ޝުޖާއަށް: ނޫނެކޭ ބުނީ ސަރުކާރަށް ނޫންކަމަށް ހީވަންޏާ އިތުބާރުއޮތްތޯ ވޯޓެއްނަގާ
ފެންނަ ނުފެންނަ ވޯޓުގައި ބޮޑު ބައްޔަކުން ބަލިވުމުން ބާރަށު ޝުޖާއުމެން ލަކި އެބަޖަހައެވެ. ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން އާނއެކޭ ބުނުވަން ރައީސް މުއިއްޒު ޝުޖާއުމެން ބުނިހާ ކަމެއް ބުނިގޮތަކަށް ކޮށްދިނެވެ. ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުން ރުއްސުމަށް ކަށީގެ މަދުން ހިތްވަރުކުރިއެވެ.
މުއިއްޒު ވާ ރުޅި މަޑެވެ. ވެރިޔަކު ވެރިކަމުގައި ބަހައްޓައިގެން އަގުވައްޓާލެވޭނީ އެހާކަށް ވަރަށެވެ. ރައްޔިތުންގެ ނިންމުން ބަލައިގަނެ މިސްރާބު ރަނގަޅުކުރާ ވާހަކަ ވަޒީރުންނާ މެންބަރުން ދައްކަނީ އެ މީހުން ފޭލިނުވާކަން ދެއްކުމަށެވެ. އޮތް މަގާމާއި ލިބެމުން ދިޔަ މަންފާތައް ގެއްލިދާނެ ކަމުގެ ބިރުގައި ރައީސާއެކު ގަދަކޮށް ތިބިކަން ދެއްކުމަށެވެ. އެކަމަކު ބުނަންހެއްޔެވެ. ރައީސް މުއިއްޒާއި ރައްޔިތުންގެ ގާތުގައިވެސް ޝުޖާމެން ކަހަލަ ސިޔާސީ އަނދޮޅުން މިހާރު ތިޔަތިބީ ފޭލިވެފައެވެ.
ރައީސް މުއިއްޒު ފެންނަ ނުފެންނަ ވޯޓެއް ނެގުވީ އެނޫން ގޮތަކަށް އެކަން ކުރެވެން ނެތިގެންނެވެ. ދެ އިންތިހާބު އެއްކުރުމަކީ ބާރަށު ޝުޖާ ބުނާހެން ރައީސް މުއިއްޒު ބޭނުންވުމުން ކޮށްލެވޭ ގޮތަށް އޮތްކަމެއްނަމަ އެހުރިހާ ހަރަދަކާއި މަސައްކަތެއްކޮށްގެން މަރަށް ފުރާނައަށް އާނއެކޭ ބުނުވަން އުޅުނީ ކުރާނެ ކަމެއް ނެތިގެން ހެއްޔެވެ. ރައީސް މުއިއްޒު ބުނާހެން އެހެން ވިސްނުމެއް ވިސްނާދީގެން ބާރަށު ޝުޖާއުމެން ތިޔަ އުޅެނީ އެހެން ކަމެއްގައެވެ. ދައުލަތް ދަވާލަން ތިބެވޭނީ މުއިއްޒާއެކު ގަދަކޮށް ތިބިކަން ދެއްކުމަށް ބޮޑެތި ވާހަކަ ދައްކައިގެންތާއެވެ.
ރައީސް މުއިއްޒު ބޭނުންވި ގޮތަށް ޝުޖާމެންނަކަށް އެކަމެއް ކޮށެއް ނުދެވުނެވެ. އެތައް ފައިސާއަކާއި ހަކަތައެއް ރެފެރަންޑަމް ކާމިޔާބުކުރުމަށް މުއިއްޒު ސަރުކާރުން ވަނީ ހޭދަ ކޮށްދީފައެވެ. ރެފަރެންޑަމް ކާމިޔާބުކުރުމަށް ވަޒީރުންނާއި މެންބަރުންނާއި ޕީއެންސީގެ ޓީމްތަކުން އެދުނުހާ ކަމެއް އެދުނު ގޮތަކަށް ރައީސް މުއިއްޒު ކޮށްދިނެވެ. އެތައް ސަތޭކަ މީހުންނަށް އެކިވރުގެ ވަޒީފާތައް ދިނެވެ. އުމުރާއާއި ފައިސާ އެކިފާޑުގެ ހަދިޔާ ރިޝްވަތުގެ ގޮތުގައި ދިނެވެ. ޝުޖާމެން ކަހަލަ މީހުންގެ ބަހަށް ކުރިހާ ކަމެއް ބޭކާރުވެ ލަދެއްގައި ބެދުން ނޫން ކަމެއް ރައީސް މުއިއްޒަކަށް ނުވިއެވެ.
ޓީވީތަކަށް އަރާ އަދިވެސް ޝޫޖާއުމެން އެބަ ވާހަކަދައްކައެވެ. އެއްވާނަކަށް ރައްޔިތުން ނިކުމެ ނޫނެކޭ ބުނީ ރައްޔިތުން ބުނާ ގޮތަށް ރައީސް މުއިއްޒު ކަންކުރާނެކަން ޔަގީންވާތީއޭ ބުނެ މީހުންތެރޭގައި ވާހަކަ ދައްކަން ލަދު ނުގަންނަކަމެވެ.
ހަމަތެދެކެވެ. ރައްޔިތުން ނޫނެކޭ ބުނީ ބާރަށު ޝުޖާއުމެން ފަތުއަޑުކިޔާފައި ދަވާލާ ދަވާލުމަށެވެ. ރައްޔިތުން ނޫނެކޭ ބުނީ ގައުމުގެ ދުސްތޫރު ކޮށާކުދިކުރާކުރުމަށެވެ. ޖުމްލަކޮށް ރައްޔިތުން ނޫނެކޭބުނީ މުއިއްޒާއި މުއިއްޒު ސަރުކާރަށެވެ.
ރައްޔިތުން ނޫނެކޭ ބުނި ބުނުމަކީ ހަމައެކަނި ދެ އިންތިހާބު އެއްކޮލުމާ ދެކޮޅަށް ބުނި ނޫނެކޭ އެއްކަމަށް ދެކިގެން ނަޖާއިޒު މަންފާތައް މުއިއްޒު ލައްވާ ހޯދަން ޒާތްޒާތުގެ ވިސްނުން މުއިއްޒަށް ވިސްނާދޭން އެކަކުވެސް ނުވިސްނާށެވެ. ނޫނެކޭ ބުނަން ލިބުނު ފުރަތަމަ ފުރުސަތުގައި ރައްޔިތުން އެ މީހުންގެ ބަސް އެއޮތީ އިއްވާފައެވެ.
މިފަހަރު ރައްޔިތުން ބުނި ނޫނެކޭއަކީ މުއިއްޒާއި މުއިއްޒު ސަރުކާރަށް ބުނި ނޫނެކޭއެއް ނޫންކަމަށް ހީވަންޏާ ގޮތްގޮތަށް ގިނަ ވާހަކަ ނުދައްކާ އިތުބާރު އޮތްތޯ ނެތްތޯ ބަލާލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާ ބަލާށެވެ. އޭރުން މަންޒަރު މާސާފުވާނެއެވެ.


