އާރުޑީސީގައި ގާބިލުކަންނެތަސް ޒަމީރު އެނދުން ވެއްޓެން ބޭނުމެއްނުވާނެ!

ބ. އަތޮޅުގެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތެއް ނުލިބެއެވެ. ގިނަ ރަށްރަށުގައި ކަރންޓްގެ ހިދުމަތް ލިބެނީ އަމާކީތީ ފަރަށް ދާހެންނެވެ. ރައީސް ސޯލިހު ސަރުކާރުން ގާއިމު ކުރަން ފާށަފައި އޮތް ހިދުމަތެއް އޮތް ހިސާބަކަށް ހުއްޓިފައި އޮތީއެވެ. ނަރުދަމާއާއި ކަރަންޓާއި ފެނުގެ ހާލު އޮތީ އެ ހިސާބުގައެވެ.
ތުޅާދޫއެއް ހިތާދޫއެއް ކެންދުއެއް ދަރަވަންދުއެއް ގޮއިދުއެއް ކިޔާނެ ކަމެއްނެތެވެ. ކަމަދޫ ކުޑަރިކިލު ކިހާދޫ ދޮންފަނުގެ ވަކީން ގޯހެވެ. މާޅޮސް ފުޅަދޫ ފެހެންދޫގެ ވާހަކަ ދެއްކުމެއް ނެތެވެ. ބ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން އަސާސީ ހިދުމަތްތައް ނުލިބޭތީ ގޮތް ހުސްވެފައި ތިބޭއިރު ލައްގަނީ ލައްގާ ހުރައަށެވެ.
އެހެން ހުރިހާ ރަށެއް ކޮންމެ ހާލެއްގައި އޮތަސް ވަރިހަމަތާއެވެ. އޭދަފުށީގައި އޮތީ މުޅިރަށް ވަށައިގެން ހިއްކާ މުޅިރަށް ވަށައިގެން ހިލަތޮށިލާފައެވެ. އެންމެ ޒަމާނީ ފެންވަރުގައި ކަރަންޓް ލިބެން އެބަ އޮތެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ބަރާބަރަށް ލިބެއެވެ. ބަނދަރުގެ މައްސަލަ އޮތީ އެވްރެޖް ރަށްރަށަށްވުރެ ރަނގަޅަށެވެ. މުޅި ރަށުގައިހެން މަގުތަކުގައިވަނީ ތާރު އަޅާފައެވެ.
ދައުލަތުގެ ބަޖެޓްގެ ދިޔަދޮވި އަބަދުހެން އަރިކޮށްލާފައި ބ. އަތޮޅުން އޮންނަނީ އޭދަފުއްޓަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކަންކަން އޭދަފުއްޓަށް ވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ އެހެން ރަށްރަށުގައި ފަށާފައި ހުންނަ ކަންކަން ނުވުމެވެ. ވަކިވަރަކަށް ކުރަމުން އައިސްފައިވާ ކަންކަން ހުއްޓި ހަލާކުވުމަށް ދޫވެފައި އޮންނަ އޮތުމެވެ.
ތޮއްޖެހިފައިވާ އޭދަފުށީގައި 15 ބުރީގެ 12 ޓަވަރު އަޅާ 1000 ފްލެޓް އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ ނޮވެންބަރ މަހުއެވެ. އަނެއްކޮޅުން މަގުތަކުގައި މިހާރުވެސް ތާރު އަޅާފައި އޮތް އޭދަފުށީގެ 5.3 ކިލޯ މީޓަރ މަގުގައި ތާރުއަޅަން އަނެއްކާވެސް އެހަވާލު ކުރީއެވެ. އަތޮޅުގެ އެހެން ރަށްރަށުގައި އޮތްކަމެއް އޮތް ގޮތަކަށް އޮތަސް ސަރުކާރަށް މައްސަލައެއް ނެތްތާއެވެ.
އާރުޑީސީގައި ތާރުއެޅުމުގެ ގާބިލުކަންނެތަސް ހެޔޮތާއެވެ. ޢޭދަފުށީގައި ތާރު ނޭޅިގެން މާލީވަޒީރު މޫސާ ޒަމީރު އެނދުން ވެއްޓޭކަށް ބޭނުމެއް ނުވާނެއެވެ. އަނެއްކޮޅުން ރެޑްވޭވް ސަލީމާއި ކްރޯން ނަޒީރު ފޫކަހާލައިގެން ސަރުކާރު ވެއްޓޭކަށް މުއިއްޒު ބޭނުމެއް ނުވާނެއެވެ.