މުއިއްޒު ބަޖެޓް ރެކަމަންޑޭޝަނަށް ވެސް އިހުތިރާމެއް ނުކުރޭ!

2024 ވަނަ އަހަރާއި 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓާއެކު ސަރުކާރުން ކުރަން މަޖުބޫރު ކަންތައް ތަކެއް ކަނޑައެޅިއެވެ. ބަޖެޓް ރިކަމަންޑޭޝަންގެ ގޮތުގައެވެ. 2024 ނިމި 2025 ނިމެން ދާއިރުވެސް ބަޖެޓް ރިކަމަންޑޭޝަންގެ ގިނަ ކަންކަމަށް ސަރުކާރުން އަމަލެއް ނުކުރެއެވެ. އެކަން ބޮޑުވެގެން މަޖިލީހަކުން ވެސް ނޫޅެއެވެ. އެގޮތުން ފާހަގަވާ ބައެއް ރެކަމަންޑޭޝަންގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- އެސްއޯއީ ރިފޯމްގެ ތާވަލެއް އެކުލަވާލައި, އޭގެ ދަށުން އެޅުމަށް ރާވާ ފިޔަވަޅުތަކާއި، އަދި ތާވާލާ އެއްގޮތަށް އަޅުއްވާފައިވާ ފިޔަވަޅުތައް އެނގޭނެ ރިޕޯޓެއް ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހެޅުން.
- ޓެކްސް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް ކޮށް ޓެކުހާ ގުޅޭ ސިޔާސަތުތައް މެދުރާސްތާގައި އިސްލާހުކޮށް މަޖިލީހަށް ހުށަހެޅުން.
- ދައުލަތަށް ލިބެން ޖެހޭ ފައިސާ މާފުކުރުމުގައި ނަން-ޑިސްކްރިމިނޭޓަރީ އަދި ދެފުށްފެންނަ ނިޒާމަކުން ލުއި ދިނުމާއި މައާފުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ގާއިމުކުރުމަށް ފަހު، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި މަޖިލީހަށް ހުށަހެޅުން.
- ޓާގެޓެޑް ޕެންޝަން ނިޒާމެއް ގެންނައިރު ހަމަހަމަކަން ނުގެއްލޭނެ ގޮތަށް އެކަން ކުރުމަށް ސަމާލުވުމަށް އެދުމާއި, މި ބަދަލުތައް ގެނައުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން އަވަސްކުރުމަށް އެދުން.
- އެންމެ ބޭނުން ޖެހޭ ފަރާތްތަކަށް ޓާގެޓެޑްކޮށް ފައިސާ ދޭ ނިޒާމަކަށް ބަދަލުކުރުމަށް އެ ނިޒާމު ތަންފީޒުކުރާނެ ގޮތުގެ ތާވަލެއް އެކުލަވާލައި އެ ސިޔާސަތުތައް ދެފުށްފެންނަ ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް އެދި 2025 އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ތާވަލު މަޖިލީހާ ހިއްސާކުރުން.
- ސަބްސިޑީ ޓާގެޓްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް އެއްތަނަކުން ލިބޭނެ ފަދަ ސިސްޓަމެއް ނުވަތަ "މީންސް ޓެސްޓިން" ސިސްޓަމެއް އަވަހަށް ނިންމައި ތަންފީޒުކުރުން އަވަސް ކުރުން.
- ދައުލަތުގެ ބަޖެޓާ ގުޅޭ "އެޕްރޮޕްރިއޭޝަން" ގާނޫނެއް އެކުލަވާލުން.
ބަޔާންވެ ދިޔަ ރެކޮމެންޑޭޝަންތަކަކީ ސަރުކާރުން 2025 އަހަރު ތަންފީޒު ކުރުމަށް ނިންމާފައިވާ މުހިންމު ސިޔާސަތުތަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާކުރުމަށް ހުށަހެޅި ކަންކަމެވެ.
އަނެއްކޮޅުން ސަބްސިޑީ ނިޒާމަށް ފަހުގެ ތާރީހެއްގައި ގެންނަ އެންމެ ބޮޑު ބަދަލު ގެންނާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް މިހާތަނަށް އެކަމުގެ މައުލޫމާތު އާންމުންނާ ހިއްސާކޮށްފައި ނުވެއެވެ. ދައުލަތުގެ މާލީ ހިސާބުކިތާބެކޭ އެއްގޮތަށް ރައްޔިތުންނަށް ކޮންމެހެން އެނގެން ޖެހޭ މާލީ ސިޔާސަތުތަކުގެ މައުލޫމާތު ވެސް ސަރުކާރުން ދަނީ ސިއްރުކުރަމުންނެވެ.
ސަބްސިޑީތައް ދިނުމަށް 2025 ވަނައަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ އެންމެ 7.9 ބިލިއަން ރުފިޔާއެވެ. 2024 ވަނަ އަހަރުގެ ބަޖެޓުގައި 10.9 ބިލިއަން ރުފިޔާއޮތެވެ. ބަޖެޓު ފާސްކުރީ މަސްވެރިކަމާއި ތެލާއި ކަރަންޓާއި ބޭސްފަރުވާ އާއި މަސްވެރިންނަށް ދޭ ސަބްސިޑީ ވެސް 2024ގެ ބަޖެޓަށް ވުރެ ކުޑަކޮށެވެ.
2024 ވަނައަހަރާއި 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ސަބްސިޑީ ނިޒާމު ބަދަލުކުރުމަށާއި ހަރަދު ކުޑަކުރުމުގެ އެހެން ސިޔާސަތުތަކެއް ވެސް ހިމަނާފައިވެއެވެ. ނަމަވެސް, ސަރުކާރުން އެ ސިޔާސަތުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރުމުން ދައުލަތުގެ ހަރަދުތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ. 2025 ނިމެމުންދާއިރު ވެސް ވައުދެއް ނުފުއްދޭތާ ބަޖެޓް ހުސްވެގެންދާއިރު ބަޖެޓް ރިކަމަންޑޭޝަނުގެ އެއްވެސް ކަމެއް ކުރެވުނީއެއް ނޫނެވެ.