އިސްރާއީލުން ލުބުނާނުގެ 13 މީހުން ޝަހީދުކޮށްފި

އިސްރާއީލުން ލުބުނާނުގެ 13 މީހުން ޝަހީދުކޮށްފި

ބެއިރޫތު: ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނަބަޠިއްޔާގައި ހުންނަ ސަރުކާރުގެ އިމާރާތަކަށް އިސްރާއީލުން ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި، އެ ގައުމުގެ ދައުލަތުގެ ސަލާމަތީ ބާރުތަކުގެ 13 މީހުން ޝަހީދުވެފައިވާ ކަމަށް ރައީސް ޖޯސެފް އަައުން ހާމަކުރައްވައިފިއެވެ.

މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން ރައީސް އަައުން ވިދާޅުވީ، ދައުލަތުގެ ރަސްމީ މުއައްސަސާތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުމަށް ލުބުނާނުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ލުބުނާނުގެ ފަރާތުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް 30 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ވަނީ ފޮނުވާލާފައެވެ. މީގެ ތެރެއިން ބައެއް ހަމަލާތަކުގައި އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ސަފަދު ހިމެނޭހެން އެކި ސަރަހައްދުތަކުގައި ވަނީ އިންޒާރުގެ ރަނގަބީލު ޖަހާފައެވެ. އަދި ގަލީލީ ސަރަހައްދުގެ ބައީނާ އާއި ދައިރު އަސަދަށް ވެސް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާނާ ގުޅުންހުރި ހަމަނުޖެހުންތަކާ ގުޅިގެން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އިސްރާއީލުގެ އަސްކަރިއްޔާ އާއި ހިޒްބުالله އާ ދެމެދު ދަނީ މެދުކެނޑުމެއްނެތި ހަމަލާތައް ބަދަލުކުރަމުންނެވެ. އިސްރާއީލުން ބުނާ ގޮތުގައި، މިހާރު އެއްބަސްވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ތެރޭގައި ލުބުނާނެއް ނުހިމެނެއެވެ.

މި އަހަރުގެ މާރިޗު މަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ރަހުމުކުޑަ ހަމަލާތަކުގައި މިހާތަނަށް 1,800 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އަނެއްކޮޅުން، ހިޒްބުالله އިން ދެމުންދާ ހަމަލާތަކުގައި އިސްރާއީލަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ދައުވާކުރާ ގޮތުގައި އެމީހުން ވަނީ ހިޒްބުالله ގެ އެތައް ހާސް މަރުކަޒެއް ނައްތާލައި، އެ ޖަމާއަތުގެ 1,400 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައެވެ.

ބޯޑަރު ސަރަހައްދުގައި ހުއްޓުމެއްނެތި ބަދަލުކުރެވެމުންދާ މި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގެ މަސްލަހަތު ވަނީ ނުތަނަވަސްވެ، ހަނގުރާމަ އިތުރަށް ފުޅާވެދާނެ ކަމުގެ ބިރު ބޮޑުވެފައެވެ.