ޕީއެންސީން ޑރ. މުއިއްޒާއެކު އަލީ ރަމީޒު؟

މުއިއްޒު ނިކުންނަނީ ރައީސް ޔާމިންގެ ލަފާފުޅާއެކު ކަމާމެދު ޝައްކު

ޕީއެންސީން ޑރ. މުއިއްޒާއެކު އަލީ ރަމީޒު؟

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުކަން ކުރީގެ ރައީސް ޔާމީނަށް އެޕާޓީ ދީގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. ޕީޕީއެމްގެ ބެކަޕް ޕާޓީ ޕީއެންސީ އަކީވެސް ސިޔާސީ ޕާޓީއެކެވެ. އެޕާޓީންވެސް ކެންޑިޑޭޓަކު ނެރުމަކީ ނުކުރާންވީ ކަމެއް ނޫންތާއެވެ. ޕްލޭންބީ ކުރިއްސުރެ އެގޮތަށް އޮތަސް ދުލުކުރިން ކިޔަކިޔާ މި ތިބެނީ ރައީސް ޔާމީނު ރައީސް ޔާމީނެވެ.

ހިޔާނާތާ ފަސާދައިގެ ސަބަބުން ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަށް ކުރިން ވެސް އެނގެއެވެ. ޔާމީނަށް ވާދަ ކުރެއްވޭ ގޮތަކަށް އެއްވެސް ކަމެއް ޕީޕީއެމް ލީޑަރޝިޕުން ނުކުރެއެވެ. ވަގުތު ދުއްވާލީ ބޭކާރު ކަންކަމުގައި ޝޯ ކުރުމުގައެވެ. ބައިބޯ ޕީޕީއެމަށް ހެޔޮވަރުގެ މުޒާހަރާއެއް ޖައްސާލާ ސަރުކާރަށް ޕްރެޝަރކޮށް ނުލެވުނެވެ. އިންޑިއާ އައުޓަކާ ޗާގޯހެއްގައި ދުވަސްތައް ދުއްވާލީއެވެ. ރައީސް ޔާމީނު ނެރޭކަށް ލީޑަރޝިޕުން ކަމެއް ނުކުރެއެވެ. ކޮންމެ މީހަކު އުޅުނީ އެ މީހަކު މަޝްހޫރުވާށެވެ. ނަމުގައި ޔާމީނެވެ. 

ހަރާން ހުކުން މުޒާހަރާ ވެސް އެއްޗަކަށް ވާހެން ޖައްސައެއް ނުލައެވެ. ކަސްރަތު ކުލާހަކަށް ނުއުމުރުގެ ކަނބަލުން ކޮޅެއް ގޮސްގެން އުޅޭހެން ކޮންމެ ރެއަކު ގަޑިއެއް ހާއިރު އުޅެލާ އުޅުންފިޔަވާ ކުރިކަމެއް ނެތެވެ. އާއްމު މެންބަރުންގެ ލޮލުގައި އަޅުވާ އަދުނެއްގެ ގޮތުގައި ޔާމީން ޔާމީން ދުލު ކުރިން ކިޔާލަ ކިޔާލާ ތިބެ ލީޑަރޝިޕުން ކުރަމުން ދިޔައީ އެހެން ކަމެކެވެ. ޑރ. މުއިއްޒު ރައީސް ކަމަށް ފައްކާ ކުރުމެވެ.

ވަކި ސަރިކާރެއްހެން މާލެ ސިޓި ކައުންސިލް މުއިއްޒު ހިންގަމުން އައީ ސަމާސާއަކަށް ނޫނެވެ. ތަފާތު ދައްކަމުން ބޮޑު އީދު ގިޑިގެ ތަކުން މާލެ ދިއްލާލީ އޮޅުމަކުން ނޫނެވެ. މާލޭ މޭޔަރުކަމުގެ އެޑްވާންޓޭޖް ނަގައިގެން މުއިއްޒު އައީ ބަރާބަރަށް ޖާގަ ހަދަމުން ފައްކާ ވަމުންނެވެ. ރިޔާސީ ރޭހަށް މުއިއްޒު ނިކުތުމަށް އޮތް ހުރަހަކީ އަބަދުވެސް ޔާމީނެވެ. ޔާމީނާ ހެދި މުއިއްޒަށް މަގު އޮތީ ބަންދު ވެފައެވެ.

