މުއިއްޒު ދަތް އެ އެޅީ ޓެކްސީ ޑްރައިވަރުންގެ ނޭވާހޮޅީގަ!
![މުއިއްޒު ދަތް އެ އެޅީ ޓެކްސީ ޑްރައިވަރުންގެ ނޭވާހޮޅީގަ!](https://heerasnews.com/uploads/images/202502/image_750x_67ac72de1f11a.jpg)
އާއްމު ރައްޔިތުން ކާންބޯން ކުރާ މަސައްކަތް ނޫނީ ސަރުކާރަށް އާމްދަނީ ހޯދަން ކުރާނެ މަސައްކަތެއް މުއިއްޒު ސަރުކާރަކަށް ނޭނގެއެވެ. މިހާވަރުން ދަންޏާ ޖޫސްޕެޓީއާއި ކިއްލި ވިއްކަންވެސް ސަރުކާރުން ފަށާނެއެވެ. ސަރުކާރުން ޓެކްސީ ކުރަން ނޫޅޭކަމަށް ޕީއެންސީ ޕީޖީލީޑަރ ފަލާހު މަޖިލީހުގައި ބުނިތާ 3 ދުވަސް ނުވަނީސް ޓެކްސީގެ ހިދުމަތް ދިނުމަށް މިއަދު އެމްޓީސީސީއާއި ހަވާލު އެކުރީއެވެ. ސަރުކާރުން ދައްކާވާހަކައާއި އަމަލަކާ ދިމައެއް ނުވެއެވެ. މުއިއްޒު ސަރުކާރުން ކަންކަން ކުރުމުގައި މަޝްވަރާއެއް ރޭވުމެއް އަމާޒެއް ނެތެވެ.
އާރުޓީއެލްގެ ނަމުގައި ރަނގަޅު ވަށާޖެހޭ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ކުރީ ސަރުކާރުން ފަށާ ހިންގަމުން ދަނިކޮށް އެ ނިޒާމް ތަރައްގީކޮށް ލުއިފަސޭހަ ކުރުމުގެ ބަދަލުގައި ސަރުކާރުން ޓެކްސީ ލައިނެއް ފެށުމަކީ ހަދާ ވަރަށް ބޮޑު ގޯހެކެވެ. ދުއްވާ އެއްޗެތިން ތޮއްޖެހިފައިވާ މާލެ ސަރަހައްދަށް ޖެހޭ އިތުރު ބުރައެކެވެ. އެތައް ޢައިލާއެއްގެ ބަނޑުފުރާނަ މުއްތިކުރުމަށް ރާވައިގެން ދޭ އުދުވާނީ ހަމަލާއެކެވެ.
އެއްގަމު އުޅަނދު ފަހަރުން ތޮއްޖެހިފައިވާ މާލޭގެ މަގުތަކަށް އަނެއްކާވެސް އެތައް ކާރެއް އެއްފަހަރާ ނެރުމަކީ ދަތުރު ފަތުރު ފަސޭހަކުރުމެއް ނޫނެވެ. ސަރުކާރުން ޓެކްސީ ދުއްވަން ފެށުމާއެކު އާއްމުން ދުއްވާ ޓެކްސީތައް ދުއްވާ ނޫޅެވޭ ވަރަށް ގަވައިދު ތަކުން ބަދެލާ އާއްމުން ޓެކްސީކުރުން ހުއްޓުވާނެ ކަމީ ޝައްކެއް ނެތްކަމެކެވެ. ސަރުކާރު މުސާރަވެރިއެއް ނޫން ގޮތުގައި އެއްވެސް މީހަކަށް މަސައްކަތެއް ނުކުރެވޭ ވަރަށް މީހުން އަޅުވެތި ކޮށްލުމަކީ ރައީސް މުއިއްޒުގެ އަމާޒެވެ.
މުއިއްޒަށް ސަޖިދަ ނުޖަހާ ކޮންމެ މީހެއްގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުގައި ރައްޔިތުން ބޭތިއްބުމަކީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރުމުގެވެސް މައިގަނޑު ބޭނުމެވެ. އަނެއްކޮޅުން ޓެކްސީ ކުރަން ގިނަ އަދަދެއްގެ ކާރު އެތެރެކޮށްގެން ބޮޑު ކަޓެއް ނެގުމަކީވެސް ބައިއަޅައިގެން ދައުލަތް ދަވާލުމުގައި އަވަދިނެތިއުޅޭ ވެރިންގެ އެއްބޭނުމެވެ. މިހާރު ޓެކްސީ ކުރާ ބައެއް ކާރު، ނުކުޅަދާނަ ބޮޑު ޑީލެއްގެ ތެރެއިން ސަރުކާރު ޓެކްސީ ލައިނަށް ނެގުމަކީވެސް ކުރުމަށް ރޭވިފައި ހުރިކަންކަމެވެ.
ސަރުކާރުން ޓެކްސީކުރަން ނިކުންނަ ކަމަށް އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ ޖުލައި 25 ގައެވެ. ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރުމުން ސަރުކާރުން ޓެކްސީ ނުކުރާނެކަމަށް އޯގަސްޓު 4 ގައި ބުންޏެވެ. މުއިއްޒު ސަރުކާރުގެ އާއްމު އުސޫލުގެމަތިން ރައްޔިތުންނަށް އޮޅުވާލުމަށްފަހު ޓެކްސީ ލައިން ފަށާނެ ވާހަކަ މަޖިލީހުގެ ކޮމެޓީއެއްގައި އޮކްޓޫބަރ 29 ގައި ޓްރާސްޕޯޓު މިނިސްޓަރު އަމީން ބުންޏެވެ. މިއަދު މިއޮތީ ޓެކްސީ ހިދުމަތް ދިނުން އެމްޓީސީސީއާއި ހަވާލުކޮށް ސޮއިކޮށްފައެވެ. އެންމެފަހުން އާއްމު ޓެކްސީ ޑްރައިވަރުންގެ އާއިލާތަކުގެ ނޭވާ ހޮޅީގައި މުއިއްޒު އެ ދަތްއެޅީއެވެ.