އެމްޑީޕީއަށް ސަރުކާރު ޖަވާބުދާރީ ކުރެވޭތަ!

ސިޔާސީ ގޮތުން ކުޅެލާ ޗަރުކޭހަކަށް ކޮންމެ ކަމެއް ހަދައިގެން ފުއްދާލުމަކީ ޖަވާބުދާރީ ކުރުވުމެއްނޫން

އެމްޑީޕީއަށް ސަރުކާރު ޖަވާބުދާރީ ކުރެވޭތަ!

ކޮވިޑްގެ އާލަމީވަބާއާއި ޔުކްރޭން ހަނގުރާމައިގެ ހިތި އަސަރު ކިތަންމެ ބޮޑަކަށްވެސް ކުރިއެވެ. ދެއަހަރު ވަންދެން އިގުތިސާދު ހުއްޓި އާމްދަނީ ނުލިބިވެސް ދިޔައެވެ. އެމްޑީޕީއަށް ވެރިކަމެއް ކޮށްލަން ލިބުނީ އެންމެ ތިންވަރަކަށް އަހަރެވެ. އެކަމަކު އެކަން ދެނަހުރީ ކާކުހެއްޔެވެ. ގައުމު ބަނޑަށް ނުޖައްސާ މިއަދާ ހަމައަށް ގައުމު ގެނެސް ދިން ގޮތާމެދު ގިނަ ބަޔަކު ނުވިސްނައެވެ. ވިސްނާކަށް ބޭނުމެއްވެސް ނުވެއެވެ.

މިއަދަކު މިއްޔަކީ ކުރީ ސަރުކާރުން ކުރެވުނު ކަންތައްތަކުގެ ވާހަކަ ދައްކާ އެވިއްކަންވީ ދުވަހެއް ނޫނެވެ. އިބޫގެ ވެރިކަމުގައި ކުރެވުނު ކަންކަން ގިނަ ބަޔަކަށް ބަލައިނުގަނެވުނީތީ ވެރިކަން މިއޮތީ ބަދަލުވެފައެވެ. ވާދަވެރިން ދައްކާނެ ބައިވަރު ވާހަކަ އޮތީ މާޒީއަށް ދޫވެފައެވެ. އަނބުރާ އެކަން އިޔާދައެއް ނުކުރެވޭނެއެވެ. މިއަދަކީ އެކަމާ އުޅެންވީ ދުވަހެއް ނޫނެވެ. 

ތެދެކެވެ. ވެރިކަމާއި މަޖިލީހުގެ ސްޕަރމެޖޯރިޓީ ކިތަންމެ ރަނގަޅަކަށް ވެސް އެމްޑީޕީއަށް ލިބުނެވެ. ކޮންމެ ސަބަބަކާ ހުރެވެސް ބޭނުންވީ ނަތީޖާ އެންމެ ރަނގަޅަކަށް ނުނެރެވުނެވެ. ކުރެވެން ހުރި ކިތަންމެ ކަންކަމެއް ނުކުރެވި ލަސްވެ ފަސްވުމުގެ ސަބަބުން ދޮގުވެރިއެއްގެ އަތްމައްޗަށް ވެރިކަން ފުރޮޅިގެން ދިޔައީއެވެ. އަދިވެސް ހޭއަރާކަށް ނުވޭހެއްޔެވެ.

ސްޕަރމެޖޯރިޓީ ނެތެއްކަމަކު މަޖިލީހުގެ މެޖޯރިޓީ އަދިވެސް އެމްޑީޕީއަށް އެބައޮތެވެ. އޮތް މެޖޯރިޓީގެ ބޭނުން ކޮށްގެން މަގުބޫލުކަމެއް ނެތް ސަރުކާރެއް ޖަވާބުދާރީ ކުރެވޭ ތަނެއް ނުފެނެއެވެ. މާޒީއާއި މުސްތަގުބަލުގެ ވާހަކަ ނުދައްކާ، ހާލަތު އޮތްގޮތަށް ރިއާޔަތްކޮށް މަޖިލީހަށް ކުރެވެނީ ކީއްކަން ވިސްނާލެވޭބާއެވެ. 

