާ އެލެއްވީ އަސްލަމަށް ހައްގު މަގާމު އަރުވައިގެންނެވެ. އެމްޑީޕީގެ ސްޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އަސްލަމް ގެންނަވަން ރައީސް ނަޝީދު ތާއީދު ކުރައްވައިގެން އުޅުއްވުމަށް ފަހު އެ ގޮޑިއަށް އެންމެ ފަހު ވަގުތު ސަވާރުވެ ވަޑައިގަތީ ރައީސް ނަޝީދެވެ. އަސްލަމަށް ރައީސް ނަޝީދު ދެއްވީ ދޯކާއެވެ.
އެމްޑީޕީގެ ނައިބު ރައީސް ހޮވުމަށް ބޭއްވި އެތެރޭގެ އިންތިހާބުގައިވެސް ރައީސް ނަޝީދު އަސްލަމަށް ދެއްވީ ލަނޑެވެ. އިންތިހާބު އޮޅާލައިގެން އެމްޑީޕީގެ ނައިބުރައީސް ކަމަށް ގެނައީ ރައީސް ނަޝީދުގެ ބޯއީ މުހައްމަދު ޝިފާޒް (ސިއްޕެ) އެވެ. އެކަމުގައިވެސް ރައީސް ނަޝީދު އައްޑޫ އަސްލަމަށް ދެއްވީ ލަނޑެވެ. އައްޑޫ ރައްޔިތުން ދެކެ މާ ލޯބިވާކަމަށް ދައްކަވައިގެން ކޮންމެ ފަހަރަކު އައްޑޫ މީހުނަށް ރައީސް ނަޝީދު ދެއްވަނީ ކެއްސެވެ. ދޯކާއެވެ. އެކަމަކު ރައީސް ސޯލިހު ތަފާތެވެ.
މެންބަރު އަސްލަމަކީ އެމްޑީޕީގައި ކިހާވަރެއްގެ ބޭފުޅެއްކަން ރައީސް ސޯލިހު ދެނެވަޑައިގަންނަވައެވެ. އަސްލަމަށް ރަނިންގ މޭޓްކަން ހަމަޖެއްސެވުމުގައި ޕާޓީގެ މަސްލަހަތާއި ހިދުމަތާ ލީޑަރޝިޕަށް ވަރަށް ރަނގަޅަށް ބައްލަވައިފިއެވެ. ތެދުވެރިކަމާ އަމާނާތް ތެރިކަމާއެކު ނައިބު ރައީސް ފައިސަލް ނަސީމްއަށް އިހުތިރާމް ކުރައްވާ އެ މަނިކުފާނުގެ ހިދުމަތަށް ކުރުނީސް ކުރައްވަމުން ދެވަނަ ދައުރަށް އަސްލަމް ހިޔާރު ކުރެއްވީ ސުލްހަވެރިކަމާއި އެކު ހިޔާލުފުޅުތައް އެއްގޮތް ކުރައްވައިގެންނެވެ. އެމްޑީޕީގައި ނަންހިގާ ސިޔާސީ އެތައް ބޭފުޅުން އެއްފަސް ކުރައްވައިގެނެވެ.
އޮނަރަބަލް ޝާހިދު ފަދަ ފުންނާބު އުސް އެތައް ސިޔާސީ ލީޑަރުންގެ ރުހުމާ ލޯތްބާއެކުގައެވެ. މިއަދުގެ އެމްޑީޕީއަކީ އުފާވެރި އަމާން ރާއްޖެ ރައްޔިތުންނަށް ހޯދާދިނުމަށް އަމިއްލަ ޝުހުރަތު ގުރުބަން ކުރައްވަން ކެރިވަޑައިގަންނަވާ ޑިމޮކްރެޓިކް ވެލިއުސް ހުރި މެންބަރުންގެ ޕާޓީއެކެވެ. އެމްޑީޕީގެ އަމާޒަކީ ދެވަނަ ދައުރު ކަށަވަރު ކުރުމެވެ. އެކަމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެވޭވަރުގެ ސިޔާސީ ތަސައްރަފު ފުދިފައިވާ މީހަކަށް އެމްޑީޕީ ކޮންމެ މެންބަރަކު މިއަދު ވެއެވެ.
ފިތުނަވެރިން ވާދަވެރިކަމުގައި ދަމާ ގުއިރޯނެއްގައި މިއަދުގެ އެމްޑީޕީއެއް ނުޖެހޭނެއެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވާތާ 15 އަހަރު ވެފައިވާ އަސްލަމް މިހާރު ވެސް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުގައި އައްޑޫގައެވެ. އަސްލަމަކީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ޕާޓީގެ އިސް ސަފުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ވަރަށް ބުރަ ބޮޑެތި މަސައްކަތްތަކެއް މަޖިލިހުގައާއި ޕާޓީގެ މަތިފަޑީގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.