މުސާރައިން އެންމެ ލާރިއެއްވެސް ކަޑައިގެން ނުވާނެ
މަލްޝާއާއި ޝިއުނާކަހަލަ ގައްދާރު ކުލީ ބައިގަނޑަށް ދޭން މުސާރަ ގުރުބާން ނުކުރާތި
މަލްޝާއާއި ޝިއުނާމެން ކަހަލަ ގައްދާރުންނާއި މުއިއްޒުގެ ކުލީ ބައިގަނޑަށް މުސާރަދޭން މުއައްޒަފުންގެ މުސާރަ ގުރުބާން ކުރާކަށް މުއައްޒަފުން ތައްޔާރެއް ނޫނެވެ. ކުރާނެ ކަމެއް އިށީންނާނެ ތަނެއް ނެތް މީހުން ކަނޑާ ހުސްކޮށްފައި ނޫނީ މުސާރައިން އެންމެ ލާރިއެއްވެސް ކަޑައިގެން ނުވާނެއެވެ. ސަބަބުތައް ބައިވަރެވެ. 2 އަހަރުވަންދެން ދައުލަތަށް އާމްދަނީއެއް ނުލިބި ތަހައްމަލުކުރި ކޮވިޑްގެ ޢާލަމީވަބާގައިވެސް ސަރުކާރު މުއައްޒިފެއްގެ މުސާރައިން އެންމެ ލާރިއެއްވެސް ނުކަނޑައެވެ.
ހަގީގީ މައްސަލަ ހައްލުނުކޮށް ހަރަދު ކުޑަކުރުމުގެ ނަމުގައި ކޮންމެ ފިޔަވަޅެއް އެޅިޔަސް ވާނެކަމެއް ހަރާމުން ހަރާމެވެ. މުއިއްޒު މިހާރު އެ އަޅާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން ދައުލަތް ބަނގުރޫޓްވެ ރައްޔިތުން ބަނޑަށް ޖެހުން ނޫންކަމެއް ނުވާނެއެވެ. ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް ފަހިވެފައި ހުރިކަމަށާއި ގްރީން ސިގްނަލް ލިބިލިބި ހުރިކަމަށް ބުނެ ބައިސާ ކަނޑައިގެން ވެރިކަން ހޯދުމުން ގައުމާއި ރައްޔިތުން ހަނާވުން ނޫން ކަމެއް އެބަވޭހެއްޔެވެ.
މުއިއްޒު ވެރިކަމަށް އެރިފަހުން ރާއްޖެއަށް ލީބޭ އާމްދަނީ މަދެއް ނުވެއެވެ. ވަނީ އިތުރެވެ. ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު ވަނީ އިތުރެވެ. ޓެކްހާއި އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީ ކުރިއަށްވުރެ މާ ބޮޑެވެ. އެކި ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހި ނުދައްކާ ހުރި އެތައް މިލިޔަން ރުފިޔާއެއް މިހިނގާ 11 މަސްތެރޭގައި ހޯދައިފިކަމަށް އެބަ ބުނެއެވެ. އެހެން ކަމުން ސަރުކާރަށް އެއްވެސް ދަތިކަމެއް ނެތްކަމަށް މެދުނުކެނޑި ސަރުކާރުން އައީ ބުނަމުންނެވެ.
އެހެން ކަމަށް ވާނަމަ އަސްލުގައި އެއްވެސް ދަތިކަމެއް ގައުމު ހިންގުމަކަށް ސަރުކާރަށް އޮވެގެން ނުވާނެއެެވެ. ހަރަދުކުޑަ އިސްރާފުކުރުން ނެތި ދައުލަތް ހިންގާނަމަ 2026 ގައި ޑިފޯލްޓް ވުމުގެ ބިރު އޮތް ބޭރުގެ ދަރަނިތަކުން ވެސް އަރައިގަނެވޭނެއެވެ. ހަގީގަތުގައި ވެސް ކޮންމެ މަހަކުވެސް ދައުލަތަށް ހަރަދު ހަމަޖެއްސޭ ވަރަށް ފައިސާ ވަންނަމުން ދެއެވެ.
