ރޫޅާލަން ނިކުތް މީހުންނާއެކު ރޫޅުންނޫން ކަމެއްނުވާނެ!

ރޫޅާލަން ނިކުތް މީހުންނާއެކު ރޫޅުންނޫން ކަމެއްނުވާނެ!

ޑރ. މުއިއްޒުގެ ވެރިކަމުގައި މިނިވަންކަމާއެކު ސިޔާސީ މަސައްކަތް ކުރެވޭނެ މާހައުލެއް ހުރިހާ ސިޔާސީ ލީޑަރުންނަށް ގާއިމުކޮށް ދީފައިވާ އޮތްކަމަށްދެކޭ ސިޔާސީ ލީޑަރަކު މައި އިދިކޮޅު ޕާޓީއާއި ގުޅިވަޑައިގެން ކުރައްވާނެ ސިޔާސީކަމެއް ނުއޮންނާނެއެވެ. އިދިކޮޅު މައިޕާޓީއާއި އެފަދަ ލީޑަރަކު ގުޅިވަޑައިގެން ކުރައްވޭނެ ސިޔާސީ މަސައްކަތަކީ އިދިކޮޅު ބަލިކޮށް އެތެރޭން ރޫޅާލާ މުއިއްޒަށް ދެވަނަ ދައުރެއް ދިނުމެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި އެމްޑީޕީގައި ހުންނަވައިގެން ހޯއްދަވާނުދެއްވުނު ހަމަޖެހުން މުއިއްޒުވެރިކަމުގައި ގައުމަށް ހޯއްދަވާ ދެއްވާފައިވާކަމަށް ގަބޫލުކުރައްވާ އެހެން ވިދާޅުވަމުން ޑިމޮކްރެޓްސް އާއި ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގަތުމުގެ ބޭނުމާއިމެދު ސުވާލު އުފެދެއެވެ. ރައީސް ނަޝީދު އެމްޑީޕީން ވަކިވެ ވަޑައިގެން އެމްޑީޕީ ބަލިކުރައްވާ ރައީސް މުއިއްޒަށް ވެރިކަން ހޯއްދަވާ ދެއްވުމަށް ކުރެއްވި މަސައްކަތަކީ ހޯއްދެވުނު ބޮޑު ކާމިޔާބެއް ކަމަށް އިއްޔެވެސް ރައީސް ނަޝީދު އެވަނީ ވިދާޅުވެފައެވެ. 

ރައީސް މުއިއްޒުގެ ވެރިކަމުގައި ސިޔާސީ ލީޑަރުންނަށް ބިރު ދައްކާ އެ ބޭފުޅުން ހަައްޔަރު ކުރާ މަންޒަރު ނުފެންނަ ކަމަށާއި މިނިވަންކަމާއެކު ހުރިހާ ލީޑަރުންނަށް ސިޔާސީ މަސައްކަތް ކުރެވެން އޮތް ކަަމަށް ރައީސް ނަޝީދު ދެކިވަޑައިގަނެއެވެ. ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައި މިވަގުތު ނެތުމަކީ ރާއްޖެއަށް އައިސްފައިވާ ހެޔޮ ބަދަލެއް ކަމަށް ރައީސް ނަޝީދު ދެކިވަޑައި ގަންނަވާއިރު ރައީސް ޔާމީނާ ދެކޮޅަށް ދޮންވެ ފައްކާވަމުންދާ ޝަރީއަތްތަކެއް ރައީސް ނަޝީދަށް ފެނިވަޑައެއް ނުގަންނަވައެވެ. ރައީސް ނަޝީދަށް ފެނިވަޑައިގަންނަވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި ރައީސް ޔާމީނަށް ތަންފީޒު ކުރެވުނު ހުކުމެވެ. ވޮޑުމުލާ މައްސަލައިގައި ރައީސް ޔާމީނަށް ކުށްސާބިތުނުވެ މިނިވަންވެ ވަޑައިގަތީ ރައީސް ސޯލިހުގެ ވެރިކަމުގައި ކަން ހަނދުމަފުޅެއް ނެތެވެ.

ރައީސް ސޯލިހުގެ އެމްޑީޕީ ވެރިކަމުގައި ސިޔާސީ ލީޑަރުންނަށް ބިރުދައްކާ ސިޔާސީގޮތުން ހައްޔަރުކޮށް ހަދާފައި ނެތްކަމަށް ގަބޫލު ކުރައްވާކަށް ރައީސް ނަޝީދު ބޭނުންފުޅެއް ނުވެއެވެ. އިހުލާސްތެރި ކަމެއް ހުންނެވިނަމަ ރައީސް ނަޝީދު ވިދާޅުވީހީ ރައީސް ޔާމީނުގެ ވެރިކަމަށްފަހު ސިޔާސީ ލީޑަރުން ހައްޔަރުކޮށް ބިރުދެއްކުމުގެ ސަގާފަތް ރާއްޖޭން ނެތެމުން ދިޔުމަކީ ހެޔޮ ބަދަލެއް ކަމަށެވެ. 

ރައީސް މުއިއްޒުގެ ވެރިކަން ސިޔާސީ ގޮތުން ބަލިކޮށް މުއިއްޒު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބޭނުން އެމްޑީޕީއަށް ކިތަންމެހާވެސް ބޮޑެވެ. ބައި ބޮޑުކޮށް ގިނަ ބަޔަކު ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން އެމްޑީޕީގެ ލީޑަރޝިޕްގައި އޮތް ދަނޑިވަޅުބަލާ ރޫޅާލަން ނިކުތް އެންމެން އެއްފަހަރާ އަރާތިބި އޮޑި ފައްތާލާ އެނބުރި އުނބަށް ޖެހުމަކީ ކުޑަކަމެއް ނޫނެވެ. ވެރިކަމުގެ އާރާ ބާރުގައިތިބެ ގުޅިގެން މަސައްކަތްނުކޮށް އިދިކޮޅަށްވުރެ އިދިކޮޅުވެގެން ރޫޅާލަން ނިކުތް މީހުންނާއެކުގައި އިދިކޮޅުގައި ތިބެގެން ކުރާ ސިޔާސީ މަސައްކަތުން ބައިބައި ކުރުމާއި ރޫޅުން ނޫންކަމެއް ވާނެއެކޭ ހަމަ ހިތެއް ނުބުނެއެވެ.