އިލެކްޝަނުން އާއްމު ކުރީ އައު އުސޫލެއް ނޫން
ދީނީ މައުލޫމާތު ދެވޭގޮތް ވަކި މާއްދާއެއްގެ ގޮތުގައި އަބަދުވެސް އެގޮތަށް އޮވޭ
ރިޔާސީ އިންތިޚާބުގެ ގަވާއިދުގައި ކެންޑިޑޭޓުންނާއި އެ މީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު ކަނޑައަޅާފައިވެއެވެ. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކައި އިސްލާމްދީނުގެ ހުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
ދީނީ އެކިއެކި މުނާސަބަތު ތަކުގައާއި ދީނީ ދަރުސްތަކުގައާއި ޚުޠުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވެއެވެ. ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް ވެސް އެއްވެސް ވާހަކައެއް ދެއްކުން މަނަލެވެ.
ސްކޫލް، މަދަރުސާ، ކޮލެޖު، ޔުނިވަރސިޓީ ފަދަ ކިޔަވައިދޭ ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ ކަމަށް ގަވައިދު ބުނެއެވެ.
އިލެކްޝަންސްގެ ގަވައިދާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން މާނަ އޮޅޭގޮތަށް ވާހަކަތައް ދައްކުމާ ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅު ކުރަމުން ދާދިއުމާ ގުޅިގެން އިލެކްޝަނުންވަނީ ހަގީގަތް ސާފުކޮށްދީފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެރެފައިވާ ރިޔާސީ އިންތިޚާބުގެ ގަވާއިދު 2023 ގެ އެއްވެސް މާއްދާއެއްގައި ދީނީ އިލްމުވެރިން ދޭން ބޭނުންވާ ދީނީ މައުލޫމާތު ދިނުމަށް ހުރަސް އަޅާފައިނުވާނެ ކަމަށް އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވާ ގޮތުގައި އާއްމު ކުރި އުސޫލަކީ އައު އުސޫލެއް ނޫނެވެ. ކޮންމެ ރިޔާސީ އިންތިޚާބެއްގެ ގަވާއިދުގައި ވެސް ދީނީ މައުލޫމާތު ދެވޭނެގޮތުގެ ވާހަކަ ވަކި މާއްދާއެއްގެ ގޮތުގައި އަބަދުވެސް ހިމަނާފައިވާ އެގޮތަށް އޮވެއެވެ. އެ ގަވައިދުގައި ދީނީ އިލްމު ފެތުރުމަށާއި، ދީނީ ނަސޭހަތާއި، ދަރުސް ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންގެ ރައީސް ވިދާޅުވެއެވެ. އާއްމުންނަށް ދޭ ދީނީ ނަސޭހަތްތަކާއި، މައުލޫމާތަކީ ސިޔާސީ ގޮތުން ވަކި ކެނޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކޮށް ކެމްޕެއިން ކުރެވޭ ގޮތަށް ނުވަތަ ވަކި ބަޔަކަށް ގެއްލުން ލިބޭ ގޮތަށް ދެވޭ މައުލޫމާތަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ވެއެވެ. ފުއާދު ވިދާޅުވަނީ އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ދީނީ އިލްމުވެރިން އެ ބޭފުޅުންގެ ސިޔާސީ މަސައްކަތުގައި އަދި ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ ވާހަކަ ދެއްކުމަކަށް އީސީން މަނާ ނުކުރާނެއެވެ. ރިޔާސީ އިންތިޚާބުގައި ވިޔަސް އަދި އެނޫން އިންތިޚާބެއްގައި ވިޔަސް ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް އެންޓި ކެމްޕޭން ކުރުމަކީ ގާނޫނުން މަނާ ކަމެކެވެ. އެ ފުރުސަތު އެއްވެސް ފަރާތަކަށް އިލެކްޝަން ކޮމިޝަނުން ނުދޭނެއެވެ.