ދެ އިންތިހާބު އެއްކޮށްލާ ދައުރު ދަންމާލަން މުއިއްޒަށް ފުރުސަތު ނުދެއްވާ: ޝާހިދު
ދެ އިންތިހާބު އެއްކުރުމަށާއި ވެރިކަމުގެ ދައުރު ދަންމާލުމަށް މުއިއްޒަށް ފުރުސަތު ނުދިނުމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން މި ސަރުކާރުން ނިންމާފައިވަނީ ރައްޔިތުންނަށް ބަސް ނުބުނެވޭހެން އަނގަމަތީ މަލަން އެޅުވުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީން ބޭއްވި ކެންޕޭން ލޯންޗްކުރުމުގެ ޖަލްސާގައި ޝާހިދު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި ދެއިންތިހާބު އެއްކޮށްލަން ފެންނަ ނުފެންނަ ވޯޓެއް ނަގަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ނޫންކަމަށާއި ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ކަމަށެވެ. 20 މިލިއަން ރުފިޔާ ސަލާމަތްކުރަން ބޭނުންވާނަމަ ދެ އިންތިހާބު އެއްކުރުމަށްވުރެ 30 މީހުން ސިޔާސީ ވަޒީފާތަކުން ވަކިކުރުމުން އެ ހަރަދު ކުޑަވާނެ ކަމަށް ޝަހިދު ވިދާޅުވިއެވެ.
މަޖިލިސް ދައުރު ކުރުކޮށްލާ ދެއިންތިހާބު އެއްކޮށްލަން ފެންނަ ނުފެންނަ ވޯޓެއް ނަގާ އުސޫލުން ރިޔާސީ ދައުރު ދަންމާލުމަށް ވެސް ވޯޓެއް ނަގާނެ ކަމަށްވެސް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ. ދެއިންތިހާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބޭނުމަކީ ވަކަރަށް ޖަހާލުމެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ދެ އިންތިހާބު އެއްކޮށްލަން ނަގާ ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ވެއްޖެނަމަ އަންނަ އަހަރު ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލަން ވޯޓެއް ނަގާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ދައުރު ދަންމާލުމުގެ ވޯޓު މުއިއްޒު ކާމިޔާބުކޮށްފިނަމަ ދެން މި ރާއްޖޭގައި ދުވަހަކުވެސް ރިޔާސީ އިންތިހާބެއް ނުބާއްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
"ހިތްޕުޅަށް ގެންނަވާ ކުރުކޮށްލަން އަހާ އެއްޗެއް ދިގުކޮށްލަންވެސް އަހާނެ. މި އަހަރު އެ އަހަނީ ކުރުކޮށްލަން. މި އަންނަ އަހަރު އަންނާނީ ދިގުކޮށްލަން، ރައީސުލްޖުމްހޫރިއްޔާގެ އަހަރު 10 އަހަރަށް ޖައްސާލަން. އޭރަށް އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ. އޭގެ ފަހުން ދިވެހިރާއްޖޭގައި އެއްވެސް ގޮތަކަށް ރިޔާސީ އިންތިހާބެއް ނޯންނާނެ،" ކަމަށް ޝާހިދު ވިދާޅުވިއެވެ.




