އާދަމް ނަސީރަށް: މުއިއްޒަކަށް ބޮޑުތަކުރުފާނަކަށް ނުވެވޭނެ!
ތިލަދުންމައްޗަށް ނިސްބަތްވިޔަސް ބޮޑުތަކުރުފާނަކަށް ނުވާނެ
ވަޒީރުކަމެއް ލިބިފައިހުއްޓަސް ދުނިޔެ ރަންވާކަށް ނުވާނެއެވެ. އިލްމެއް ހުނަރެއް ތަޖުރިބާއެއް ނެތީސް ވަޒީރުކަން ދިނީމާ ވަޒީރުކަން ދިން މީހާއަކީ ބޮޑުތަކުރުފާނަށް ވެސް ވާނެއެވެ. ބޮކަށް ރަންފުއް މަޗަށް އެރުނީމާ ވާގޮތް ތޮއްޑޫ އާދަން ނަސީރަށް ވެސް އެހުރީ ވެފައެވެ.
އަޖައިބެކެވެ. ރާއްޖޭގެ އެންމެ މަތިވެރި ޝަރަފް އެ ބޭފުޅަކަށް ނިސްބަތްވާ ބޮޑުތަކުރުފާނާއި ވަށަފަރު މުއިއްޒު އެއްގޮތްވާނީ ކޮންފަދައަކުން ހެއްޔެވެ. ހެއްދެވިހާ ދޮގަކާއި މަކަރަކާ އޮޅުވާލުމެއް އޮޅުވާލާ ވަށަފަރު މުއިއްޒު ވަރުގެ ގޮތްފޮތް ނެތް މީހަކާއި ބޮޑުތަކުރުފާނު އެއްވަރު ކުރާނީ ހަދަހާވާ ތަންދޮރު ނޭނގޭ ޖާހިލެކެވެ. ބޮޑުތަކުރުފާނަކީ މުއިއްޒު ކަހަލަ ކޮރަޕްޝަނާއި ފަސާދައިން ތަތްތެޅިފައިވާ ބަތޮލެއް ނޫނެވެ. މުއިއްޒު ފަދައިން ދުލުގައި ގޮށްޖެހޭ ވަރަށް ދޮގެއް ހެއްދެވި ކައްޒާބެއް ނޫނެވެ. ބޮޑުތަކުރުފާނަކީ ހުސް ގޮނޑިއަކާއި މީހެއްގެ ހިޔަނީގައި ވެރިކަމަށް ވަޑައިގެން ބޭފުޅެއް ނޫނެވެ.
ބޮޑު ތަކުރުފާނަކީ ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ގަދަވެގަނެ އަޅުވެތިކޮށްގެން އުޅުނު ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަކޮށް ރާއްޖެ މިނިވަން ކުރެއްވި ރާއްޖޭގެ އެންމެހާ ރައްޔިތުން ލޯބި ތާއަބަދަށް ހޯއްދެވި ގައުމީ ބަތަލެވެ. ދިވެހި ތާނަ އަކުރު އުފައްދަވާ ގައުމީ މަސައްކަތުގައި އުޅޭ މީހުނަށް މަހު މުސާރަ ތައާރަފް ކޮށްދެއްވާ ދިވެހި ފައިސާ ތައާރަފް ކުރެއްވި ގައުމީ ލީޑަރެވެ. ވަށަފަރު މުއިއްޒު އެ ތަކުރުފާނާ އެއްފަދަވާނީ ކޮންފަދައަކުން ހެއްޔެވެ.
ތިލަދުން މައްޗަށް ބޮޑު ތަކުރުފާނު ނިސްބަތްވުމަކީ ވަށަފަރު މުއިއްޒު ބޮޑު ތަކުރުފާނަށް ވާނެ ކަމެއް ނޫނެވެ. މީހަކު ނިސްބަތްވާ ރަށަކުން މީހަކަށް ލިބޭ މޮޅުކަމެއް މާތްކަމެއް ނުއޮވެއެވެ. އަބޫޖަހުލު ވެސް ނިސްބަތް ވަނީ މައްކާއަށެވެ. އެހެނެކޭ ކިޔާފައި ރަސޫލާއަށް އޮތް ކަރާމަތާއި ލޯތްބަކީ މައްކާއަށް ނިސްބަތް ވީތީ އަބޫޖަހުލަށް ލިބޭނެ ކަންކަމެއް ނޫނެވެ.
ވަށަފަރު މުއިއްޒަކީ ގައުމު އިސްލާހުކުރަން މިންވަރުކުރެއްވި މާބޮޑު މުސްލިހެއް ކަމަށް ދައްކައިގެން މިހާރު ދިވެހީން ވާވެއްދޭނެ ކަމަށް އާދަން ނަސީރު ހީކޮށްގެން ނުވާނެއެވެ. ޒިޔާރަތަށް ނަދުރު ބުނެ އާދަ ފޫވައްޓަނިވި ސިފަތަކެއް މުއިއްޒު ގައިގާ ހުރިކަމަށް ދައްކަން ފަތުރާން އުޅޭ ގައުމިއްޔަތު ފިކުރަކީ އަޅުވެތި ކުރުމުގެ ފިކުރެވެ.
ވަށަފަރު މުއިއްޒު އަށަގަންނަވަން އުޅޭ ގައުމިއްޔަތު ފިކުރަކީ ޗިލީގެ އޮގަސްޓޯ ޕީނަޗޭ އާއި ޔޫގެންޑާގެ އީޑީ އަމީނާއި އިޓަލީގެ މޮސެލިނީއާއި ޒިންބާބުވޭގެ ރޮބަރޓް މުގާބޭ ފެތުރު އަޅުވެތި ކަމުގެ ފިކުރެވެ. ބޭރުން ކުރާ އަޅުވެތި ކަމަކަށްވުރެ ވެރިކަމުގެ އާރާބާރު ބޭނުން ކޮށްގެން މުގައްދަސް ވެގަންނަން އުޅޭ މުއިއްޒު ފަދަ ވެރިންގެ އަޅުވެތި ކުރުން ނުރައްކާވެފާ ބިރުބޮޑެވެ. އެފަދަ މީހުންގެ ގޮތަކީ ވެރިމީހާއަކީ މިރިކަލް ކަންތައްތަކެއް ހުންނަ މީހެއްކަމުގައި ދެއްކިގެން ރައްޔިތުން އަޅުވެތިކުރުމެވެ.
ވެރިންނަށް ހުޝާމަދު ކޮށްގެން ވެރިމީހާ މުގައްދަސް ކުރިކުރީނުން ކަލާނގެ ވަންތަކަމަށް ދައުވާ ކޮށްގެން އުޅުނު ވެރިން ދުނިޔޭގެ ތާރީހު ދެކިފައިވެއެވެ. ވަށަފަރު މުއިއްޒު ފަތުރަން މަސައްކަތްކުރާ ގައުމިއްޔަތުގެ ފިކުރު ހުރީ އެ މިސްރާބަށް ކަމަށް ދޭހަވަނީ އާދަން ނަސީރުމެން ފަދަ މީހުންގެ ބަސްމަގާ އަމަލުންނެވެ. ކޮންމެ ވެރިއަކު ގޯޅި އަޅައިގެން ދަނީ އާދަން ނަސީރުމެން ފަދަ ހިޔާލީ ފޮލާކައްކަދޭ ރޯނު އެދުރުންގެ ސަބަބުންނެވެ.