ކަނޑުވިއްކާ ނަމުގައި ވައިނޮޅީގައި ދަތްއަޅާ އިއްތިހާދު
އެއްބަސް ވުމަކުން ކޮށްލެވެން އޮއްވާ ދުނިޔޭގެ ކޯޓަކަށް ގޮސްގެން ކަނޑު ވިއްކަންވީ ކީއްކުރަން
ރައްޔިތުންގެ ސަމާލުކަން ހޯދުމަށް ދައްކާނެ ވާހަކަ ހުސްވެ ޔޯލަޔޯލަ ވާހަކަ ދައްކާ ދައްކާ އޮތް އިތުބާރުވެސް އިދިކޮޅަށް ގެއްލި ހުސްވަނީއެވެ. ޗާގޯސްގެ ވާހަކަ ގޯހަކަށްވެ މުޅި ވާހަކަ ބަދަލު ކޮށްފިއެވެ. ރާއްޖެއިން ކަނޑުގެ ސަރަހައްދުން ބައެއް އިންޑިއާއަށް ވިއްކާލިކަމަށް ކަމަށް ބުނެ ބުހުތާން ދޮގު ވާހަކައެއް އަނެއްކާ ފަޅާލައިފިއެވެ. އިރަކު ގޮތަކަށް ދެއްކޭ ނުދެއްކޭ ވާހަކަ އެނގެނީއެއް ނޫނެވެ.
ޗާގޮސްއާއި ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ބައެއް ފުށުއަރާ ކަމަށް އިދިކޮޅުން އެއްބަސް ވެސް އެބަވެއެވެ. ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ވެސް އިދިކޮޅުން އެބަބުނެއެވެ. ހާއްސަ އިގުތިސާދީ ސަރަހައްދު ފުށުއަރައިފިނަމަ ދެފަރާތް އެއްބަސްވާ ގޮތަކަށް ފުށުއަރާތަން ބައިކުރުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކާބެހޭ ގާނޫނު ބުނެއެވެ. ރާއްޖެއާއި މޮރިޝަސްއާއި ދެ ގައުމުގެ ސަރުކާރުން އެއްބަސްވާ ގޮތަކަށް ބަހާލަން ރާއްޖޭގެ ގާނޫނު ހުރަހެއް ނާޅައެވެ. ފައިސާ ނަގައިގެން ކަޑުވިއްކާލާނެ ނަމަ އެއްބަސް ވުމެއްގެ ދަށުން ކަނޑު ވިއްކާ ލެވުނީހެވެ. މާ ލުއިކޮށް ދޮންކަޅު އަންގާނުލާ އެއްބަސް ވުމަކުން ކޮށްލެވެން އޮއްވާ ދުނިޔޭގެ ކޯޓަކަށް ގޮސްގެން ދެގައުމުން ބޮޑެތި ހަރަދާއި ވަގުތު ބޭކާރު ކޮށްގެން ކަނޑު ވިއްކަންވީ ކީއްކުރަން ހެއްޔެވެ. އެގޮތަށް އެކަން ނުކޮށް ދިވެހި ސަރުކާރުން ހިފެހެއްޓީ ކަނޑުން އިންޗިއެއްވެސް ދޫކޮށްލަން ދިވެހި ސަރުކާރު ބޭނުން ނުވާތީއެވެ. މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އިގުތިސާދީ ސަރަހައްދީ އިމުގެ މައްސަލައެއް ނެތްކަމަށް ބުނެ އެގޮތުގައި ހިފެހެއްޓީ އެހެންވެއެވެ. ރާއްޖޭން އެކަމުގައި ފުކެއްވެސް ދުލެއް ނުކުރެއެވެ.
