ފިރިހެނަކަށް ހެދިގެން އަންހެނުންނަށް ޖިންސީގޯނާކުރި އަންހެނެއް

6 ދައުވާ ސާބިތުވި އަންހެނާ ވަނީ ކޮޅަށް ހުރެ ކުޑަކަމުދާ ކަމަށްވެސް ހެދިފަ

ފިރިހެނަކަށް ހެދިގެން އަންހެނުންނަށް ޖިންސީގޯނާކުރި އަންހެނެއް

ފިރިހެނެއްގެ ގޮތުގައި ހެދިގެން އަންހެނަކަށް އޮޅުވާލައި، ޖިސްމާނީ ގުޅުން ހިންގި މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަންހެނަކު، އިތުރު އަންހެނަކަށް އޮޅުވާލައިގެން އެފަދަ ނޭދެވޭ ގުޅުމެއް ހިންގިކަން ސާބިތުވެއްޖެއެވެ.

ދެ މައްސަލައިގައިވެސް އުމުރުން 44 އަހަރުގެ ބްލޭޑް ސިލްވާނޯ ވަނީ އޮންލައިން ޑޭޓިންގް ސައިޓެއް މެދުވެރިކޮށް އެ އަންހެނުންނާ ބައްދަލުކޮށް، އޭނާއަކީ ސިފައިންގެ ހިދުމަތުގައި އުޅުނު ފިރިހެނެއް ކަމަށް ދޮގު މައުލޫމާތު ދީފައެވެ. އަދި އެމީހުންނާ ބައްދަލުކޮށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެއެވެ.

ދެ އަންހެނުންވެސް ބުނެފައިވަނީ ސިލްވާނޯ އަކީ ފިރިހެނެއް ކަމަށް ގަބޫލުކުރެވޭ ގޮތަށް އޮޅުވާލާފައިވާ ކަމަށާއި، އެއީ އޮޅުވާލުމެއްކަން އެމީހުންނަށް ކުޑަކޮށްވެސް ރޭކާނުލާ ކަމަށެވެ.

2023 ވަނަ އަހަރު ކޭމްބްރިޖްގައި ސިލްވާނޯ ޖަލަށްލީ، ލޯ ފޮރުވާ ބެލްޓާއި، ޖިންސީ އާލާތްތަކާއި، މުޅިން ފޭކު ސަހުސިއްޔަތެއް ބޭނުންކޮށްގެން އޮޅުވާލިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ. ސިލްވާނޯ އާއި އޭނާގެ ޝިކާރައަކަށްވި އަންހެން މީހާ ވަނީ ފިރިހެނަކާއި އަންހެނެއްގެ ގޮތުގައި އެންގޭޖްވެސް ވެފައެވެ.

މިދިޔަ އަންގާރަ ދުވަހު އުތުރު ވޭލްސްގެ ކީނާފަން ކްރައުން ކޯޓުގެ ޖޫރީން ވަނީ، 2022 ނޮވެމްބަރުން ފެށިގެން ޖެހިގެން އައި އަހަރުގެ ޖޫން މަހާ ދެމެދު އިތުރު އަންހެނަކަށް ހަމަ އެފަދަ ގޮތަކަށް އޮޅުވާލައިގެން ޖިންސީ ގޯނާކުރި ހަ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވާކަމަށް ނިންމާފައެވެ.

"ހަންޓާ" ގެ ނަމުގައި ސިލްވާނޯ ވަނީ 'ޕްލެންޓީ އޮފް ފިޝް' ސައިޓުން އެ އަންހެން މީހާއަށް މެސެޖުކުރަން ފަށާފައެވެ. ޖިންސީ ގުޅުން ހިންގާއިރު އަބަދުވެސް ބޮކިތައް ނިއްވާލައި އަނދިރިކޮށް ބަހައްޓާ ކަމަށާއި، އޭނާގެ ހަށިގަނޑުގައި އަތްލުމަށް ފުރުސަތު ނުދޭ ކަމަށް ވެއެވެ.

ސިލްވާނޯ ބުނެފައިވަނީ އޭނާއަކީ ސިފައިންގެ ކެޕްޓަނެއް އަދި ސާޖަނެއް ކަމަށެވެ. އެއް ފަހަރަކު ޖިންސީ ގުޅުން ހިންގި ވަގުތު އޭނާ ބޭނުންކުރި އުރަ (ކޮންޑަމް) ފަޅައިގެން ދިޔަ ކަމަށް ބުނެ، އަންހެން މީހާ ބަލިވެ އިނުމުގެ ފުރުސަތު ކުޑަވާނެ ކަމުގެ ޔަގީންކަން ދެމުން "އަހަންނަށް އިތުބާރު ކުރޭ، އަހަންނަކީ ޑޮކްޓަރެއް" ކަމަށް ބުނެފައިވެއެވެ.