  • ގާނޫނާ ހިލާފަށް ރައީސްގެ އަނބިކަބަލުންނަށް ސިވިލް ސަރވިސްއިން ނޯޕޭލީވެއް ދީގެން ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުވުން ހުއްޓުވައެއް ނުލެވުނެވެ.
  • ބަޖެޓުން ބޭރުން ރަސްމާލެ ހިއްކުމުގައި ހުރި މައްސަލަތައް ހައްލުކޮށް ފިޔަވަޅެއް ނޭޅެއެވެ.
  • އޭސީސީއާއި ސަރުކާރާ ގުޅިގެން މާލެ ސަރަހައްދުގެ ބޯހިޔާވަކަމަށް އަޅަމުންދާ ހުރަސްތައް ނައްތައެއް ނުލެވެއެވެ.
  • ގައިރު ގާނޫނީ ތިން ވަޒީރުން ދައުލަތުގެ މުދަލާއި ފައިސާގެ މައްޗަށް ބާރުފޯރުވާ ދައުލަތުގެ ނަމުގައި ކަންކަން ކުރާކުރުމެއް ނުހުއްޓުވުނެވެ. 
  • ކަނޑު ހޯދުމުގެ ނަމުގައި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ބޭރު ބަޔަކަށް ދީގެން ދައުލަތް ދަވާލާއިރު އެއީ ކޮންބައެއް ކަމެއް ހަރަދު ކުރަނީ ކިހާ ފައިސާއެއްކަމެއް ބަލާ އެކަން ހުއްޓުވައެއް ނުލެވެއެވެ. 
  • އެތައް ސަތޭކަ ސިޔާސީ މަގާމު އުފައްދައިގެން ދައުލަތުން ފައިސާ އިސްރާފުކުރާ ކުރުމަށް ނިމުމެއް ނުގެނެވެއެވެ. ސިޔާސީ މަގާމުތަކުގައި ތިބީ ކޮންބައެއް ކަމެއް ކިހާވަރަކަށް ކަމެއް ނުބެލެއެވެ.
  • ދައުލަތުގެ ވަސީލަތް ބޭނުންކޮށްގެން ކެންޕޭނު ކުރުމެއް ނުހުއްޓުވައެވެ.
  • ޗައިނާއާއި އެކުވެފައިވާ 20 އެއްބަސްވުމުގެ ހަގީގަތެއް ނުހޯދެއެވެ. 
  • ފަށާފައިވާ އަސާސީ ހިދުމަތް ގާއިމު ކުރުމުގެ ޕްރޮޖެކްޓްތަކުގެ އަދާހަމަ ހޯދާ އެކަންކަން ހިންގައެއް ނުލެވެއެވެ.
  • ދަތުރުފަތުރުން މުޅި ރާއްޖޭ ކަނޑުމަގުން ގުޅާލަން ފެށިފައިވާ މަޝްރޫއުގެ ކޮޅެއް މެދެއް ނޭގެއެވެ. 
  • އިންޑިއާ ސިފައިންނާއި ހެލިކޮޕްޓަރ އޮޕަރޭޝަނާއި ގުޅިފައިވާ މުޅި މައްސަލައިގެ ހަގީގަތެއް ނުހޯދެއެވެ.
  • އުތުރު ތިލަފަޅުގައި ޗައިނާ ލައްވާ ހަދަން އުޅޭ ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ ހަގީގަތެއް ނުހޯދެއެވެ.
  • އިހަވަންދިއްޕޮޅު ބަންކަރިންގ މަޝްރޫއުގެ ސިއްރެއް ނުހޯދެއެވެ.
  • ރާއްޖޭގެ ކަންކޮޅުތަކުގައި އަޅަން ބުނާ އެއަރޕޯޓްތަކާއި ގުޅޭ ތަފްސީލްތަކެއް ނުހޯދެއެވެ.
  • އަންޑަރވޯޓާރޓަނަލްގެ ހަގީގަތަކީ ކޮބައިކަމެއް ނުބެލެއެވެ. 

މަޖިލީހުގައި ކުއްލި މައްސަލައެއްގެ ގޮތުގައި ބަހުސްކޮށްލާ ކޮމެޓީއަކަށް ހާޒިރުކޮށްލައިގެން އެކަނި މައްސަލަ ހައްލެއް ނުވެއެވެ. ކަމެއް ކޮޅެއްގައި ޖެހެންދެން މަސައްކަތް ނުކޮށް ސިޔާސީ ގޮތުން ކުޅެލާ ޗަރުކޭހަކަށް ކޮންމެ ކަމެއް ހަދައިގެން ފުއްދާލުމަކީ ޖަވާބުދާރީ ކުރުވުމެއް ނޫނެވެ. އިހުމާލުވާ ބަޔަކަށް ފިޔަވަޅު އަޅުވާ ޝަރީއަތް ހިންގަން ޖެހޭ ކަމެއްގައި ޝަރީއަތް ހިންގާ ހަދަން ޖެހެއެވެ. އިތުބާރުނެތް ކަމަށް ވޯޓުނަގަން ޖެހެންޏާ ވޯޓު ނަގައިގެންވެސް ދައުލަތް ހަމަ މަގަށް އަޅުވަންޖެހެއެވެ. ކެންޕޭނު ޝިއާރަކަށް މިސްރާބު ހަމަމަގަށް ޖަހައިގެން އުޅުނަސް އެއްޔަކީ ޖަވާބުދާރީ ކުރުވުމެއް ނޫނެވެ.