ޕްރިފަރެންޝަލް ވޯޓަށްދާން މުއިއްޒަކަށް ނުކެރޭނެ!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބާއްވަން މުއިއްޒު އުޅެނީ ހަރަދު ބޮޑުވެގެން ހަރަދު ކުޑަކުރާކަށް ނޫނެވެ. އިންތިހާބުތައް އެއްކޮށް ބާއްވަން މުއިއްޒު އުޅެނިއްޔަކީވެސް ހަރަދު ބޮޑު ވެގެނެއްނޫނެވެ. އަތޮޅު ކައުންސިލްތައް އުވާލާ ކައުންސިލަރުން މަދުކުރަން މުއިއްޒު އުޅެނީ ވެސް ހަރަދު ބޮޑުވެގެނެއް ނޫނެވެ. ބޭނުމަކީ ހަމަ އެންމެ ބޭނުމެކެވެ. 2028ގައި ރިޔާސީ އިންތިހާބު ނުބާއްވާ ދައުރު ދަންމާލުމެވެ.
ރިޔާސީ އިންތިހާބު ރައްޔިތުންގެ މަޖިލީސް އިންތިހާބާއެކުގައި ބާއްވާނަމަ އިންތިހާބަކާ ނުލާ މުއިއްޒަށް ވެރިކަން ކުރަން އިތުރު ހައެއްކަ މަސް ލިބޭނެއެވެ. ކައުންސިލްގެ ގާނޫނަށް ބަދަލުގެނެސް ކައުންސިލަރުންގެ އަދަދު މަދުކޮށް ކައުންސިލް އިތިހާބާއި ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްތާރީހެއްގައި ބާއްވަން ނިންމާނީ އެހެން އެއްވެސް ކަމެއް ވެގެނެއް ނޫނެވެ.
ހުރިހާ އިންތިހާބެއް އެއްތާރީހެއްގައި ބާއްވަން ނިންމުމުން ގަވައިދުތައް އިސްލާހު ކުރުމަށާއި އިދާރީ އިންތިޒާމްތައް ހަމަޖައްސާ ނިންމުމަށް 2030 ވަނަ އަހަރާ ހަމައަށް އިންތިހާބު ލަސްކޮށްގެން ވަގުތު ހޯދޭނެއެވެ. އޭރުން މިހާރު އޮތް ކައުންސިލްތަކަށާއި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލް ޖުމްހޫރިއްޔައަށް މަގާމުގައި ދެމިތިބެން އިތުރު ވަގުތ ލިބިގެން ދާނެއެވެ. އޭރަކުން 2026ގައި ކައުންސިލް އިންތިހާބެއް، 2028ގެ ރިޔާސީ އިންތިހާބެއް، 2029 ގައި މަޖިލިސް އިންތިހާބެއް ނުއޮންނާނެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބާއްވާ ވާދަކުރާ މީހުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ މީހަކަށް ގޮނޑި ކަށަވަރުވާގޮތަށް ގާނޫނު ބަދަލުކޮށްގެން ވެރިކަމުގެ ނުފޫޒު ބޭނުންކޮށްގެން ރައީސް ކަމަށް އެންމެ ގިނަވޯޓު ލިބޭނެ މީހަކީ މުއިއްޒުކަމަށް ދެކިގެން މުއިއްޒު ހިންގަންއުޅޭ ޖަރީމާގެ ކޮޅުމަތި މިހާރު ފެންނަން މިފެށީއެވެ. ހަރަދު ކުޑަކުރުމުގެ ނަމުގައި އިންތިހާބުތައް އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން މުއިއްޒު މަސައްކަތް އެފެށީ ރައްޔިތުންގެ %50+1 ވޯޓު މުއިއްޒަށް ނުލިބޭނެކަން ޔަގީން ވެގެންނެވެ.
މުއިއްޒުގެ އިހުލާސްތެރިކަމެއް ކުޑަކޮށްވެސް ހުރިނަމަ ރިޔާސީ އިންތިހާބުގެ ދެވަނަބުރު ނުބާއްވާ މެޖޯރިޓީ ތާއީދުނެތް ވެރިކަމަކަށް މަގު ފައްސެއް ނުކުރާނެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަބުރު ނުބާއްވާ ނަގަން އުޅޭނީ ޕްރިފަރެންޝަލް ވޯޓެކެވެ. މުއިއްޒަށް ކޮންޓްރޯލް ލިބިފައިއޮތް ރައްޔިތުންގެ މަޖިލީހުގެ ސްޕަރމެޖޯރިޓީ ބޭނުންކޮށްގެން ރާއްޖޭގެ ވެރިކަން މުއިއްޒު ގަޔަށް ހެޔޮވަރަށް ފަހާކޯޓަކަށް ހަދާކަށް ނޫޅޭނެއެވެ.