ޝަރީއަތުގައި ބުނެފައިވަނީ، އޭނާގެ ބައިވެރިޔާގެ އަޑުގައި "އަންހެން ގޮތެއް" ހުންނާތީ އާއި، އެމީހުންގެ ޖިންސީ ދިރިއުޅުން "އާދަޔާ ހިލާފު" ގޮތަކަށް ހުރުމުން އަންހެން މީހާގެ ހިތުގައި ޝައްކު އުފެދުނު ކަމަށެވެ.

އެންމެ ފަހުން އެ އަންހެން މީހާއަށް ސިލްވާނޯގެ ޒަމާންވީ އަންހެން ބައިވެރިޔާގެ ފަރާތުން ފޯނު ކޯލެއް ލިބުނު ކަމަށާއި، "ހަންޓާ" ގެ ނަމުގައި އުޅެނީ އަންހެނެއްކަން އެނގުނު ކަމަށް ކޯޓުގައި ބުނެފައިވެއެވެ.

މި އޮޅުވާލުމުގެ މައުލޫމާތު ލިބުމުން ހަގީގަތުގައިވެސް ބަލިވި ކަމަށާއި، އެއީ މީހަކު ޖެއްސި ސަމާސާއެއް ކަމަށް ހީކުރެވުނު ކަމަށް އެ އަންހެން މީހާ ފުލުހުންނަށް ކިޔައިދީފައިވެއެވެ. ކޯޓުގައި އޭނާ ބުނީ "އަހަރެން ގަބޫލުކުރީ އަހަރެން މިއުޅެނީ ސީދާ ފިރިހެނަކާ އެކު ކަމަށް. އަހަރެން ދުވަހަކުވެސް އަންހެނަކާ އެކު ގުޅުމެއް ނުބާއްވާނަން،" ކަމަށެވެ.

ޕްރޮސެކިއުޓަރ ފިލިޕް ކްލެމޯ ވިދާޅުވީ ސިލްވާނޯއަކީ މަކަރު ހެދުމަށް ކުޅަދާނަ މީހެއް ކަމަށެވެ.

ކޭމްބްރިޖް ޝަޔާގެ މައްސަލަތައް ހިނގާފައިވަނީ 2016 އަދި 2017 ވަނަ އަހަރުއެވެ. "ބްލޭޑް މެންޑޭޒް" ގެ ނަމުގައި އޭނާ ވަނީ ދެ އަހަރު ދުވަހުގެ ގުޅުމެއްގެ ތެރޭގައި ތިމާއަކީ ސިފައިންގެ މީހެއްގެ ގޮތުގައި ދައްކާފައެވެ. އޭނާ ވަނީ ފޮޓޯ ފޮނުވައި، ކޮޅަށް ހުރެ ކުޑަކަމުދާ ކަމަށްވެސް ހެދިފައެވެ.

ޝްރޮޕްޝަޔާގެ ސިލްވާނޯ، އޭނާގެ ޖިންސީ ގުނަވަންތަކުގައި އަތްލުމަށް ފުރުސަތު ނުދެނީ ސިފައިންގެ ތެރޭގައި އުޅުނުއިރު ލިބުނު އަނިޔާތަކެއްގެ ސަބަބުން ކަމަށް ބުނެއެވެ. ސިލްވާނޯ އާއި އެ އަންހެން މީހާ އެންގޭޖްވެ، ކައިވެނީގެ ހެދުން ބެލުމާއި ކައިވެނި ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ގެންދަންވެސް އޭނާ ހިތްވަރު ދީފައިވެއެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފޭސްބުކުން ސިލްވާނޯ ފެނުމުން، އޭނާގެ އަސްލު ދިރިއުޅުން އެނގި، މި އޮޅުވާލުން ފަޅާއެރީ އިއްތިފާގަކުންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ދެ ދައުވާއެއް ސާބިތުވިއެވެ.

މި ފަހަރު ސާބިތުވި ހަ ދައުވާއަށް އަންނަ މަހު ހުކުމް ކުރާނެއެވެ. ފަނޑިޔާރު ޖޯންސް ވަނީ އޭނާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ދެނެގަތުމަށްޓަކައި 'ޕްރީ-ސެންޓެންސް' ރިޕޯޓެއް ތައްޔާރުކުރުމަށް އަމުރުކުރައްވާފައެވެ.