ބައިބައިކުރާ އިންތިހާބަކަށްވުރެ މުއިއްޒުވެރިކަން ނިންމުން އެމްޑީޕީއަށް މުހިންމު

ބައިބައިކުރާ އިންތިހާބަކަށްވުރެ މުއިއްޒުވެރިކަން ނިންމުން އެމްޑީޕީއަށް މުހިންމު

މުއިއްޒުގެ ހުދުމުހުތާރު ވެރިކަމުގެ މަގުބޫލުކަން އެންމެ ކުޑަވެގެން ދިޔަ ވަގުތު މުއިއްޒަށް ޕްރެޝަރކުރަން ނޫޅެ އެމްޑީޕީން މިއުޅެން ފެށީ އެހެން ކަމަކާއެވެ. މި ވަގުތަކީ މުއިއްޒަށް ހުއްޓާނުލާ ޕްރެޝަރކޮށް އޭނާ ޖަވާބުދާރީ ކުރުވަން ލިބުނު އެންމެ ފަހި އެންމެ ފައްކާ ދަނޑިވަޅެވެ. 

މިނިވަން މުއައްސަސާތަކާއި ކޯޓުތަކާއި ރައްޔިތުންގެ މަޖިލީހަށް އެ މީހުންގެ ގާނޫނީ ބާރު ބޭނުން ކުރުމުގެ ހިތްވަރުދީ ހަށިފޮޅާލާ ނިކުތުމަށް ވާގިވެރިވާންވީ ވަގުތަކީ މިއެވެ. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާއާއި ގައުމީ ދިފާއީ ބާރަށް އެ މީހުންގެ ގައުމީ ވާޖިބު ހަނދާން ކޮށްދޭންވީ ވަގުތަކީ މިއެވެ. ރައްޔިތުން ގޮވައިގެން މަގުމައްޗަށް ނިކުމެ ބިޔަ ބޮޑު އިހުތިޖާޖެއް ކުރަންވީ މިހާރުއެވެ. 

މުއިއްޒާ ދެކޮޅަށް ރައްޔިތުން ބަސްބުނި ވަގުތު ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީން މި ޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. މުއިއްޒުގެ ވެރިކަން ގާނޫނީ ހަމަތަކުމަތިން ނިންމަން އުޅުމަށްވުރެ އެމްޑީޕީއަށް މުހިންމު ވެގެން އުޅެނީ އެތެރޭގެ އިންތިހާބެވެ. ވަކިވަކި މީހުންގެ ގަޔަށް ހެޔޮވަރަށް ރިޔާސީ ޓިކެޓް ފަހަން އުޅޭ އުޅުމުން ރޫޅި ވެރެނީ އެމްޑީޕީއެވެ. ގެއްލެނީ ރައްޔިތުންގެ އުންމީދާ ކުރާ އިތުބާރެވެ. 

ބޮޑެތި އިސްލާހީ ބަދަލުތަކަކާއެކުގައި ނޫނީ ކައިރިވާންނުވާ ވަރަށް ދިވެހި ދައުލަތް ހިންގުން ވަނީ ހަރާބުވެފައެވެ. ރައީސް މުއިއްޒު އާރާ ބާރުގައި ބަހައްޓައިގެން ރިޔާސީ އިންތިހާބަށް ދިޔުމުގެ ވިސްނުމަކީ މޮޔަ ވިސްނުމެކެވެ. އެޕްރީލްގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަކީ އަޅާނުލާ ދޫކޮށްލެވިއްޖެނަމަ މުއިއްޒު ބާރުވެރިވުމުގެ "ޓާނިންގ ޕޮއިންޓް" ކަމަށް ވުން ވަރަށް ގާތެވެ. ރިޔާސީ ޓިކެޓާހެދި އެމްޑީޕީއަކަށް އެކަމެއް ނޭނގެއެވެ. 

ގުޅިގެން އެކީގައި ކުރިއަށް ގޮސް މުއިއްޒުގެ ވެރިކަން އަވަހަށް ނިންމުމަކީ އެމްޑީޕީއަށާއި ގައުމަށް އެންމެ ރަނގަޅު ގޮތެވެ. ފައިދާ ބޮޑު ގޮތެވެ. އެމްޑީޕީގެ ކުރިމަތީގައި އޮތް އެތެރޭގެ އިންތިހާބަކަށް ތަޅާ ފޮޅުމަށްވުރެ އެއްވާނަކަށް ނިކުމެ މުއިއްޒު ޖަވާބުދާރީ ކުރުވުން އެމްޑީޕީގެ ކިބައިން ރައްޔިތުން އެދޭލެއް މާބޮޑެވެ. ރިޔާސީ ޓިކެޓަށް ފައިނަގައިގެން ތިބި ބަޔަކު އެބަޔަކަށް ފަހިވާގޮތަށް ޕާޓީގެ އޮނިގަނޑަށް މީހުން ސަވާރުކުރުވަން ޖަހާ ސަކަރާތް ނިމޭއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. ފަޅިފަޅިއަށް ފެޅި މޫނު ދިމާ ނިކުރެވޭ ވަރަށް ބައިބައިވެ މޫނުކެނޑިފައެވެ. 

ގަނޑުކޮށް ބޮޑުކޮށް ގުޅިގެން ހުދުމުހުތާރު ވެރިކަމާ ކުރިމަތިލެވޭވަރު ހަކަތަ އެމްޑީޕީގައި ނެތި ވަކި ފެކްޝަނެއްގެ ނިގުލުގައި އެލިގެން ތިބެ ވައިގެތެރޭގައި ނަށާކަށް ރައްޔިތުން މިހާރަކު ބޭނުމެއް ނޫނެވެ. ވަގުތީ ޗެއަރޕާސަނެއްގެ ފަހަތުގައި ވިޔަސް މުޅި އެމްޑީޕީ އެކަތިގަޑެއްގެ ގޮތުގައި އޮވެ ވަގުތު ނަގާނުލާ މިހާރުން މިހާރަށް މުއިއްޒު ސަރުކާރު ސައިޒްކުރުން ރައްޔިތުން ބޭނުމެވެ. އެކަކު އަނެކަކަށް ފުޅަ ހުތުރު ގޮވާ ބައިބައިކުރާ އިންތިހާބަކަށްވުރެ މުއިއްޒުވެރިކަން ނިންމަން އެއްވާނެއްގައި މަސައްކަތް ކުރުން އެމްޑީޕީ މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް މިވަގުތު މާ މުހިންމެވެ.