ފެނަކަ ސައީދާ މޫކޭ އަކުން މުއިއްޒުގެ ވައްކަމެއް ނުފޮރުވޭނެ

ފެނަކަ ސައީދާ މޫކޭ އަކުން މުއިއްޒުގެ ވައްކަމެއް ނުފޮރުވޭނެ

ރާއްޖޭގެ ތަހުގީގީ އިދާރާތަކަށް މީހުން އިތުބާރެއް ނުކުރެއެވެ. ސިޔާސީ ނުފޫޒުން ކަޅިނުވާ ތަހުގީގީ އިދާރާއެއް ރާއްޖެއަކުނެތެވެ. އެއިރަކު ވެރިކަމުގައި ތިބޭ ބައެއްގެ ނުފޫޒުގައި ތަހުގީގީ އިދާރާތައް ބަނދެވިފައިވާ ކަމަށް އަބަދުވެސް ގަބޫލު ކުރެވެއެވެ. 

އެފްޕީއައިޑީއާއި އެއަރމޯލްޑިވްސް މައްސަލައިން ފެށިގެން އެޗްޑީސީގެ ހިޔާނާތާއި ކޮރަޕްޝަނާއި ހަމައަށްވެސް މީހުން ގަބޫލުކުރަނީ ތަހުގީގީ އިދާރާތަކަކީ ސިޔާސީ އައްޑާތަކެއްގެ ގޮތުގައެވެ. ސަރުކާރުތަކުގެ ވައްކަމާއި ހިޔާނާތްތަކާއި ކޮރަޕްޝަން އޮއްބާލާ މަތިއަޅާދޭ ބަޔަކީ ތަހުގީގީ އިދާރާތައް ކަމަށް މީހުން ދެކެއެވެ. 

ރާއްޖޭގައި ސަރުކާރުތަކުން ހިންގާފައިވާ ކަމަށް ބެލެވޭ މަޝްހޫރު ބޮޑެތި މައްސަލަތައް ބަލާ ފިޔަވަޅުއެޅުމުގެ ކެރުމެއް ހިއްވަރެއް ތަހުގީގީ އިދާރާތަކުގައި އެއްވެސް އިރަކު ނުހުރެއެވެ. އެވަގުތަކު ސަރުކާރުން ވަރަ ކޮށާލަން ބޭނުންވާ ބަޔަކު ހިފާ ހައްޔަރުކޮށް ދުވަސްދުއްވާލުން ނޫން ކަމެއް ތަހުގީގީ އިދާރާތަކަކުން ނުކުރެއެވެ. 

އެފްޕީއައިޑީގެ ބޮޑު ހިޔާނާތްވެސް ވަކިބައެއްގެ ބޮލަށް ކަނޑާލާ ހަގީގީ މުލުވަގުން ތިބީ ކަމުން ރެކިގެންނެވެ. އެއަރމޯލްޑިވްސް މައްސަލަ އޮބިގެން ދިޔައީ ހުދު ކާފޫރަށް ވެގެންނެވެ. އެމްއެމްޕީއާރުސީ ވަގުންގެ އެކަކުވެސް އެކަމުގެ ޒިންމާ ނަގާކަށް ނުޖެހުނެވެ. ދައުލަތުން ގެއްލުނު އެންމެ ފައިސާާ ފޮއްޗެއްވެސް ދައުލަތަށް އަނބުރާ ހޯދުނު ކަމަކަށް ނުވިއެވެ. 

