ގައުމިއްޔަތުގެ ނަމުގައި ޖާގަދެނީ ދެކޮޅުވެރިކަމަށް!

އެހީތެރިއަތުގައި ދަތްއަޅައިގެން ނެގެހެއްޓޭނެ ގައުމިއްޔަތެއް ނުއޮންނާނެ!

ގައުމިއްޔަތުގެ ނަމުގައި ޖާގަދެނީ ދެކޮޅުވެރިކަމަށް!

މިވަގުތު ދުނިޔޭގައި އެއްވެސް ދައުލަތަކަށް ނިސްބަތް ނުވާ 4.4 މިލިއަން މީހުން އުޅޭކަމަށް ޔޫ.އެ.ންގެ ރެފިއުޖީ އޭޖެންސީގެ ތަފާތު ހިސާބުތަކުން ދައްކައެވެ. ވަކި ގައުމިއްޔަތަކަށް ނިސްބަތް ނުވާ މިފަދަ މީހުންނަށް އެންމެ އާދައިގެ އިންސާނީ ހައްގުތައް ހޯދުމަކީ އުނދަގޫ ކަމެކެވެ. މީގެ ތެރޭގައި ތައުލީމް އުނގެނުމާއި، ވަޒީފާ އަދާ ކުރުމާއި ސިއްހީ ހިދުމަތް ލިބިގަތުމުގެ އިތުރުން ކައިވެނި ކުރުމުގެ ހައްގު ފަދަ މުހިންމު ހައްގުތައް ހޯދުމަށްޓަކައި އެތައް ތަކުލީފުތަކަކާ ކުރިމަތިލާން ޖެހެއެވެ. ގައުމިއްޔަތެއްގެ މުހިންމުކަން އިހުސާސް ކުރެވޭނީ އެފަދަ މީހުންނަށެވެ. 

ވަކި ދައުލަތަކަށް ނިސްބަތް ނުވާ ބަޔަކު ތިބުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. މިފަދަ ގިނަ ބަޔަކު ތިބުމަށް ދިމާވާ މައިގަނޑު ދެ ސަބަބަކީ އެއްވެސް ގައުމަކުން ވަކި ނަސްލެއްގެ މީހަކަށް ވީތީ ނުވަތަ ވަކިނަސްލަކަށް ނިސްބަތް ނުވާތީ ޖާގަ ނުލިބުމާއި ގައުމެއްގެ ގައުމިއްޔަތުގެ އަސާސްތަކާއި ގައުމެއްގެ ގާނޫނީ އިމުގެ ތެރެއަށް އެމީހަކު ނުފެތުމެވެ.

މިދައްކަނީ 4.4 މިލިއަން މީހުންގެ ވަހާކައެވެ. ދިވެހިރާއްޖެ ފަދަ ކުޑަކުޑަ އާބާދީއެއްގެ ވާހަކައެއް ނޫނެވެ. 3 ލައްކައެއްހާ މަދު މީހުންގެ އާބާދީއަކަށް ގައުމެއްގެ ސިފަ ލިބިގެން ވުމަކީ ކުޑަ ނިއުމަތެއް ނޫނެވެ. ގައުމަކަށް ނިސްބަތް ނުވާ 4.4 މިލިޔަން މީހުންނާ އަޅާބަލާއިރު މިކުޑަކުޑަ ދިވެހިރާއްޖެއަށް ނުލިބެނީ ކޮން ނަސީބެއް ހެއްޔެވެ. ނުހޯދެނީ ކޮން ހިދުމަތެއްހެއްޔެވެ. ނުލިބެނީ ކޮން ހައްގެއްހެއްޔެވެ. އެހެނެއް ކަމަކު ޝުކުރުވެރިވާ ބަޔަކުކަމުގައި އަހުރެމެން ނުވެއެވެ.

ތެދެކެވެ. މިއަދަކީ ރަބިއުލް އަވަލް މަހުގެ އެކެކެވެ. މިއަދަކީ ދިވެހި ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހެވެ. މިއަދު ރަތް ލިބާސް ލައިގެން، ފަގުޑި އޮޅައިގެން ނިކުމެ ބޮޑު ތަކުރުފާނުގެ ޖިހާދުގެ ވާހަކަ ދެއްކުމުން ގައުމީ ދުވަސް ފާހަގަ ކުރެވުނީ އެއްނޫނެވެ. ގައުމީ ދުވަސް އޭގެ ހަގީގީ މާނައިގައި ފާހަގަ ކުރަން ބޭނުން ނަމަ އެ ޖިހާދުތަކުގެ ހަގިގީ މަނާއާއި މަގްސަދާ މެދު ވިސްނާންޖެހެއެވެ.

