ވެރިކަން ނިންމާނީ ވޯޓުންތޯ ގުޅަކުޅޭ ފަސްގަނޑުންތޯ ނިންމާނީ ރައްޔިތުން

އަލައްބާރުގެ ރަސްކަމަކާ ދިމާލަށް ރާއްޖެ ދިޔުމުގެބިރު ބޮޑު

ވެރިކަން ނިންމާނީ ވޯޓުންތޯ ގުޅަކުޅޭ ފަސްގަނޑުންތޯ ނިންމާނީ ރައްޔިތުން

ބާރުގަދަ އެންމެ ފައިސާ ވެރިއަކަށް ގައުމުގެ މުޅި ރައުސުލްމާލަާ ނިސްބަތުން ނުބައްދަލު މިންވަރެއް އިންވެސްޓްކުރަން ދޫކޮށްލުމަކީ ޒަމްޒަމް ފާރިސް ވިދާޅުވާހެން  ގައުމުގެ ވެރިކަން އެމީހަކަށް ހަވާލުކުރުން ފަދަ ކަމެކެވެ. އޭރަށް ދެން ރާއްޖޭގައި އޮންނާނީ އަލައްބާރުގެ ރަސްކަމެކެވެ. ދިވެހީންގެ ވެރިކަމެއް ނޫނެވެ. ބްރަދަރ އަބްދުއްލާ މެންނަށް މާ މޮޅުގޮތަކަށް އެގޮތް ރަގަޅަަސް ދިވެހިންނަކަށް އެގޮތެއް ކަމަކުނުދެއެވެ.

އެއްޔަކީ ތަރައްގީއެއް ނޫނެވެ. އަޅުވެތިކަމެވެ. ވެރިކަމުގައި ހުރި މީހާގެ ވެރިކަމުގެ ދައުރުގައި ބާކީ އޮތް އެންމެ 2 އަހަރުގެ ސިޔާސީ ލައްޒަތާއި ފައިދާ ހޯދުމަށް ހަދާ ބޮޑު ގޯހުން ގައުމު މީހެއްގެ އަޅުވެތިކަމަށް ދިޔުންނޫން ކަމެއް ނުވާނެއެވެ. އަންނާން ތިބި ހުރިހާ ދަރީންގެ މުސްތަބަގުލު އަޅުވެތިކަމަށް ދޫކޮށްނުލަން ރުހިގެން ތިބެވޭކަށް ނެތެވެ. ދަރިދަރިކޮޅަށް ވާރުތަކޮށްފޭން އޮތް ލޮބުވެތި ދިވެހި ގައުމުގެ މިނިވަންކަން ވިއްކާލަން ފުރުސަތު ނުދޭށެވެ.

ރައީސް މުއިއްޒެވެ. ތަރައްގީގެ ނަމުގައި ގައުމަށް ހަރާންކޯރު ނުވާށެވެ. ދިވެހި ރައްޔިތުން ދަންތުރައެއްގެ ތެރެއަށް ވައްޓާނުލާށެވެ. ގައުމާއި ރައްޔިތުންނަށް ހިޔާނާތްތެރި ނުވާށެވެ. ގައްދާރެއްގެ ގޮތުގައި ތާރީހުގެ ތެރެއަށް ވަދެގެން ނުދާށެވެ. 

ރަސްމާލެ ބިލުގައި ކިތަންމެ ފަށުވި އިބާރާތުން ރަލާއި އޫރުމަސް ނުވިއްކޭނެކަމަށް ލިޔެފައި އޮތަސް އެކަން އެގޮތަށް ނުހިނގާނެކަން އެންމެ ތުއްތު ކުއްޖާއަށް ވެސް އެނގޭނެއެވެ. ވަކިވަކި ރަށްރަށުގައި ހަދާ ރިސޯޓްތަކުގައި ރަލާއި އޫރުމަސް ވިއްކަން ރާއްޖޭގައި ހުއްދަ އޮންނައިރު ބޮޑުއަގުގައި ރެސިޑެންސީ ގަނެގެން ރާއްޖޭގައި ވަޒަންވެރިވާ ގައިރު މުސްލިމުންނަށް އެ މީހުންގެ މިލްކިއޔާތެއްގެ ތެރޭގައި ރަލާއި އޫރުމަސް ނުގެންގުޅެވޭ ގޮތެއް ނުހެދޭނެއެވެ. 

ގާނޫނުން މަނާކުރާނީ ރަލާއި އޫރުމަސް އެތާނގާ ވިއްކުންތާއެވެ. ގެންގުޅުމާއި ބެހުމާއި ދިނުމާއި ބޭނުންކުރުން މަނައެއް ނުވާނެއެވެ. ހީލަތްތެރި ގޮތްގޮތަށް ކަންކަން ރައްޔިތުންނަށް އޮޅުވާލައިގެން ހަމައަޅުވަން ނޫޅޭށެވެ. ޒާތްޒާތުގެ ގާނޫނީ ބަނދެވުންތަކުން ރައްޔިތުން ބަނދެގެން ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރެވިދާނެ ކަމަށް ހީކުރުމަކީ މުއިއްޒަށް ކުރެވޭ ކުށްހީއެކެވެ. 

މުއިއްޒަށް ވެރިކަމުގައި ތިޔަހުރެވެނީ ދީގެން ބަހައްޓައިގެން ތިބޭތީއެވެ. ލަންކާއާއި ބަނގުލާދޭޝް އާއި ނޭޕާލުން މާއްދާ ހަތަރެއްގެ ބާރު ފެނިގެން ދިޔަތަން ދުށީމެވެ. ރާއްޖޭގައި މާއްދާ ހަތަރެއްގެ ދަށުން މުއިއްޒު ވެރިކަމުން ބާލާނެ ގޮތް އެނގޭނީ ވެރިކަން ދިން ދިވެހި ރައްޔިތުންނަށެވެ. ރިޔާސީ އިންތިހާބުގައި ނަގާ ވޯޓަކުންތޯ މަޖިލީހުން ނަގާ އަޒުލުކުރުމުގެ ވޯޓަކުންތޯ ކަނޑައަޅަނީ ރައްޔިތުންނެވެ. އަސްކަރީ ނުވަތަ މަދަނީ އިންގިލާބަކުންތޯ ނުވަތަ ރައްޔިތުން ނިކުމެ ގުޅަކުޅޭ ފަސްގަޑުންތޯ ނިންމާނީ ރައްޔިތުންނެވެ. ދެއިރު ދެ ދަޅައަށް ތިޔަ ބަދަލުކުރާ ގާނޫނުތަކަށް ބާރުދީ ދަމަހައްޓާނީ ނުވަތަ ވާގި ނައްތާލާނީވެސް ރައްޔިތުންނެވެ.