ރާއްޖެން ދޫ ނުދިނުމުން އެންމެ ފަހުން ފުށުއެރުން ހައްލުކުރުމަށް މޮރިޝަސްއިން ދިޔައީ އދ ގެ ކަމާ ބެހޭ ޓްރައިބިއުނަލް އިޓްލޮސްއަށްކަން ސާފުކޮށް އެނގެއެވެ. އިޓްލޮސްގައިވެސް ރާއްޖޭން ފުރަތަމަ ދެމެހެއްޓީ އެސްޓޭންޑެވެ. ރާއްޖޭން އެ ގޮތްދޫކުރަން ޖެހުނީ ދުނިޔޭގެ ކޯޓުގެ ލަފަޔަކަށް އދ މަޖިލީހުގެ އާއްމު ޖަލްސާއަކުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެން ވާކަމަށް ފާސްކުރި ކުރުމަކާ ގުޅިގެން ކަޑުގެ ސަރަހައްދުތަކުގެ އިމާ ބެހޭ އދ ގެ ޓްރައި ބިއުނަލް (އިޓްލޮސް)އިން ޗާގޯގަކީ މޮރިސަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ގަބޫލުކޮށް ބަލައިގަތުމުންނެވެ. ރާއްޖެއާއި މޮރިޝަސްގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމެއް އޮތްކަމަށް ބަލާ ޝަރީއަތް ހިންގަން ފެއްޓުމުން ރާއްޖޭން ޖަވާބުދާރީ ވާންޖެހި ދުނިޔޭގެ ގާނޫނުތަކަށް ބޯލަނބަން ޖެހުމުންނެވެ. އެހިސާބުން ވެސް ދުލެއްނުދީ ދިވެހިސަރުކާރުން ހިފެހެއްޓީ ލިބެން އޮތް އެންމެ ބޮޑުސަރަހައްދެއް ހޯދޭނެ ގޮތަކަށް ހޯދުމަށެވެ. ނަތީޖާއަކަށްވީ ދިވެހި ސަރުކާރުން ވަކާލަތު ކުރިގޮތަށް ފުށުއަރާ ސަރަހައްދުން ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ހުކުމް ކުރުމެވެ. ފުށުއަރާ ސަރަހައްދު ބައިކުރުމުގައި ދިވެހި ސަރުކާރުގެ ސްޓޭންޑް ސާފުވެފައި ރާއްޖެއަށް ފައިދާ ބޮޑެވެ.
ކަނޑު ވިއްކާލިކަމަށް ހަދައިގެން ބަޔަކު މީހުން ނިކުމެ ޗަރުކޭސް ކުޅެނީ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮތުމުން ކަން ނޭނގޭ ކުޑަކުއްޖެއް ވެސް ނެތެވެ. މޮރިޝަސްއާއި ރާއްޖެއާ ދެމެދުން ފުށުއަރާ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން އދ ގެ ކަމާ ބެހޭ ޓްރައިބިއުނަލް އިޓްލޮސްގެ ފަނޑިޔާރުން ވަކިކޮށްދިން ވަކިކުރުމަކީ ރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ބައެއް ވިއްކާލުން ކަމަށް ސިފަކުރާ ބަޔަކީ އދގެ ހުކުމްތައް ވެސް ގަބޫލު ނުކުރާ ބަޔަކީތާއެވެ. ކަނޑުން ބައެއް ވިއްކުމާ ދެކޮޅު އިއްތިހާދޭ ކިޔައިގެން ސައިބޯނި ބޮކި އެރުވިސް އިސާހިތަކު ތިކަންވެސް ނިމިދާނެއެވެ. ޗާގޯސް ވާހަކައާއި އިންޑިއާ އައުޓްވެސް ނިމުނު ގޮތަށެވެ. ހަރާން ހުކުން މުޒާހަރާ ތަކާ އެއްގޮތަށެވެ.
އެކަމަކު ބުނަން ހެއްޔެވެ. އިއްތިހާދު ހަދައިގެން އަޅި ބުރުވަ ބުރުވާފައި ލަހެއްނުވެ ފެންނާނީ އެކަކު އަނެކަކަށް ވައިނޮޅީގައި ހިފާތަނެވެ. ދޮންޖޭމު އުމަރާއި މުނައްވަރަށް ވެސް ރިޔާސީ ކެންޕޭން ކުރެވޭނީ ތިޔަ ކަހަލަ ގޮތަކަށެވެ. ރައްޔިތުންގެ ގިބަޔަކު ތިބީކީ ތިޔަބޭފުޅުންނާ ކޯލިޝަން ހަދާ ގޮތަކަށް ނޫނެވެ.