ނިޒާމު ގަޑުބަޑުކުރުމުގެ ހިތި ލިބޭނީ ރައްޔިތުންނަށް: ރައީސް ސޯލިހު

ނިޒާމު ގަޑުބަޑުކުރުމުގެ ހިތި ލިބޭނީ ރައްޔިތުންނަށް: ރައީސް ސޯލިހު

ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނަސް ކައުންސިލްތައް ބާރުވެރި ކުރުވައިފައިވަނިކޮށް ސިޔާސީ ބޭނުމަށް ރައީސް މުއިއްޒު ސަރުކާރުން ނިޒާމު ގަޑުބަޑު ކުރާކަމަށް ރައީސް ސޯލިހު ތުހުމަތު ކުރައްވައިފިއެވެ. ސަރުކާރުން ނިޒާމް ގަޑުބަޑު ކުރާކަމަށް ރައީސް ސޯލިހު ތުހުމަތު ކުރެއްވީ ކައުންސިލުތަކުން ވިޔަފާރި ކުރުމުގެ ހައްގު ހިމެނޭ ގޮތަށް ލިބިދީފައިވާ ބާރުތައް ހަނި ކުރަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅުމުންނެވެ. 

ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި 2019 ވަނައަހަރު ގެނެވުނު އިސްލާހުތަކުގެ ހެޔޮ ބަދަލުތައް ފެންނާން ފަށާފައިވާ ޅަފަތުގެ މި ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށެވެ.  ފެހި ގާނޫނުއަސާސީއިން ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމު ގާއިމުވުންކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ބާރުތަކާއި ވަސީލަތްތައް ހަނިކޮށް ފުޅާކުރަމުން އެކި ވެރިކަމުގައި އައިސްފާ ވާކަން ރައީސް ސޯލިހު ފާހަގަކުރައްވައެވެ. އެގޮތުން 2019 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާވެސް އެކު ފާސްކޮށް އަމަލުކުރަމުން އައި އިސްލާހުތަކެއް ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. 

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް ލިބޭ ބާރު ހަނި ކުރަން ހުށަހަޅައިފައި އޮތުމުން ދިވެހިރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއްގެ ގޮތުގައި ރައީސް ސޯލިހު ސިފަކުރައްވައެވެ.

ރަށްތައް ތަރައްގީ ކުރުމުގެ ބާރު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ވިދާޅުވަމުން ރައީސް ސޯލިހު ގޮވާލެއްވީ ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް ކަމާ މެދު އަލުން ވިސްނަވައި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް ސަރުކާރުން އަނބުރާ ގެންދިއުމަށެވެ.