ކުރީގެ އުއްތަމަފަނޑިޔާރުގެ ހޫނު ރައްދެއް ރައީސް މުއިއްޒަށް: އުނިކަން އަންނަހެން ކަމެއް ނުކުރަނީ ކޮންރުކުނަކަށް

ރަސްމާލެ ޑީލްގެ ނަތީޖާއަށް ޖަވާބުދާރީވާން އަބަދު މުއިއްޒު ހުންނާނަންތަ!

ކުރީގެ އުއްތަމަފަނޑިޔާރުގެ ހޫނު ރައްދެއް ރައީސް މުއިއްޒަށް: އުނިކަން އަންނަހެން ކަމެއް ނުކުރަނީ ކޮންރުކުނަކަށް

ދިވެހި ދައުލަތުގެ އެއްވެސް ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސްކަމެއް ނުކުރައްވާނެ ކަމަށް ނަސްރުގެ ދުވަހު ރައީސް މުއިއްޒު ވިދާޅުވުމުން ހޫނު ރައްދެއް ކުރީގެ އުއްތަމަ ފަޑިޔާރު ޑރ. އަހުމަދު އަބްދުއްލާ ދީދީ ދެއްވައިފިއެވެ. ޑރ. ދީދީ ވިދާޅުވަނީ ރައީސް މުއިއްޒަށް އެ ވިދާޅުވި އެއްޗެއްގެ މާނަ ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާކަމާ މެދުވެސް ޝައްކު އުފެދޭ ކަމަށެވެ؛ 

ދިވެހި ގައުމު / ދައުލަތުގެ އަސާސީ ތިން ރުކުނަކީ ކޮބައިކަންވެސް ކުރީގެ އުއްތަމަފަނޑިޔާރު ރައްދުދެއްވަމުން ވިދާޅުވެ ދެއްވިއެވެ، އެ ތިންރުކުނަކީ:-

  1. ދިވެހި ރައްޔިތުން
  2. ދިވެހި ދައުލަތުގެ ސަރަޙައްދު (ބިމާއި ކަނޑާއި އޭގެ މަތީގައިވާ ޖައްވު ހިމެނޭހެން)
  3. ދިވެހި ސަރުކާރު (ޕޮލިޓިކަލް އޮތޯރިޓީ)

ކަމުގައި ވިދާޅުވެ ދެއްވުމަށްފަހު އެ ތިންރުކުނުންކުރެ ރުކުނަކަށް އުނިކަން އަންނަހެން ކަމެއް ނުކުރައްވަނީ ކޮންރުކުނަކަށްތޯ ސުވާލު އުފެއްދެވިއެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުން ރަސްމާލޭގެ ބޮޑު ސަރަޙައްދެއްގައި، ގަރުނަކަށް ފަހު ގަރުނެއް ދެމިގެންދާ ގޮތަށް ގައިރު މުސްލިމުން ވަޒަންވެރިކުރުވުމަށް މަގުފަހިވެގެންދާ ގޮތަށް، ރައްޔިތުންގެ ބިން، ރައްޔިތުން ރުހުމަކާ ނުލައި އީގަލް ހިލްސް އަށް ދިނުމަށްވާ އެއްބަސްވުމަކީ ނުވަތަ “ބެކް ރޫމް ޑީލް” އަކީ އޭގެ ނަތީޖާ ރައީސް މުއިއްޒު ތަހައްމުލް ކުރަންޖެހޭނެ ކަމެއްކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

ރަސްމާލެ ޑީލް ތަންފީޒުކުރެވިއްޖެ ނަމަ، ދިމާވާނެ “ޖިއޮވ ޕޮލިޓިކްސް”ގެ މައްސަލަތަކާއި، ދިވެހި ގައުމުގެ ‘ޑެމޮގްރެފިކް’ ސްޓްރަކްޗަރ އަށް އަންނާނެ ބަދަލާއި އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ގައުމުގެ ސިޔާދަތާއި އިސްތިގުލާލާއި މިނިވަންކަމާއި ދީނީ އެއްބައިވަންތަކަން ގެއްލިގެންދާއިރު، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ރ) ގެ ދަށުން ޖަވާބުދާރީ ވެވަޑައިގަންނަވަން ރައީސް މުއިއްޒު ހުންނަވާނަންތޯ ޑރ. ދީދީ އެއްސެވިއެވެ.

ތިންވަނަ ރުކުނަށް ބަލާއިރު، ދުސްތޫރީ ފަންޑަމެންޓަލް ޕްރިންސްޕަލް އެއްކަމަށްވާ “ބާރުތައް ވަކިވެފައި އޮތުމުގެ ނިޒާމް” އާއި ،ޢަދްލު އިންޞާފުގެ ނިޒާމާއި ، މިނިވަން މުއައްސަސާތަކަކީ މުއިއްޒު ސަރުކާރުގައި ފަންކްޝަންކުރާ ނިޒާމުތަކެއް ނޫންކަމުން ރައީސް މުއިއްޒު ކަންތައް ކުރައްވަނީ ގައުމުގެ ކޮން ރުކުނަކަށް އުނިކަމެއް ނާންނަ ގޮތަކަށްތޯ ޑރ. އަހުމަދު އަބްދުއްލާ ދީދީ ސުވާލުއުފައްދަވާ ރައީސް މުއިއްޒަށް ރައްދު ދެއްވައެވެ.