ރައްޔިތުން ޖެހޭނީ، މަތިކުރި ޒިންމާއިން މުއިއްޒު ދުރުކުރަން
އާނއެކެވެ. އެއްވެސް ސުވާލެއް ނެތެވެ. ރައީސް މުއިއްޒު ސަރުކާރުގައި ކުރާ ކޮންމެ ކަމެއް ކުރާނީ ރައީސް މުއިއްޒު ބުނާ ގޮތަކަށެވެ. އެވާހަކަ ހުދު ރައީސް މުއިއްޒުވަނީ އާއްމުކޮށް ބުނެދީފައެވެ. " އަޅުގަނޑު ބުނާ ގޮތަށް ކަންކުރާނެ ބޭފުޅުން ކޮންމެ މަގާމަކަށްވެސް ލާނީ" ރައީސް މުއިއްޒު ބުނެފައިވެއެވެ.
ރައީސް މުއިއްޒު ސަރުކާރުގައި ކޮންމެ ކަމެއްގައިވެސް އެންމެ ފަހުބަސް ބުނާނީ ރައީސް މުއިއްޒު ކަމަށްވެސް ރައީސް މުއިއްޒު އޮތީ ބުނެފައެވެ. ރައީސް މުއިއްޒުގެ މައްޗަށް ބަސް ކިޔޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ބުންޏެވެ.
ރައްޔިތުން ދައުލަތް ހިންގުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީވެސް ޑރ. މުއިއްޒާއެވެ. އަދުރޭއާއި ފަޒުލާއި ބާރަށު ޝުޖާއަކާ ނޫނެވެ. ރައީސް މުއިއްޒު ސަރުކާރުން ކުރާކޮންމެ ކަމެއްގެ ނަތީޖާއާއި ޒިންމާވާން ޖެހޭނީވެސް ޑރ. މުއިއްޒަށެވެ.
އެއްވެރިކަމުން އަނެއްވެރިކަމަށް ވެރިކަން ނަގުލުވުމުން ސަރުކާރުގެ ހުރިހާ ޒިންމާއެއް އޮންނާނީ ވެރިކަމަށް ރައްޔިތުން އިސްކުރާ މީހަކަށެވެ. ދައުލަތް ހިންގުމަކީ ކުރީ ސަރުކާރޭ ޔާމީނޭ އަދުރޭއޭ ރަމީޒޭ ފަޒުލޭ ހީނާއޭ ކިޔައިގެން މުއިއްޒުގެ ބޮލުން ނައްޓާލެވޭނެ ކަމެއްނޫނެވެ. މަގާމުގައި ހުރިހާ ދުވަހަކު ދައުލަތާ ޒިންމާ ވާންޖެހޭނީ މުއިއްޒެވެ. ކެތް ނުވަންޏާ އިސްތިއުފާދޭށެވެ. ރައްޔިތުން އޭރުން އެހެން މީހަކު ހޯދާނެއެވެ.
މުއިއްޒުގެ ވެރިކަމުގައި މިވީ އަހަރު ދުވަހުގެތެރޭގައި އެއް އަޑަކަށް އަޑުބައްދާލާފައި ކިޔަނީ ހިޔާނާތުގެ ވާހަކައެވެ. ރިޝްވަތުގެ ވާހަކައެވެ. ހުވަޔާ ހިލާފުވާ ވާހަކައެވެ. އުޑުން ބިމުން އެންމެ ދުވަހެއްވެސް އެޒާތުގެ އައު ވާހަކައެއް ފަޅާނާރާ ނުދެއޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ.
