ވަގުން ތިބޭނީ ޖަލުގަ - ރިޔާސީ ރޭހަކު ނޫން

އެތައް ބަޔަކު މެރި ޝަހުމުމެން ކަހަލަ ކުދިން ވެސް އެތިބީ ރިޔާސީ އިންތިހާބުގައި ވާދަކޮށްލާ ގޮތަށް

ވަގުން ތިބޭނީ ޖަލުގަ - ރިޔާސީ ރޭހަކު ނޫން

ރިޔާސީ އިންތިހާބު ބޯމަތި ވާއިރަށް ޖަލުގައި ތިބިހާ ކުށްވެރިންނަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު ދެނީ ކޮންބައެއް ހެއްޔެވެ. ކޮން ގައުމެއްގައި ހެއްޔެވެ. މީހުން މަރައިގެންނާއި ވައްކަން ކޮއްގެން ހުކުން ތަންފީޒްކުރާ އެތައް ބަޔަކު ޖަލުގައި އެބަ ތިއްބެވެ. ޑްރަގްޑީލް ކޮށްގެންނާއި ޖިންސީގޯނާކޮށްގެން ހުކުން ތަންފީޒު ކުރާ މީހުން އެހާ ގިނައެވެ. ހިޔާނާތާއި ރިޝްވަތާއި މަނީލޯންޑަރިންގގެ ކުށް ސާބިތުވެ ހުކުން ތަފީޒު ކުރާ މީހުން ވެސް އެބަތިއްބެވެ.

ގާނޫނުގެ ވެރިކަން ހިންގަން ފައިނަގައިގެން ޕާޓީ ހަދައިގެން އުޅޭ ބައެއް މީހުންގެ ނިޔަތުގެ ތެދުކަމާ ދޭތެރޭގައި ސުވާލު އުފެދެއެވެ. ކުށް ސާބިތުވުމުން ޝަރުއީ ހުކުމް ވަކި މީހަކަށް ތަންފީޒު ނުކުރުމުގެ ޖާހިލު ވިސްނުމަކީ ތިމާމެންގެ ނިޔަތުގެ ނުބައިކަން ހާމަވެގެން ދާކަމެކެވެ.

ކާނަލް ނާޒިމް މާ އަޑުހަރުކޮށް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވެން ޖެހޭނެއޭ ބުނީމާ އަންނަނީ ހިންޏެވެ. ޔާމީނަށް ވާދަ ކުރެވެންޏާ ޖަލުގައި ތިބި އެހެން ކުށްވެރިންނަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު އޮންނަން ވާނެއެވެ. އެތައް ބަޔަކު މެރި ޝަހުމުމެން  ހުމާމުމެން ކަހަލަ ކުދިން ވެސް އެތިބީ ރިޔާސީ އިންތިހާބުގައި ވާދަކޮށްލާ ގޮތަށެވެ.  

އަޖައިބެއް ނުވާނެ ހެއްޔެވެ. ކުރީގެ ރައީސް ޔާމީނު ޖަލަށްލާފައި އެއޮތީ ސިޔާސީ ފްރޭމް ކުރުމެއްގެ ތެރެއަކުން ނޫނެވެ. ދިފާއަށް ފުރުސަތު ދެވިގެން ހުޅުވާލެވިފައިވާ ޝަރީއަތަކުން ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެގެންނެވެ. އިދިކޮޅުގެ ކެންޑިޑޭޓަކަށް ޔާމީނު ވީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެތައް ބައިވަރު ކުށްތަކެއްގެ ތަހުގީގާ ޝަރީއަތް ހިނގަ ހިނގާ ހުޢްޓައެވެ. ދައުލަތް ދަވާލައިގެން ހުރެ ޝަރީއަތްތައް ހިނގަހިނގާ އޮއްވާ އިދިކޮޅު ކެންޑީޑޭޓަށް ހެދީ ސިޔާސީ ގޮތުން ތިޔަ ޗަރުކޭސް ކުޅެން ވެގެންނެވެ.

ޔާމީން ޖަލުގައި ބާއްވައިގެން ނުވާނެ ކަމަށް ބުނަން ކާނަލް ނާޒިމަކީ ސްޕްރީމް ކޯޓްހެއްޔެވެ. ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބުނެ އަޑުއަރުވައިގެން ނާޒިމް ތިޔަ އުޅެނީ ކޮންބައެއްގެ ތާއީދު ލިބޭނެ ކަމަށް ހެއްޔެވެ. ހުކުމެއްކޮށް ޖަލުގައި ޔާމީނު އެއޮތީ ޔާމީނަށް އިންސާފު ކަށަވަރު ވާތީއެވެ. ދައުލަތް ދަވާލައިގެން ނިކުމެ އަނެއް ފަހަރު ދައުލަތް ދަވާލުމަށް ދުނިޔޭގެ ގާނޫނާއި އިސްލާމީ ޝަރީއަތުން ޖާގަ ނުދޭތީއެވެ. ވަގުން ތިބޭނީ ޖަލުގައެވެ. ރިޔާސީ ރޭހަކު ނޫނެވެ.