މުހައްމަދު ތަކުރުފާނު ޖިހާދު ކުރެއްވީ ގައުމިއްޔަތަށް ޓަކައިއެވެ. ދިވެހިންނަށް ދިވެހިންގެ ހައްގުތައް ހޯދައިދިނުމަށް ޓަކައެވެ. ދީނާއި ވަތަނުގެ ކަރާމަތަށް ޓަކައެވެ. އަހްލާގީ އިމުން ބޭރުނުވާ، މުސްލިމް ދިވެހިވަންތަ މިނިވަން މާދަމާއެއް ގައުމަށް ހޯދާ ދިނުމުގެ ނިޔަތުގައެވެ. ދިވެހިން ގަބޫލު ކުރިޔަސް ނުކުރިޔަސް ބޮޑު ތަކުރުފާނު ފަދަ ގައުމީ ބަތަލުން ބަނތް ގައުމިއްޔަތާއި މިނިވަންކަމުގެ އޮޑި މިއަދު މިއޮތީ ގަދަ ކަނޑުގައި ބެހިފައެވެ. ޖެހި މިސްރާބުން މުޅިން ކައްސާލާފައެވެ.

އާނއެކެވެ. މިއަދުވެސް ރާއްޖޭގެ މިނިވަންކަމަށް ވަކާލާތު ކުރާ ބަޔަކު އެބަ އުޅެއެވެ. ނަމަވެސް ވަކާލާތު ކުރެވެނީ ކޮން ޒާތެއްގެ މިނިވަންކަމެއް ހޯދުމަށް ކަމެއް ދަންނަ އެކަކުވެސް ނޫޅޭ ކަހަލައެވެ. ފަހަރުގާ ނޭނގެނީ ނޫން ކަމަށް ވެދާނެއެވެ. ނޭނގޭ ކަމަށް ހަދަނީ ކަމަށްވެސް ވެދާނެވެ. އެނގޭ ކަމަކީ ރާއްޖެއަކީ ފުރިހަމަ ސިޔާސީ މިނިވަންކަން އޮތް ގައުމެއްކަމެވެ. ރާއްޖޭގެ މިނިވަންކަމާ ތޮޅޭ ބަޔަކު މިއަދަކުނެތެވެ. ރާއްޖޭން ބައެއް ހިފާ އަޅުވެތިކުރަން އުޅޭ ބަޔަކުވެސް ނެތެވެ. ގައުމިއްޔަތުގެ ނަމުގައި ޖާގަދެމުން ދާތަން ފެންނަނީ ނަފްރަތާއި ފަސާދައާއި ދެކޮޅުވެރިކަމަށެވެ. ވެރިކަމާއި އާރާބާރު ހޯދުމަށާއި ވެރިކަން ދަމަހައްޓާ ބާރުގައި ބަނގުޑި ބެއްދުމަށެވެ. 

ގައުމިއްޔަތުގެ ނަމުގައި އަވަށްޓެރިންނާ މޫނުކަނޑާލާ އާމްދަނީ ހުއްޓޭ ވަރަށް ގުޅުންތައް ގޯސްކޮށް ހަނގުރާމަވެރި ހާލަތަކަށް ގައުމު ވައްޓާލުމަކީ ގައުމިއްޔަތެއް ނޫނެވެ. ބަވަނަވެތި ދުނިޔޭގައި އެކަހެރިވެ އެހީތެރިކަމުގެ އަތުގައި ދަތްއަޅައިގެން ނެގެހެއްޓޭނެ ގައުމިއްޔަތެއް ގައުމެއް ނުއޮންނާނެއެވެ. މަވެތިކަން ބޮޑުކުރުމަށްވުރެ ފުދުންތެރި އަރަނިވެރި ބަޔަކަށްވުމަށް ބައިމަދު ވަސީލަތް މަދު ކުރިއަރާފައިވާ ގައުމުތައް ކުރިއަރާ ދިޔަގޮތް ދަސްކޮށް އެމަގުން ދާން އުޅުމަށްވުރެ ބޮޑަށް ގައުމިއްޔަތު ދެމެހެއްޓޭނެ ގޮތެއް ނެތެވެ. ފައިވާނަށް ނާރާ ފޮށައެއް އަނދެގެން ހުސްގަޔާ ކަމެއްނެތި ހޮޅުއަށީގައި ވާހަކަކިޔާން ތިބި ގައުމިއްޔަތަކީ ގައުމިއްޔަތެއް ނޫނެވެ.