އައިޝަތު ޝިހާމް ވަޒީރުކަންގަތީ 11 މިލިޔަނަށް: މާޒް ސަލީމް

ގިނަ މިނިސްޓަރ ޕޯޓުފޯލިއޯ ތަކަކީ މުއިއްޒުއަށް އަތުން ގަނެފައިވާ ޕޯޓުފޯލިއޯތަކެއް

އައިޝަތު ޝިހާމް ވަޒީރުކަންގަތީ 11 މިލިޔަނަށް: މާޒް ސަލީމް

ރައީސް މުއިއްޒު ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި މުޅިސަރުކާރުގެ ތެރޭގައި އޮތީ އަނިޔާވެރިކަމާއި، ފަސާދައާއި ކޮރަޕްޝަންކަމަށް އުމަރު ނަސީރުގެ ރަނިންނގ މޭޓްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި މާޒް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.  

އަނިޔާދީ ބުލީގެ ޝިކާރަޔަކަށް ވީމަވެސް ހިތްވަރު އެލުވާނުލައްވާ ހިދުމަތުގައި ދެމިހުންނެވި ޑައިރެކްޓަރ އައިޝަތު ސޫޒާ އަށް އައްސަރިބަހާ ސާބަސް ދަންނަވަމުން، މިނިސްޓަރ އައިޝަތު ޝިހާމު ނުފޫޒު ބޭނުންކޮށް މުވައްޒަފުންނަށް ބިރު ދައްކާ، ގާނޫނާއި ގަވާއިދާ ހިލާފަށް އެތައް ކަމެއް ދަނީ ކުރަމުންކަމަށް ސަލީމް ވިދާޅުވިއެވެ.

މިނިސްޓަރ އައިޝަތު ޝިހާމް ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބުދުއްލާ ރަޝީދު ބޭނުންކޮށްގެން މާލިއްޔަތު ގަވާާއިދާ ހިލާފަށް މިނިސްޓްރީގެ ބަޖެޓު ނަހަމަ ގޮތުގަ ބޭނުންކޮށް، ބިޑު ކޮމިޓީގެ ނިންމުންތައް ބަދަލުކޮށް މިނިސްޓަރު ބޭނުންވާ ބަޔަކު ލައްވާ އެސްޓިމޭޓު ހުށަހަޅުއްވައިގެން އެފަރާތްތަކަށް ބޮޑު އަގުގައި މަސައްކަތްތައް ހަވާލު ކުރަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ފިޔަވަތީގެ އާދައިގެ މުވައްޒަފަކަށް ބިރު ދައްކައިގެން އޭނާވަނީ ވަޒީފާއިން ވަކިކުރުވުމާއި ސްޓޭޓު މިނިސްޓަރ އައިމިނަތު ހުސެއިން ޝަރީފު ވުޒާރާއަށް ވަޑައިގަން ހިސާބުން އެކަމަނާއަށް ބުލީކުރުމާއި އަދި ހަމަ އެއާއެކީ އައިމިނަތު ހުސެއިން ޝަރީފާއެކުގައި ޑެޕިއުޓީ މިނިސްޓަރ ނަމްޒާ އުޅުއްވާތީވެ ނަމްޒާ ވެސް ވަނީ ބުލީގެ ޝިކާރަޔަކަށްވެ ވުޒާރާ ދޫކުރުވަން މަޖުބޫރު ކުރުވައިފައިވާކަމަށް މާޒް ސަލީމް ވިދާޅުވިއެވެ. މިނިސްޓަރގެ އަނިޔާގެ ޝިކާރައަކަށް ވެގެން ވަކިވެގެންދާ މުވައްޒަފުންނަށް ފެއަރވެލްވެސް ބާއްވައިގެން ނުވާނެކަމަށް މިނިސްޓަރ ވަނީ އިންޒާރުދީފައެވެ.

އައިޝަތު ޝިހާމުގެ ވަޒީރުކަން ފެށުމުގެ ކުރިން ސޯޝަލް ސެކިއުރިޓީ އާއި ބެހޭ ވުޒާރާއަކީ ކޮރަޕްޝަނާއި ފަސާދަ އޮންނަތަނެއް ނޫން ކަމަށާއި އެކުވެރި މާހައުލެއްގައި ބިނާކުރަނިވި ގޮތެއްގައި މަސަައްކަތް ކުރަމުންދިޔަ ވުޒާރާއެއް ކަމަށް ސަލީމް ފާހަގަ ކުރައްވައެވެ. 

މިހިސާބަށް ވަޒީރުގެ އަނިޔާވެރިކަންގޮސް ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާއިރުވެސް ރައީސް މުއިއްޒު ހުންނަވަން ޖެހިވަޑައި ގަންނަވަނީ ނުފެންނަ ކަމަށް ހައްދަވައިގެންކަމަށް ސަލީމް ވިދާޅުވިއެވެ. އެއީ މި ވަޒީރުގެ ޕޯރޓުފޯލިއޯ އައިޝަތު ޝިޔާމަށް ހޯދުމަށް 11 މިލިއަން ރުފިޔާ މުއިއްޒުގެ ކެމްޕެއިންއަށް ދީފައވާތީކަމަށް ސަލީމް ވިދާޅުވިއެވެ.

ސަރުކާރުގެ ކަންކަން މިހާގޯހުން ގޯހަށްގޮސް ކޮރަޕްޝަން އިންތިހާއަށް ދާއިރުވެސް ރައީސްއަށް އެޅުއްވޭނޭ ފިޔަވަޅެއް ނެތްކަމަށާއި އެއީ ގިނަ ވުޒަރާތަކުގެ މިނިސްޓަރ ޕޯޓުފޯލިއޯ ތަކަކީ މުއިއްޒުގެ ކެމްޕެއިން އަށް ފައިސާ ދީގެން ގަނެފައިވާ ޕޯޓުފޯލިއޯ ތަކެއް ކަމަށާއި 22 ވުޒާރާ އުފައްދަވަން މަޖުބޫރުވީވެސް މިފައިސާތަކުގެ މަސްލަހަތުގައިކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.