އަމީނަށް ޝަމްހީދު: 11 ސީޕްލޭންއާއި ބްރޭންޑްނިއު އޭޓީއާރ ބޯޓްތަކަކީ ދަރަނިވިއްޔާ ދަރަނި

އަމީނަށް ޝަމްހީދު: 11 ސީޕްލޭންއާއި ބްރޭންޑްނިއު އޭޓީއާރ ބޯޓްތަކަކީ ދަރަނިވިއްޔާ ދަރަނި

މުއިއްޒު ވެރިކަމުގައި ރަނގަޅަށް ކަމެއް ކުރެވުނަސް ކުރީ ސަރުކާރު ނުބައިމީސް ނުކޮށް ކުރެވޭ ކަމަކަށް ނުވެއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އައިލެންޑް އޭވިއޭޝަނަށް ވައިޑް ބޮޑީ ދެފްލައިޓް ގެނައުމުގެ މަސައްކަތް ވަނީފެށިފައެވެ. ޕީއެސްއެމްގެ މި ހަބަރުން އެކަނިވެސް އެކަން އެނގޭނެއެވެ. ކޮވިޑާ ގުޅިގެން މަޑުޖެހިފައި އޮތުމަށްފަހު އެ ކުންފުނިން ކުރިއްސުރެ ކުރަމުންއައި އެ މަސައްކަތް ހަގީގަތަކަށް ހެދުނީ މުއިއްޒުގެ ވެރިކަމަށް އެއް އަހަރުވީ ފަހުންނެވެ. ކާމިޔާބީގެ އުފާ ފާޅުކުރިޔަސް ގަސްތުގައި އޮޅުވާލުމަކީ މި ސަރުކާރުން ކޮންމެ ކަމެއްގައި ހަދާ ވަރަށް ބޮޑު ގޯހެކެވެ.  

ޓްރާންސްޕޯޓް މިނިސްޓަރ އަމީން ސުޓޭޖަށް އަރާ ހެއްދެވިހާ ބޮޑެތި ދޮގު ހެދިޔަސް ހަގީގަތް އޮޅުވައެއް ނުލެވޭނެއެވެ. ޑރ. އަހުމަދު ޝަމްހީދު ވިދާޅުވާ ގޮތުގައި އެމްޑީޕީ ސަރުކާރުގެ ފަހު ކުއާޓާގެ ފައިނޭނަޟަލް ރިޕޯޓް އަމީން އަމިއްލައަށް ބަލާލީމާވެސް އައިލެންޑް އޭވިއޭޝަނަށް ނިމުނު ވެރިކަމުގައި ލިބުނު ކުރިއެރުން ފެންނާނެއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު އައިލެންޑް އޭވިއޭޝަން އޮތީ ފައިދާވާ ކުންފުންޏަކަށް ހަދާފައެވެ. މިނިސްޓަރ އަމީން ގެއްލުމުގެ ވާހަކަ ދައްކާއިރު 2023 ގެ ތިންވަނަ ކުއާޓާގެ ރިޕޯޓް ފިނޭންސްގެ ވެބުސައިޓުގައި ފެންނަން އޮންނާނެކަން ޝަމްހީދު ހަނދާން ކޮށްދެއްވައެވެ.

އައިލެންޑް އޭވިޢޭޝަންގެ ޗެއަރމަންކަން ކުރެއްވި ޑރ. ޝަމްހީދު ވިދާޅުވަނީ މި ސަރުކާރުން ހަގީގަތް އޮޅުވާލަން އުޅުނަސް 2018 ވަނަ އަހަރު ނިމުނު އިރު އެ ކުންފުނީގައި އޮތީ ސުޕެއާރއެއް ގަންނަން ނުލިބޭ ބާ ބޯޓް ތަކެއް ކަމަށެވެ. އޮފީހުގައި ބޭނުންކުރީ ޑޮސް ސޮފްޓްވެއަރއެވެ. މުޅި ކުންފުނި މޮޑަނައިޒުކޮށް ޒަމާނަށް ފައްތާަދިނީ ނިމިދިޔަ ސަރުކާރުން ކަމަށް ޝަމްހީދު ވިދާޅުވެއެވެ. 

އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޗެއަރމަން ވިދާޅުވާ ގޮތުގައި ރައީސް ސޯލިހުގެ ވެރިކަމުގެ 5 އަހަރަކީ މޯލްޑިވިއަން އުފެދުނު ފަހުން އެ ކުންފުނީގެ ކުރިއެރުމަށް އެންމެ ގިނަ އިންވެސްޓްމެންޓް ކުރެވުނު 5 އަހަރެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އެ ކުންފުންޏަށް އޭޓީއާރު މަރުކާގެ 8 ބޯޓް ހޯދާފައިވެއެވެ. ކުންފުނީގެ އަމިއްލަ އެންމެ ސީޕްލޭނެއް ވެސް ނެތް އެއާރލައިން އަށް 11 ސީޕްލޭން ހޯދިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި އައްޑޫގައި ފުލައިން ސުކޫލެއް ގާއިމްކޮށް އެތަނަށް ބޭނުންވާ މަތިންދާ ބޯޓްތަކާއި އެހެނިހެން ހުރިހާ އިކުއިޕްމެންޓެއް ހޯދިއެވެ. މާފަރުގައި ފިއުލް ފާމެއް ގާއިމްކޮށް ޓާމިނަލަށާއި އޭޕްރަންއަށް ބޮޑު އިންވެސްޓެއް ކުރުމުގެ ނަތިޖާއެއްގެ ގޮތުން މާފަރު އެއާރޕޯޓު ފުރެންދެންް ޖެޓް ޖެއްސެނީ އޭރު ކުރެވުނު އިންވެސްޓްމެންޓު ތަކުގެ ސަބަބުން ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަންގެ ދަރަނީގެ ބޮޑު ބަޔަކީ ބުނެވިދިޔަ އިންވެސްޓްމަންޓްތަކުގެ ލޯންތައްކަން ޝަމްހީދު ފާހަގަ ކުރައްވައެވެ. އަނެއްކޮޅުން ކޮވިޑާއި ގުޅިގެން ވިޔަފާރި އެއްކޮށް ހުއްޓުނުކަމާއި ކުންފުނި އުފެދުނީންސުރެ ޑިޕްރިސިއޭޟަން އެކައުންޓް ކުރެވިފައިވަނީ ނުބައިކޮށް ކަމަށް ފާހަގަކޮށް އޮޑިޓަރުންގެ ލަފާގެ މަތިން އެކަން ރަގަޅު ކުރުމަށް ބިލިއަނެއްހާ ރުފިޔާގެ އެކައުންޓިން އެޖެސްޓްމެންޓެއް ގެނެވިފައިވާނެކަމަށް އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޗެއަރމަން ރައްޔިތުންނަށް ސާފުކޮށް ދެއްވިއެވެ.

2018 އައިއިރު މޯލްޑިވިއަންގައި ދުއްވޭ ހާލަތުނެތް ބާ ބޯޓު ތަކެއް ހުއްޓަސް 2023 ވަނަ އަހަރު ނިމުނުއިރު މުޅި ފުލީޓަށް ބޭނުންވާވަރަށް ބުރޭންޑް ނިއު ބޯޓްތައް ހޯދާ 11 ސީޕްލޭން ފުލީޓެއް އޮތެވެ. މޯލްޑިވިއަން އިން އަލަށް ގަނެފައިވާ އޭޓީއާރު ބޯޓުތަކުގެ ލޯނަކީ ދަރަނި ވިއްޔާ ދަރަނިކަމަށް ޑރ. ޝަމްހީދު ވިދާޅުވެއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ކުންފުނި އޮންނާނީ ލޯން ބަރާބަރަށް ދެެއްކޭ ހާލަތުގައި ކަމަށް ވެސް ޝަމްހީދު ވިދާޅުވެއެވެ.