ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި އެންބެސެޑަރުން!؟

ރައްޔިތުންގެ އުންމީދުތައް މަތިކުރީ ބޮޑު ދިދައަށް

ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި އެންބެސެޑަރުން!؟

މާތްކަލާނގެ ކުޅަދުންވަންތަ ކަމާއެވެ. ދައްކަވަން ހުރިތަނެއް ދައްކަވާނެއެވެ. މީހަކަށް ވެރިކަމެއް މިންވަރު ކުރައްވައިފިއެވެ. އެކަމަކު އުޅެ އުޅެވެސް މިވަރުކަމެއް މީހަކު ނުދެކޭނެއެވެ. ވެރިކަން ކުރަން ލިބުނީ ދަރާވިކި ބޯހިކެން ނެތް ގައުމެކެވެ.

ރައްޔިތުންގެ އުންމީދުތަކާ އުފެދުނު އައު ސަރުކާރާ ދެމެދުގައި އޮތްކަމަށް ވަނީ އަޑިނޭގޭ ފުންވަޅުގަނޑެކެވެ. އިގްތިސާދު އޮތީ އަޑިނޭގޭ އެ ފުންވަޅުގަޑުގައި ކަމަށް އަޑަށް ބާރުލާފާ ފުރަތަމަ ދުވަހު ބުންޏެވެ. ރީތިކޮށް އެބުނީ ރައްޔިތުން އުންމީދުތައް ފުރިހަމަކޮށް ނުދޭނެ ވާހަކަ ނޫން ވާހަކައެއް ނޫނެވެ. ރައްޔިތުންގެ އުންމީދުތައް އޮތްތާކު ބާއްވާފާ ކުރާނީ ކުރާނެކަމެކޭ ބުނެވޭނީ އެހާކަށް ވަރަށެވެ. 

އަޑިނޭނގޭ ވަޅުގަޑުގެ ތުންފަތް މަތީގައި ހުރެ ފެށިވެރިކަމުން ރައްޔިތުން ހާސިލުކުރަން ކުރި އުންމީދުތައް މަތިކުރީ ބޮޑު ދިދައަށެވެ. ބޮޑު ދިދައިގެ މަސައްކަތަކީ ރައްޔިތުންގެ އުންމީދުތަކާއެކު ވައިގެ ތެރޭގައި ރެއާއި ދުވާލު ވިހުރިލަ ވިހުރިލާ ހުރުމެވެ. ދިދަ އޭގެ ވާޖިބު ބަރާބަރަށް އަދާކުރާނެއެވެ. ސަރުކާރަށް ފުން ވަޅުގަނޑުން އަރައިގަނެގެން ރައްޔިތުންގެ އުންމީދެއް ހާސިލުކޮށްދެވޭ ކަމަކަށް ނުހަދާނެއެވެ. 

އެހެނެއް ކަމަކު ސަރުކާރަކީ ސަމަންތަރު ހެޔޮ ހައިބަވެތި ސަރުކާރަކަށް ހެދުމަށް ކުރަންޖެހޭ ކަމެއް ކުރާކަށް ހުރަސް ކުރަންޖެހޭ ފުންވަޅުގަނޑެއް ނެތެވެ. 22 ވުޒާރާއެވެ. ކޮންމެ ވުޒާރާއެއްގައި ވަޒިރަކާއި ވަޒީރުން ފެންވަރުގެ އެތައް ވަޒީރެކެވެ. ކޮންމެ ވުޒާރާއެއްގައި ސްޓޭޓް މިނިސްޓަރުންގެ އައިނެކެވެ. ވަޒީރުންގެ ނައިބުންނާއި އެކި ނަންނަމުގެ ސިޔާސީވެރިން އަންނަން އޮތް ވަރެއް ނޭނގެއެވެ. 

ރައީސް އޮފީހުގައި ހާއްސަ މުޝީރާއި ވިއްސަކަށް މިނިސްޓަރުންނެވެ. ނަން ހުސްކޮށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން ފެންވަރުގެ އެތައް ސިޔާސީ ވެރިންނެވެ. ޔުނިވަރސިޓީތަކާއި އިސްލާމީ މަރުކަޒަށް ވެސް މިނިސްޓަރުންނެވެ. މިނިސްޓަރ ފެންވަރުގެ އެމްބެސެޑަރ ލާޖުންނެވެ. ބޭރުގައުމުތަކުގައި އެންބެސެޑަރުން ތިބޭނީ ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި ނޫންކަމެއް ނޭނގެއެވެ. 

