މަސައްކަތް ކުރަނީ އެހެން މީހުން ބަލިކުރާކަށްނޫން: އާދަމް އާޒިމް

މަސައްކަތް ކުރަނީ އެހެން މީހުން ބަލިކުރާކަށްނޫން: އާދަމް އާޒިމް

ކާމިޔާބު ކުރުމަށް މަސައްކަތް ނުކޮށް އެއްވެސް ކަމެއް ކާމިޔާބު ނުވާނެކަމީ އާދަމް އާޒިމް ގަބޫލު ކުރައްވާ ހަގީގަތެކެވެ.  ވާނީ މަސައްކަތް ކުރީމަޔޭ ކާމިޔާބުވާނީ. އެހެން ކަމުން އާދަމް އާޒިމުގެ މުޅި ހަޔާތުގައިވެސް ކަންކަން ކާމިޔާބު ކުރެއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައެވެ.

އާދަމް އާޒިމް ވިދާޅުވާ ގޮތުގައި އެހެން މީހަކު ބަލިކުރައްވާކަށް އާދަމް އާޒިމް މަސައްކަތެއް ނުކުރައްވައެވެ. އާދަމް މަސައްކަތް ކުރައްވަނީ ކުރައްވާކަމެއް ކާމިޔާބު ކުރެއްވުމަށެވެ. އާދަމް އާޒިމް މިސާލު ނަންގަވަނީ ކުރީގެ މަޝްހޫރު ފުޓްބޯޅަކޯޗް އަބްދުލްޖަލީލް (އަބުޖީ)ގެ ބަސްފުޅަކުންނެވެ.

ކޯޗް އަބްޖީ ވިދާޅުވެފައިވާ މިސާލީ ވާހަކަ ކޮޅެއް ގޮތުގައި އާޒިމް މިސާލު ނަންގަވާ ވާހަކަ ކޮޅެއްގެ ގޮތުގައި ފާހަގަ ކުރައްވަނީ  ދަނޑަށް އަރާނީ ގޯލް ޖަހަން ކަމަށެވެ. ގޯލްޖެހޭނީ ގޯލް ޖަހަން އުޅޭ ބަޔަކަށް ކަމަށެވެ. ކަށިމަތީ ޖަހަން އުޅޭ ބަޔަކަށް ޖެހޭނީ ކަށިމަތީގައި ކަމަށެވެ. އާދަމް އާޒިމް ކުރައްވާ ކަންކަމުގައި ކުރިއަށް ވަޑައިގަންނަވަނީ ކޯޗް އަބުޖީގެ އެ އަގުހުރި ބަސްފުޅުން ހިތްވަރު ހޯދަވައިގެންނެވެ. 

އެއްވެސް ކަމެއްގައި އަމިއްލައަށް ގޯސްކަމެއް ނުކުރާ ހިނދެއްގައި އެކަމަކާ ކަންބޮޑުވާން ނުޖެހޭނެ ކަމަށް ގަބޫލުކުރައްވާ އާދަމް އާޒިމް ކަންކަން ކުރެއްވުމުގައި އަމާޒު ހިއްޕަވަނީ ކުރައްވާ ކަމެއް ކާމިޔާބު ކުރެއްވުމަށެވެ. އަމްދުން މިޒަމާނަކީ އެކަކު އަނެކަކު އަބުރުކަތިލާ މަހާ ކައްޓާވެސް ކާ ޒަމާނަކަށް ވާއިރު އެކަންކަމައިގެން އުޅުއްވައިގެން ކުރައްވާ ކަމެއް ކާމިޔާބުނުވާނެ ކަމަށް އާދަމް އާޒިމް ގަބޫލު ކުރައްވައެވެ. ކޮންމެ މީހަކީވެސް މީޑިއާ މީހަކަށްވާ ޒަމާނެއްގައި އަބަދުވެސް ވިސްނަންޖެހޭނީ ގޯސްކަމެއް ނުކުރުމަށް ކަމަށް އާޒިމް ދެކެވަޑައި ގަނެއެވެ. ގޯސްކޮށް ކަމެއް ނުކުރާހާ ހިނދަކު ކަންބޮޑުވާ ނުޖެހޭނެކަމަށް އާދަމް އާޒިމް ދެކިވަޑައިގަންނަވައެވެ. 

މާލޭ ސިޓީ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓް ހާސިލު ކުރެއްވުމާއި ގުޅިގެން އާދަމް އާޒިމް ގަބޫލު ކުރައްވަނީ އެމްޑީޕީގެ މެންބަރުންނަކީ ވަރަށް ބޮޑަށް ހަމައާއި އުސޫލު ގަބޫލުކުރާ ބައެއްކަމުގައި ވުމުން ލިބިވަޑައިގެން ކާމިޔާބެއް ކަމަށެވެ. އާދަމް އާޒިމް އެމްޑީޕީއަށް ފުރަތަމަ ސޮއި ކުރެއްވި ދުވަހުން ފެށިގެން މިހާތަނަށް ވެސް ވަރަށް ގާތްކޮށް އެމްޑީޕީ މެންބަރުން އާދަމް އާޒިމާ ދޭތެރޭގައި ދެކޭތީ ލިބިވަޑައިގެން ކާމިޔާބެއް ކަމަށް މޭޔަރ އާޒިމް ދެކެވަޑައިގަންނަވައެވެ.