ނެކްސް ބިޒް ބޯޑަރ ސިކިއުރިޓީގެ ކޮރަޕްޝަންނާއި އުމަރު ނަސީރު އިސްވެހުރެ ހިންގި ކުށްވެރިންގެ ފައިގާ ޓެގު އެޅުވުމުގެ ވައްކަން އޮބި ދިޔައީއެވެ. ޒިކުރާ މިސްކިތް ތަޅާލުމާއި ބިންސާފުކުރުމާއި އައު މިސްކިތެއް ބިނާކުރުމާ ގުޅޭގޮތުން ހިންގާލި ޖަރީމާ ދިޔައީ ތޮޅިއަށެވެ. ވިލިނގިލި ފެރީ ޓާމިނަލްގައި ބުރިބުރިއަށް އިމާރާތެއް ކުރުމަށް ކުންފުންޏަކަށް ދޫކުރި އެތައް މިލިޔަން ރުފިޔާ ދިރުވާލި ބަޔަކު ދިރުވާލައިގެން އެތިބީއެވެ. ދެނަހުރި މީހަކު ނެތެވެ.  

ކޮވިޑާ ދިމާކޮށް މެޑިކަލް މާފިޔާ ގޭންގް ތަކުން ދަނޑިވަޅުބަލާ ހިންގި ޖަރީމާތައް ބެލުމުގެ ހިތްވަރެއްވެސް ތަހުގީގީ އިދާރާއެއްގައި ނެތެވެ. މާލޭ ސިޓީ ކައުންސިލްގައި މުއިއްޒު އިސްވެހުރެ ހިންގި އާސަހަރާ ކޮރަޕްޝަނާއި ކަދުރުރުކު ކޮރަޕްޝަނާއި ބިންތައް ކުއްޔަށް ދީގެން ނެގި ކަޓްތައް މިލިޔަނުން ހުރިއިރު ތިބީ އިނގޭ ކަމަށްވެސް ނުހަދައެވެ. 

ކޮރަޕްޝަނާއި ފަސާދައިން ކަޅިވެގެން ރިޝްވަތު ދިނުމާއި ރަސްމާލެ ވަގު ޑީލުން ވިއްކާލި ބިންތަކާއި ތިނަދޫ ފަޅުން ފޭރިގަތް ފަޅުތަކާއި، އެންސްޕާއިން ފެލާލި 30 މިލިޔަނާއި ޑްރޯން ވަގު ޑީލާއި، އެއަރ އެމްބިއުލާންސްގެ އިސްރާފާއި މިހުރީ ފެންމަތިވެފައި ހުރި މުއިއްޒުގެ ދައުލަތް ދާވާލުމުގެ ކުޑަމިންވަރެކެވެ. އަނެއްކޮޅުން އެޗްޑީސީގެ ބޮޑު ވައްކަން ތަކެއް ފަޅާއަރާ ރޯމާ ދުވާލު ފާޅުގައި މުއިއްޒު ސަރުކާރުން އަހަރެއްގެ ތެރޭގައި އެތައް މިތަނުން އެތައް ބިލިޔަން ރުފިޔާ ވަނީ ލޫޓުވާލާފައެވެ. އެ ވާހަކައިގެ އަޑުމަޑު ކުރުމުގެ ބޭނުމުގައި ކުއްލިއަކަށް ފެނަކަ ސައީދާއި މޫކޭ ތަހުގީގު ކުރާ ވާހަކަ ދެއްކީމާ އަންނަނީ ހިންޏެވެ. 

ރާއްޖޭގެ ފުލުހުންގެ މުއައްސަސާއަކީ ރައީސް ޔާމީނު އަވަހާރަކޮށްލަން ރައީސް މައުމޫނު ސްނައިޕަރެއް ގެނެސްގެން އުޅުނުކަމަށް ހަދައިގެން އުޅުނު މީހުންނެވެ. ޖުޑިޝަލް ސާރވިސް އެޑްމިނިސްޓޭރަކަށް ހުރި ހަސަން ސައީދުގެ ގޮދަނޑި ދަަށުން ރުފިޔާ ބަންޑެލިތައް އަތުރާފައި ހުރިކަމަށް ހަދައިގެން އުޅުނު މީހުންނެވެ. ހޮރަބަދޫ ބޭރުން ހަތިޔާރު ފުނި ނެގި މީހުންނެވެ. އާހިރުގައި އެ ހުރިހާ ކަމެއްވެސް ވެގެންދިޔައީ ޖަމަލު ފޮޑިއަށެވެ.