100% އިސްލާމީ ދައުލަތުގެ ސިފަ ނުގެއްލެނީސް ހުއްޓުވަންޖެހޭ

ގައިރު މުސްލިމުންނަށް ރައްވެހިކަންދޭން ގާނޫނުއަސާސީއަށް ގެންނަންއުޅޭ ބަދަލުތައް ހުއްޓުވާ

100% އިސްލާމީ ދައުލަތުގެ ސިފަ ނުގެއްލެނީސް ހުއްޓުވަންޖެހޭ

އެއްބަސްވުމެއްގައި ގާނޫނުއަސާސީއާއި ގާނޫނާއި ހިލާފު ހައްގުތަކާއި އިލްތިޒާމްތަކަށް ގާނޫނީ ބާރު ދިނުމަށްޓަކައި ގާނޫނު އަސާސީއާއި ގާނޫނުތަކަށް ގެނެވޭ ކޮންމެ އިސްލާހަކީ ބާތިލު އިސްލާހެކެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވިދާޅުވާހެން އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، އަދި އެ އެއްބަސްވުމުގެ ދަށުން ހައްގުތަކަކާއި އިލްތިޒާމުތަކެއް އުފެދިގެންދެއެވެ. އެގޮތުން ހައްގުތަކާއި އިލްތިޒާމުތައް އުފެދިގެން ދިއުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން ތަންފީޒުކުރަން ބޭނުންވާ ގާނޫނުއަސާސީއާއި ގާނޫނާ ހިލާފު ކަންތައްތަކަކަށް ގާނޫނީ ބާރު ދިނުމަށްޓަކައި ފާސްކުރެވޭ ނުވަތަ އިސްލާހުކުރެވޭ ގާނޫނެއްގެ ދަށުން، ބުނެވުނު އެއްބަސްވުމުގެ މައުޒޫއާއި ގުޅިގެން އައު އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، އެ އެއްބަސްވުމެއްވެސް ވާނީ އޭގެ ޒާތުގައި ބާތިލު އެއްޗަކަށެވެ. އަދި އިސްތިގުރާރުވެފައިވާ ގާނޫނީ އުސޫލުތަކާ ހިލާފު އެއްބަސްވުމަކަށެވެ.

ވުމާއެކު، ސަރުކާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އީގަލްހިލްސް އާއެކު ސޮއިކުރުމަށް ތައްޔާރުވަމުންދާ އެއްބަސްވުމަކީ ކަމާއި ބެހޭ ކޯޓުން ގާނޫނުއަސާސީގެ 68 ވަނަ މާއްދާޔަށާއި އެނޫންވެސް ދުސްތޫރީ އަދި ގާނޫނީ އުސޫލުތަކަށް ރިއާޔަތްކޮށް ބާތިލުކުރަންޖެހޭނެ އެއްބަސްވުމެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވެއެވެ.

އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ ޓާމްސް އެންޑް ކަންޑިޝަން އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ޕްރެޖެކްޓްގައި ހިމެނޭ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފްކަންތައްތަކަށް ގާނޫނީ ސިފަ ގެނައުމައްޓަކާ ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު އެވަނީ ހުށަހަޅާފައެވެ. 

ފައިސާއަށް ރަށްވެހިކަން ވިއްކުމަށް ހުޅުވާލެވޭ ދޮރުން ވަދެ ގައިރު މުސްލިމުން ރާއްޖޭގެ ރަށްވެހިންނަށް ވުމުން 900 އަހަރަށްވުރެ ގިނަދުވަހު ދަމަހައްޓަމުންއައި ސައްތައިން ސައްތަ މުސްލިމު ދިވެރާއްޖެ ވަންތަކަން ގެއްލިގެންދާނެއެވެ. މުސްލިމަކަށް ނޫނީ ދިވެހިރައްޔިތަކަށް ނުވޭވޭގޮތަށް ގާނޫނު އަސާސީގައި އޮންނަ އޮތުން ބަދަލުވެ ގައިރު ދީންތަކަށް ރާއްޖެ ހުޅުވޭނެއެވެ. 

ގައުމީ ދިފާއީ ބާރާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިކަން ހުއްޓުވަން ޖެހެއެވެ. އިސްލާމް ދީނާއި ސިޔާދަތު ހިމާޔަތްކުރަން ހުވާކޮށްގެންތިބި މީހުން މިފުރުސަތު ގެއްލުވާލައިފިނަމަ ދިވެހިރާއްޖެ ދިވެހިންނަކަށް ނުލިބޭނެއެވެ.

ވަގުތުގެ ޖަޒްބާތުގައި އީގަލް ހީލްސް ޑީލް ހަލާލުކޮށްދޭން އުޅޭ މީހުން ފަހުން ކަރުނައަޅާ ރޯނެއެވެ. އަމިއްލަ ނަފްސަށް މަލާމާތް ކުރާނެއެވެ. އަދި ލަހެއް ނުވެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އީގަލް ހިލްސާއެކު ހިންގަން އުޅޭ ޖަރީމާ ހުއްޓުވާށެވެ.