ސަރުކާރުގެ ސައިޒްގެ ބޮޑުކަމާއި ވަޒީރުންނާއި ވަޒީރުން ފެންވަރުގެ ބޭފުޅުންގެ ގިނަކަމާއި ސިޔާސީވެރިންގެ ހައިބަތާއި އެންމެހާ ބޭފުޅުންގެ މުސާރަފުޅާއި އިނާޔަތްތަކަށް މަހުންމަހަށް ހިނގާނެ ހަރަދު ހިތަށް އެރިޔަސް ހީބިހި ނަގައެވެ. އެކަމަކު ގައުމު ދަރާވިކި ބޯހިކޭކަށް ނެތޯލައެވެ. ބުނެވޭ ގޮތުގައި ތިބި މުއައްޒަފުންނަށް ކުރިއަށް އޮތްމަހު މުސާރަ ދޭނެ ފަދަވެސް އޮތް ކަމަކަށް ނުވެއެވެ.  

އައު ރައީސަށް ހުވާކޮށްލެވުނީވެސް 22.9 މިލިޔަން ރުފިޔާ ހަރަދު ކޮށްގެނެވެ. ރިޔާސީގަނޑުވަރަށް ސަތޭކައެތައް މިލިޔަން ރުފިޔާގެ ބޮޑު ހޭދައެއްކޮށް އާބާތުރަފިލުވައިގެން ނޫނީ ދިރިއުޅުން ގަނޑުވަރަށް ބަދަލު ކުރެވޭ ކަމަކަށް ނުވެއެވެ. ސަރުކާރުން ކުރުވުމުން ކޮށް ނިމި އަގު ނުދައްކާ އެތައް މަސައްކަތަކަށް އަގުދައްކަން އޮތަސް ވަރިހަމަތާއެވެ. ފަށައިގެން ކުރިއަށްދާ ނުނިމިހުރި ބޮޑެތި އެތައް މަސައްކަތެއް ހުއްޓަސް ފަރުވާލެއް ނެތެވެ. އިސްކަން ދެނީ ސަރުކާރު ބޮޑުކޮށް ވެރިކަމުގެ ހައިބަތު ބޮޑުކުރަން ބޮޑެތި ހަރަދުތައް ކުރާށެވެ. އެކަމަކު ހުއްޓާނުލާ ދައްކަނީ ރިކަރަންޓް ހަރަދާއި ލިބޭ އާމްދަނީއާ ބައްދަލު ނޫން ވާހަކައެވެ.

ރައްޔިތުންނަށްޓަކައި ކުރިން ފަށާ ނުނިމިހުރި މަޝްރޫއުތައް ޖެހެނީ ހުއްޓާލާށޯލައެވެ. ފަށަން ރާވާ ބަޖެޓްކޮށް އެވޯޑްކޮށް މަސައްކަތް ނުފެށި ހުރި ކަންކަން ވެސް ހުއްޓާލުން ނޫން ގޮތެއް އޮތްކަމަކަށް ނުވެއެވެ. އެއިން ކަމެއް ނުކޮށް ހުއްޓާލައިފިނަމަ އިޔާދަ ނުކުރެވޭވަރު ބޮޑު ގެއްލުމަކަށްވިޔަސް ވަރިހަމައޭ ބުނާ ކަހަލައެވެ. މާލެ ސަރަހައްދުން ގޯތިދޭން ހިއްކަމުންދާ ހުޅުމާލޭފަޅާއި ގުޅީފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިއްކުން ހުއްޓާފައިވެސް ފަސޭހަ ރަހުމަތެއްގައި މާލެއާ ގުޅުވާލެވެންނެތް ފުށިދިއްގަރު ފަޅު ހިއްކުން ނޫން ގޮތެއް މި ސަރުކާރަށް އޮތްކަމަކަށް ނުވެއެވެ. ފުކެއް ބޮޑުވަރެވެ.