އަނެއްކޮޅުން ދައުލަތުން ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓްތަކެއް ނެތެވެ. ގިނަ ލޯނުތަކާއި ބޮންޑުތަކަށް ފައިސާއެއް ނުދައްކައެވެ. ސަރުކާރުން ކުރުވާފައި މަސައްކަތް ތަކަށް އަމިއްލަ ކުންފުނި ތަކަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައެވެ. ރާއްޖޭން ބޭރުން އާސަންދައިން ހިދުމަތް ހޯދާފައިވާ ހޮސްޕިޓަލްތަކާއި ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ތަންތަނާއި ބޭސް ފިހާރަތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ހުރީ ނުދައްކައެވެ. އެހެން ކަމުން ސަރުކާރަށް ލިބޭހާ ފައިސާގެ ބޮޑުބައެއް ޖަމާގައި ހުންނަން ވާނެތާއެވެ.
އަނެއްކޮޅުން ބީއެމްއެލް އާއި ބޭންކް އޮފް ސިލޯނުން އާއި ހެޕީމާކެޓް ފަދަ އެތައް ތަނަކުން ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި ބޮންޑް ވިއްކައިގެން ސަރުކާރަށް ފައިސާ ހޯދައިފިއެވެ. ދައުލަތަށް ލިބޭހާ ފައިސާއަށް މިވަނީ ކީއްހެއްޔެވެ. ޑޮމެސްޓިކް ބޮންޑް ބޮޑު އިންޓަރެސްޓްގައި އަހަރެއްގައި އެތައް ފަހަރަކު ވިއްކާ ހިސާބަށް ދާނީ ގޯސްކޮށް ހަރަދު ތަކެއް ހިގާތީއެވެ. ބޮންޑުވިއްކަނީ ދެކޮޅު ނުޖެހިގެން ހަރަދުތައް ފޫބެއްދުމަށް ވަގުތީ ހައްލެއް ހޯދުމަށެވެ.
ހަގީގަތުގައި ރާއްޖޭން މިއަދު މިފެންނަނީ ބައެއްގެ ނާގާބިލްކަމުން ނެތް ހާލަތެއް އަމިއްލައަށް އުފައްދައިގެން އެކަމުން އަރައިނުގަނެވިގެން އުޅޭތަނެވެ. ފެންނަމުން މިދަނީ އިންޑިއާ ފައިބުޑަށް ނުވެއްޓޭނެކަން ދެއްކުމަށް ޖަޒުބާތުގައި ޖެހިގެން ދައްކަން ނުޖެހޭ 50 މިލިޔަން ޑޮލަރ އިންޑިއާއަށް ދައްކައިގެން ކޮށިއަރައިގެން އުޅޭތަނެވެ. ދެކެމުން އެ ދަނީ ބޮޑާކަމާއި ނެތްވަރު ދައްކަން އެތައް މިލިޔަން ޑޮލަރެއް ހޭދަކޮށްގެން ޑްރޯން ގަތުމުން ސޯޓު ބޭލިގެން އުޅޭތަނެވެ. ތަޖުރިބާ ކުރެވެމުން އެދަނީ ނާށިގަނޑު ހިފައިގެން ދުނިޔެ ބަލަން ބައިބަޔަށް ފަސްޓްކްލާހުގައި އުދުހިގެން އެންމެ ސެންޓެއްވެސް ނުލިބި އެތައް މިލިޔަން ޑޮލަރެއް ބޭކާރު ކޮށްލުމުން ކޮށިއަރައިގެން އުޅޭއުޅުމެވެ. ތަހައްމަލު އެކުރަނީ ކުރާނެ ކަމެއް އިށީންނާނެ ތަނެއް ނެތް ދެތިން ހާސް ސިޔާސީ މުއައްޒަފުން ލައިގެން އެމީހުނަށް މުސާރަދޭން ހަދައިގެން ދެކޮޅު ނުޖެހިގެން އުޅޭއުޅުމެވެ. ބޯލާފޮށާ އެޅިގެން ފެންނަމުން މިދަނީ 22 ވުޒާރާ ހަދައިގެން އެތަންތަން ހިންގުމަށް މިލިޔަނުން ހަރަދު ކުރަންޖެހި ނުފޯރާ ފޮތިން ފޫގަޅައިގެން ބަރަހަނާވާ މަންޒަރެވެ.