އެންމެ ފަހުން މުއިއްޒު ހުރީ ޔާމީނުގެ ފަހަތުގައި ކަމަށާއި ޔާމީނަށް ވަފާތެރި ވާނޭ ކަމަށް ބުނީ އޮޅުމަކުން ނޫނެވެ. ޕީޕީއެމްގެ ސިޔާސަ ކުދިންނަށް އޮޅުވާލުމަށެވެ. ވަރަށް ފުރިހަމަޔަށް މުއިއްޒު ތައްޔާރުވެ ފަހު ވަގުތު މުއިއްޒު ގޯލްޑަން ގޯލް އެ ޖަހާލަނީ ކީޕަރު ގައިގާ ޖައްސާ ގޯލު ކަނަށެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި އޮތް އޮޕްޝަނުގެ ގޮތުގައެވެ. ޕީއެންސީ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައެވެ.

ގާނޫނީ ގޮތުން ޔާމީނަށް ރިޔާސީ ރޭހަށް ނުނިކުމެވި ފޯމް ބާތިލުކޮށްލާއިރު ޕީއެންސީ ކެންޑީޑޭޓް މުއިއްޒުގެ ކެންޑީޑެންސީ ބަލައިގަނެވޭނެއެވެ. މުއިއްޒު ބަލައިގަތުމަށް ގާނޫނީ ހުރަހެއް ނުއޮންނާނެއެވެ. މުއިއްޒު ނިކުންނަނީ ރައީސް ޔާމިންގެ ލަފާފުޅާއެކުގައި ކަމަށް ބުނީމާ ނިމުނީތާއެވެ. އެ ވާހަކަ ތެދުކޮށް ދޮގު ކުރެވޭނެ ގޮތެއް ނުއޮންނާނެއެވެ. ޔާމީނު ދޫވެ ހަގީގަތް ސާފު ވާއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. 

އިދިކޮޅު ކޯލިޝަންގެ ވިސްނުން މިވަގުތު ހުރީ ޔާމީންގެ ކެންޑިޑެސީ ފޯމުގެ އިތުރަށް ޕީއެންސީން ކެންޑިޑޭޓަކާއި ރަނިން މޭޓު ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށެވެ. ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ކިމިޝަނުން ބަލައި ނުގެންފިނަމަ ޕީއެންސީ ކެންޑިޑޭޓް ޑރ. މުއިއްޒު ރިޔާސީ އިންތިހާބަށް ނުކުތުމުން ޔާމީނު ގުރުބާންކޮށް މުއިއްޒަށް ޕީޕީއެމާއި ޕީއެންސީ މިލްކުވީއެވެ. ކިހާރީތި ހެއްޔެވެ.

ފިސާރި ވިސްނުންތެރި ކަމާއެކު ދުރާލާ ޑރ. މުއިއްޒު އެތެރޭގައި ހުރެ މުޅި ޕީޕީއެމް އަތްދަށު ލީއެވެ. ޖުމްހޫރީން ބޮޑުފަޅިވަރެއް އިގްބާލާއި އަލީ އާރިފް ގެންނާނެއެވެ. މުއިއްޒުގެ ޅިޔަނު ޝައިހު ޖަނާބުގެ ދެދަރިން ކަމަށްވާ އަބްދުއްލާއާއި އިބްރާހީމް މުއިއްޒުގެ ފަހަތަށް ސަލަފް ޖަމްއިއްޔާ ގެނެސް ދޭނެއެވެ. ޕީއެންސީގެ ރަނިންގ މޭޓަކަށް ނިކުންނާނީ އަލީ ރަމީޒު ނޫންކަމެއް ނޭގެއެވެ.