ވެރިކަމަށް އެރިގޮތަށް ދިމާކުރީ އިތުބާރު ނެތްކަމުގެ ވޯޓުން ރެކެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަންނާށެވެ. ފެނުނީ ހޯދިތަކުން ހޯދި އެއްޗެއް ހޯދާ ދިން އެއްޗެއް ދީގެން މަޖިލީހުގެ 13 މެންބަރަކު އުފުރާލި ތަނެވެ. ކޮޅު ބަދަލުކޮށްލިތަނެވެ. ކުރީ ސަރުކާރު ވެރިކަމަށް ގެންނާށާއި އެސަރުކާރުގައި ގަދަ ފައިވިއްދާފައި އުޅުނު މެންބަރުން ތަކެއް ލޮނދި ހިކައެއްހެން މުއިއްޒުގެ ފައިބުޑަށް ތިރިކޮށްލީ ހުރި ރީތި ސިފައަކުން ލޯބިންނެއް ނޫނެވެ. ރިޝްވަތުާއި ފަސާދައިގެ ތެރެއިންނެވެ. ދެފުށްފެންނަ އިންސާފުވެރި ތަހުގީގެއް ކުރެވޭ ގައުމެއް ނަމަ އެކަން ބަލާލިޔަސް ފިސާރި ރީތި ބަރަހަނާއަކުން މުއިއްޒު ބަރަހަނާ ވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ދިންހާ ރިޝްވަތުގެ ވާހަކައިގެ ހަގީގަތް ބަލާލިޔަސް މުއިއްޒު ހޯދާ ނުފެންނާނެއެވެ. ރަސްމާލެ ޑީލްގެ ފަސާދަ ބިލިޔަނުން ފެންނާނެއެވެ. ހުޅުމާލޭ ބިންތައް ވިއްކުމާ ވިނަރެސް ފްލެޓް ތަކުގެ ޖަރީމާ ރަނގަޅަށް ބަލާލިޔަސް މުއިއްޒު ސަލާމަތެއް ނުވާނެއެވެ. ފަޒުލް އެކަނި ބޮލަށް ކަނޑާލައިގެން ފުއްދައެއް ނުލެވޭނެއެވެ.
ތިނަދޫފަޅުގައި އަޅާން ބުނި އެއަރޕޯޓާއި ބަންކަރިންނާއި އެއަރ އެމްބިއުލާންސާއި ޑްރޯން ގަތުމުގެ ޖަރީމާތަކުގެ ހަގީގަތް ހޯދާލައިފިއްޔާ މުއިއްޒެއް މުއިއްޒު ސަރުކާރެއް ދެމި ނުއޮންނާނެއެވެ. އެހެން ކަމުން އެންސްޕާ ހިޔާނާތާއި ވަގުގޯތި ހިޔާނާތްވެސް ހަރުތާކުޖެހެންދެން ބެލުމުގެ ހިތްވަރެއް ނުހުންނާނެއެވެ. ޕީޖީއާއި އޭސީސީއާއި ޕޮލިސް އޮބި އަޅުވައިގެންވެސް ކުޑަމިންވަރެއްގެ ތަހުގީގެއްވެސް މުއިއްޒު ހަމަހޭ ހުރެ ކުރިޔަކަ ނުދޭނެއެވެ. އަދުލުވެރި ފިޔަޅެއް އެޅޭވަރަށް ވުރެ މުއިއްޒު ހުރީ ކޮރަޕްޓްވެފައެވެ. މަތިމައްޗަށް ދޮގުހެދުމާ އޮޅުވާލުން ނޫން ކަމެއް ނުކުރެވޭ ވަރަށް މުއިއްޒު ހުރީ ފަސާދަވެފައެވެ.
މުއިއްޒު ޖަވާބުދާރީ ކުރުވަން އުޅޭނީ މޮޔަބައެކެވެ. މުއިއްޒަކަށް ތެދުވެރިކަމާއެކު ޖަވާބުދާރީއެއް ނުވެވޭނެއެވެ. ރައްޔިތުން ޖެހޭނީ އަމާނާތްތެރިވުން ޝަރުތުކޮށް ހުވާކުރުވާފައި މުއިއްޒާ މަތިކުރި ޒިންމާއިން މުއިއްޒު ދުރުކުރާށެވެ. އެކަމަކީ ގޮޓަބަޔާއާއި ޝެއިޚު ހަސީނާއާއި ބައްޝާރަށް އެކަނި އޮތްކަމެއް ނޫނެވެ.