މުއިއްޒުގެ ސިޔާސަތު ހިފައިގެންނިކުމެ ތަރައްގީއެއް ނުގެނެވޭނެ: ސޯލިހު

މުއިއްޒުގެ ސިޔާސަތު ހިފައިގެންނިކުމެ ތަރައްގީއެއް ނުގެނެވޭނެ: ސޯލިހު
ރައީސް ސޯލިހު ފުވައްމުލަކު ސިޓީގައި

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ޑރ. މުއިއްޒުގެ ސިޔާސަތު ހިފައިގެން ނުކުންނަ ކެންޑިޑޭޓުންނަށް ރަށްރަށަށް ތަރައްގީ ނުގެނެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު އެހެން ވިދާޅުވީ ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި އެމްޑީޕީ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. 

ކައުންސިލްތަކާއި އތމ ކޮމިޓީއަށް ވާދަކުރާ ޕީއެންސީން ކެންޑިޑޭޓުންގެ މައްސަލައެއް ނެތް ކަމަށާއި މައްސަލަ ހުރީ އެ ކެންޑިޑޭޓުނގެ ސިޔާސަތުތަކުގައި ކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވިއެވެ.

"މުއިއްޒުގެ ސިޔާސަތު ހިއްޕަވައިގެން ނުކުންނަވާ ބޭފުޅަކަށް ރަށަކަށް ތަރައްގީއެއް ނުގެނެވޭނެ. ތިޔައިން ރައްޔިތަކަށް ހެވެއް އެދިގެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ހަމައެކަނި ވިދާޅުވީމާ ވިދާޅުވާ ކަމެއް ކުރުން ނޫން ކަމެއް އެ ބޭފުޅުންނަށް ނުކުރެވޭނެ،" ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ކައިރިން ހިދުމަތްތައް ލިބޭނެ ގޮތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން އެގޮތަށް ކުރަމުން ނުދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ރައީސް ސޯލިހު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލާ އެޓޯލްސް މިނިސްޓްރީއެއް އުފައްދައި ބާރުތައް މަރުކަޒުކޮށް ދައުލަތުގެ ހަރަދު ބޮޑުކުރަން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ޕޮލިކަލް ޑިރެކްޓަރުން ލުމަށް މަސައްކަތް ފަށަފައިވާކަމަށެވެ. 

ރޭގައި ފުވައްމުލަކު ސިޓީގައި ރައީސް ދެއްކެވި ވާހަކައިގައި ވިދާޅުވީ މުއިއްޒު ސަރުކާރުން ދައްކަވަނީ ހަރަދު ކުޑަކުރުމުގެ ވާހަކައެވެ. އެކަމަކު ބާރުތައް ޖަމާކުރުމަށް އަތޮޅު ކައުންސިލް އުވާލުމަށް ފަހު އެ އުފައްދަނީ ރީޖަނަލް އޮފީސްތަކެއް، ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.