ކަނޑުރަސްގެފާނަށް އިދިކޮޅުގެ ތާއީދު ފުރޮޅިގެން ދިޔުން
ޗާގޯހުގެ ފުޅޮއިގާ ޖެހި ނުނެއްޓެވިގެން ޗާގޯސްވަށާ އެނބުރި އެނބުރި ވާތާވުން
އިދިކޮޅުން ރައީސް ސޯލިހާ ދެކޮޅަށް ދެއްކިހާ ވާހަކަ ހަރުތާކު ނުޖެހި، ޖެހިދުމެއްހެން އަރާ ގެއްލި ހުސްވެއްޖެއެވެ. ވެރިކަމަށް ފައިނަގައިގެން ތިބިހާ މީހުން އެކަނި ހާލަށް ނޫޅެވި އެކަކު އަނެކަކު އަތުގައި ހިފައިގެން ހިންދަމާ ލެވޭތޯ ތެޅެފޮޅެނީއެވެ. ޔާމީނު އޮތްތާ އޮއްވާ ޔާމީނުގެ އައުވާނުން ލައްވާ ގާސިމް ނަގާ ދެއްކޭތޯ ކުރިހާ މަސައްކަތް ތޮޅިއަށްވެ ނަޝީދުގެ ވިހަ މުޅި އިދިކޮޅަށް ފަތުރަލާ މުޅި އިދިކޮޅު ވިހަކޮށްލައިފިއެވެ.
ޔާމީނު ނެތްތާކު މުއިއްޒަކީވެސް ޕީޕީއެމަކަށް މީހަކަށް ނުވިއެވެ. ގައްސާނު އިސްވެ ހުރެ އެންދެރިމާގެއާއި ކައިރިއަށް ވެރިކަން ފުރޮޅާލަން ކުރިހާ މަސައްކަތް ގޮސްޖެހުނީ ގާސިމުގެ ފައިބުޑަށެވެ. ގާސިމުގައިގާ ހަކިހިއްޕާލައިގެން އޮތީ ނަޝީދެވެ. ދުވަހަކު ނަޝީދާ އެއްގަލަށް ނާރަން ހިތްވަރުކުރި ޕީޕީއެމްގެ ކުދިން ބާކީކޮށް ނަޝީދު އުނގަށް ޕީޕީއެމް ވައްޓާލައިފިއެވެ.
ޔާމީނު ޖަލުގައި ބާއްވައިގެން ޕީޕީއެމް ނަޝީދަށް ވެދުން ކުރުމުގައި އަދުރޭއާއި ޝިޔާމާއި ޓޮމް ހޭބޯނާރައެވެ. މިވެރިންނަށް މިހާރު އަދީބުވެސް އޯކޭވެ އެމްއެމްޕީއާރުސިއާއި ޔާމީނު ހަނދާން ނެތިއްޖެއެވެ. މިއަދަކު ޕީޕީއެމް-ޕީއެންސީއަށް ޔާމިނެއް މުހިންމެއް ނޫނެވެ. އެމީހުނަށް މުހިންމުވީ އަދީބާއި ނަޝީދާއި ގާސިމެވެ.
މުއިއްޒު ވެރިކަމަށް ގެންނަން ފޫގަޅާފައިތިބި ސަލަފްމީހުނަށް ގޮތްހުސްވެ ނަޝީދު ވަރުގެ އިމާމަކު ނެތިއްޖެއެވެ. ކްރިސްޓިއަން ދީނަށް ނިސްބަތްވާ ޗާގޯސް މީހުންކޮޅު ދިވެހި ރައްޔިތުންނަށް ނުހެދިގެންނެވެ. ރާއްޖޭގައި އޮތް ސައްތައިންސައްތަ އިސްލާމްކަން ކަނޑާ ނުލެވިގެން ސަލަފުވެސް ނަޝީދުގެ ފަހަތަށް އަރާ އިދިކޮޅު ސިޔާސީ ކުޅިގަނޑުގައި ރަނގަޅަށް މެހިގެންފިއެވެ. ނަޝީދުގެ ކެހިވެރި ހީލަތުން ރާވާ ފަތުރާލި ގާސިމްގެ ފަލީތާގައި ނިކަން ރަގަޅަށް އިދިކޮޅު އެންމެން ބަދެވިއްޖެއެވެ.
2018ގައި އިދިކޮޅު ޔާމީނާ ދެކޮޅަށް އެއްވީ ލީޑަރުން ވާދަކުރާނެ ފުރުސަތު ނެތިގެންނެވެ. މިއަދު އެހެނެއް ނޫނެވެ. ކިރިޔާވެސް އުދަގުލެއް އޮތީ ޔާމީނަށެވެ. މުއިއްޒަކަށް ގައްސާނަކަށް އަދުރޭއަކަށް ހުރަހެއް ނެތެވެ. ގާސިމް އެހުރީ ފިސާރި ފުފެފައެވެ. ކާނަލް ނާޒިމް ވާދަކުރަނީ ހުރި މީހެއްކަން އަންގަންތާއެވެ. ނާޒިމުގެ ހަގީގީ އަހަރަކީ 2028 އެވެ. ދެން ތިބީ އުމަރާ މުނައްވަރެވެ. ބެނދެވުމެއް ނެތެވެ. ވާނުވާގައި ނޭގިތިބެ ހުރިހާ ވާދަވެރިން ބަނދެވިގެން ވެރިކަމަށް އަންނަން މިއުޅެނީ ކާކުހެއްޔެވެ.
ޗާގޯހުގެ ފުޅޮއިގާ ޖެހި ނުނެއްޓެވިގެން ޗާގޯސްވަށާ އެނބުރި އެނބުރި ތިބީ ހާދަ ގަމާރުވީމައެވެ. 75 ފަސްމޭލަށް ވުރެ ބޭރުން މަސްވެރިކަން ކުރުން މަނާ ދިވެހި މަސްވެރިންނަށް ރަންގަޑެކޭ ހިލަގަނޑެކޭ ތަފާތެއްނެތް ކަމެއްގައި ކޮށިއަރައިގެން އުޅުމުގެ ސިއްރެއް އޮންނާނެއެވެ. އިދިކޮޅު އެއްކޮށް ދޮންކޮށްގެން މުޅި މަންޒަރު ބަދަލުވެގެން ދާދިމާ ވަރަށް ސާފެވެ.
ޔާމީނާއި ގާސިމާއި ނާޒިމާއި މުއިއްޒާއި ގައްސާނާއި އުމަރު އޮޅާލާ މިއެންމެންނަށް އޮތް ތާއީދު ވަކި ދިމާލަކަށް ބާރު ދުވެލީގައި ފުރޮޅެމުން ދާތަން އެބަ ފެނެއެވެ. ކަނޑު ރަސްގެފާނު ފާޅުވެ ކަނޑުރަސްގެފާނުގެ ރަސްކަމަށް އިދިކޮޅުގެ ތާއީދު ލޫދިގެން އެހުރެދަނީ ލޮނދި ހިކައެއް އަތުން ދާހެންނެވެ. ޔާމީނާއި ގާސިމާއި މަންޒަރުން ގެއްލި ބާކީވެ ނިދިން ހޭލެވޭއިރު ޑރ. މުނައްވަރު ހުންނަވާނީ އިދިކޮޅު ލީޑަރުގެ ގޮތުގައި ނަޝީދާއެކުގައެވެ.