ރައީސް ޔާމީނާ ދެކޮޅަށް ޕީޕީއެމްގައި ދެއޮއިވަރެއް

ބޮޑަށް ހިނގަނީ ރައީސް ނަޝީދުގެ އިރުޝާދު

ރައީސް ޔާމީނާ ދެކޮޅަށް ޕީޕީއެމްގައި ދެއޮއިވަރެއް

ރައީސް ޔާމީނަށް ވަފާތެރި ޕީޕީއެމް ސެނެޓަރަކު ވިދާޅުވާ ގޮތުގައި ޕީޕީއެމް ތެރޭގައި ތަފާތު ތިން އޮއެވަރެއް ވަރަށް ބާރަށް އެބަ ހިނގައެވެ. އޭގެ ތެރެއިން ދެ އޮއިވަރަކީ ރައީސް ޔާމީނުގެ ނަންފުޅު ބޭނުން ކޮށްގެން ރައީސް ޔާމީނާ ދެކޮޅަށް ހިންގާ ދެއޮއިވަރެކެވެ. ރައީސް ޔާމީނާ އެއްކޮޅު އޮއެވަރަކާއި ދެކޮޅު ދެއޮއިވަރު ހިނގަނީ ވަރަށް ރޭވުންތެރި ކަމާއެކުގައި ކަމަށް ސެނެޓަރ ވިދާޅުވިއެވެ. 

ރައީސް ޔާމީނާ ދެކޮޅަށް ޕީޕީއެމްގައި ހިންގާ އެއް އޮއެވަރުގައި އިސްކޮށް ހުންނަވަނީ މާލޭ ސިޓީ މޭޔަރ ޑރ. މުއިއްޒުކަމަށް ސެނެޓަރ ތުހުމަތު ކުރައްވައެވެ. ޑރ. މުއިއްޒު އިސްވެ ހުންނަވާ ހިންގާ ހަރަކާތުގެ އަމާޒަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް މުއިއްޒުއަށް ހޯއްދެވުން ކަމަށް ވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ޕީޕީއެމްގެ ޓިކެޓް ނުލިބިއްޖެ ނަމަ ރައީސް ސޯލިހުގެ ރަނިންގ މޭޓަކަށް ވެވަޑައިގަންނަވަން ވެސް މުއިއްޒު ހުންނެވީ ތައްޔާރަށެވެ. 

ރައީސް ޔާމީނާ ދެކޮޅަށް ޕީޕީއެމްގައި ހިނގާ އަނެއް އޮއިވަރަކީ ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން ހިންގާ އޮއިވަރެއް ކަމަށް މައުލޫމާތު ދެއްވި ސެނެޓަރ ވިދާޅުވިއެވެ. ރައިސް ނަޝީދުގެ އިރުޝާދަށް އިސްކޮށް މަސައްކަތް ކުރަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ކަމަށް އޭނާ ވިދާޅުވެއެވެ. ނައިފަރު ދާއިރާގެ މެންބަރ އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރ ޠާރިގް (ޓޮމް)އާއި މަސައްކަތް ކުރައްވަނީ ސީދާ ރައީސް ނަޝީދުގެ އިރުޝާދަށް ކަމަށް ސެނެޓަރ ވިދާޅުވެއެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި "ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒުކޮށް ޝިޔާމް މަސައްކަތް ކުރައްވަމުން ގެންދަވަނީ ނަޝީދުގެ އިރުޝާދާއެކު ވަކި އެޖެންޑާއެއް އޮވެގެން" އެވެ. ޝިޔާމްއާއި އިންޑިއާ އެމްބަސީއާވެސް ގާތް ގުޅުމެއް އޮންނަކަމަށް އިދިކޮޅު ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ތުހުމަތު ކުރައްވާ ކަމަށް އޭނާ ވިދާޅުވެއެވެ.

ރައީސް ނަޝީދުގެ އިރުޝާދަށް މަސައްކަތްކުރާ ޕީޕީއެމް ހަރަކާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްއާއި އިންޑިއާ އެންބަސީގެ ދައުރެއް އޮންނަ ކަމަށް ވެސް ނަން ހާމަކުރަން ނޭދޭ ސެނެޓަރ ވިދާޅުވިއެވެ. ޕީއެންސީގެ ރައީސް އަދުރޭއާއި މާވަށު ދާއިރާގެ މެންބަރ މުހައްމަދު ސައީދުގެ ކޮންޓްރޯލު އޮންނަނީ ގާސިމް އަތްޕުޅުގައި ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވައެވެ.

ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއާއި، ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިދިކޮޅު ޕީޕީއެމް - ޕީއެންސީގެ ފަންޑު ރައިސިން ކޮމިޓީން ދުރުކޮށް ދަ ޑިމޮކްރެޓްސް އާއެކު ޕީޕީއެމުން ކުރިޔަށް ގެންދާ ސިޔާސީ މަޝްވަރާ ތަކުން އެއްފަރާތް ކުރުމަށް ރައީސް ޔާމީނު އެންގެވީ އެހެން ވެގެން ކަމަށްވެއެވެ. އިދިކޮޅު ޕީޕީއެމްގެ ފަންޑް ރައިސިން ކޮމިޓީއާއި އަދި ސިޔާސީ މަޝްވަރާތަކާ ބެހޭ ކޮމިޓީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނެސްފައިވަނީ ރައީސް ޔާމިން ޖަލުން ފޮނުއްވާފައިވާ ނޯޓަކާއި ގުޅިގެން ކަމަށްވެއެވެ.

ޕީޕީއެމް - ޕީއެންސީ ކޯލިޝަންގެ ނަމުގައި ސިޔާސީ މަޝްވާރަތައް ކުރިޔަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްއާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއައި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް)ގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބުރާހިމް ޝުޖާ ހިމެނޭ ކޮމެޓީއަކީ ޗާގޯސް މައްސަލައާއި ގުޅިގެން އުފެދުނު ކޮމެޓީއެކެވެ. އެ ކޮމެޓީން އިދިކޮޅު ސިޔާސީ މީހުންނާއެކު ސިޔާސީ މަސައްކަތް ކުރަމުން ދަނީ ޕީޕީއެމް ސެނެޓުން އެއްވެސް ފެންވަރެއްގައި ނިންމުމެއް ނިންމާ ރުހުން ދީގެން ނޫން ކަމަށް ސެނެޓަރ ވިދާޅުވިއެވެ. 

ރައީސް ޔާމީނު ސޮއި ކުރައްވާ ލިޔުމަކުން ނާންގަވާހާ ހިނދަކު ރައީސް ޔާމީނު ނޫން ފަރާތަކަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓް ދިނުމަށާއި އެހެން އެއްވެސް ސިޔާސީ ބައެއްގެ ފަހަތަށް ޕީޕީއެމް އެރުމަށް ޕީޕީއެމްގެ މެޖޯރިޓީ ދެކޮޅު ކަމަށް މައުލޫމާތު ދެއްވި ސެނެޓަރ ވިދާޅުވިއެވެ.  

ޕީޕީއެމްގެ 3 މެމްބަރަކު ބުރާސްފަތި ދުވަހު ޖުމުހޫރީ މައިދާނުގައި ހިންގި ކަމަކީވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ މަޝްވަރާއެއް އަދި ސެނެޓްގެ ނިންމުމެއް ނެތި ނަޝީދުގެ އިރުޝާދަށް ޝިޔާމް އިސްވެ ހުންނަވާ ހިންގެވި ކަމެއް ކަމަށް ޕީޕީއެމްގެ ސެނެޓަރ ވިދާޅުވިއެވެ.