ނުކިޔަވާ އަދުރޭގެ ހިޔަޅުބުއްދި: ޕްރޮގްރަސިވް ކެންސަރު
ޔާމީނު ޖަލުގައި ބަހައްޓަން މަސައްކަތްކުރީ ޑރ. މުއިއްޒު: އަދުރޭ
މައުމޫނު ވެރިކަމުގެ އެންމެ ބާރުގަދަ ވަޒީރު އިލްޔާސަށް ގަހުރަމާނުން ހޯދާދޭން އުޅުނު އަދުރޭއަކީ އޭރުވެސް ލައްކަ ހުޝިޔާރު މީހެކެވެ. ވެރިންގެ އިތުބާރު ހޯދުމަކީ އަދުރޭއަށް ފެން މެޓައެއް ބޯލުންހާ ފަސޭހަކަމެކެވެ. އިލްޔާސާއި ހަމީދުގެ ހިޔަނިން މައުމޫނާ ގާތްވެ ރާއްޖޭގެ ސިޔާސީ ނާރެހުގައި ބަސްވިކޭ މީހަކަށް އަދުރޭވިއެވެ.
މައުމޫނާއި ޔާމީނުގެ ބާރުވެރިކަން ހޯދުމުގައި މައުމޫނަށް ދޯކާދީ ޔާމީނުގެ ގާއިމު މަގާމަށް އަދުރޭ ޖެހެލީ ކިޔަވައިގެން ތިބި މޮޅު އެންމެން އެއްފަރަތް ކޮށްފައެވެ. އަދުރޭ އެބުނާހެން އެހިސާބަށް އަދުރޭ އައީ ބުރަމަސައްކަތުންނެވެ. ގުރުބާން ކުރަންޖެހުނު ކޮންމެ އެއްޗެއް ގުރުބާން ކޮށްގެންނެވެ. އަދުރޭވީ ޔާމީނަށްވުރެވެސް ހިޔަޅު ބުއްދިއަށް މޮޅު މީހަކަށެވެ.
ޔާމީނާ މެދު އަދުރޭ ފުރަތަމަ ނުނިޔަތްލީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަން އަދުރޭއަށް ނުދޭން ޔާމީނު ނިންމި ހިސާބުންނެވެ. އެވާހަކަ ރޭގައި އަދުރޭ އެބުނީއެވެ. ޔާމީނު ކައިރީގައި ތިބި ތަޖުރިބާ ކާރު އިލްމީ މީހުން ފޭކޮށް ޔާމީނު ހެއްދި ބެކަޕް ޕަޓީގެ ރައީސް ކަން ހޯދައިގެން ދަނޑިވަޅުން ބަލަން އަދުރޭ ހުރިކަމެއް ޔާމީނަކަށް ނޭނގުނެވެ. ޔާމީނަށް ދޮންކަޅު ނާންގާ ޔާމީނު އެންމެ އިތުބާރުކުރާ މީހާއަށްވެ ހުރެގެން ޔާމީނު ވެރިކަމުގެ ތެރެއިން ނެގުނުހާ ފައިދާއެއް ނަގަމުން އެތެރޭގައި ހުރެގެން ޔާމީނުގެ ވެރިކަން ނިންމުމަށް މަގުހެދީ އަދުރޭއޭ މިއަދު ބުނެވެން އެބައޮތެވެ.
މަޖިލީހުގައި އިދިކޮޅު މީހުނަށް އައުގުރާނަ ގޮވާ ޔާމީނުގެ ވެރިކަން ދެކެ ރައްޔިތުން ނަފްރަތު ކުރުވީ ގަސްދުގައިކަން މިހާރު އެބަ އެނގެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުވައިގެން ޔާމީނު ލައްވާ ސަކަރާތް ޖެއްސުވީ ޔާމީނު ފުޑާލަން ވެގެންނެވެ. 2019ގެ ކެމްޕޭންގެ ފަހު ޖަލްސާގައި "ހިސާބު ސޯ" ގެ ލަގަބު އަދުރޭ ހޯދީ ދޫއޮޅިގެން ނޫންކަން މިހާރު ސާފެވެ. އެޖަލްސާގައި އެގޮތަށް އެވާހަކަ ދެއްކީ ހިންޏަށް ހަކުރު އޮޅުވާލުމަށެވެ. ގަސްދުގައެވެ. އެކަމުން ޔާމީނަށް ގްރައުންޑް އޮތްގޮތް އޮޅުވާލާ މީހުން އޮޅުވާލީއެވެ. އިންތިހާބުން ބަލިވުމުން މީހުން ނޭނގުނުކަމަށް ޔާމީނަށް ބުނަންޖެހުނީ އެހެންވެއެވެ.
ވެރިކަން ވެއްޓި އިދިކޮޅު ލީޑަރަކަށް ޔާމީނުވީ ހިސާބުން ގާސިމާ ގުޅިގެން ޔާމީނު ހައްޔަރު ކުރުވާ ޕޮރޮގްރެސިވް ކޯލިޝަންގެ ހުންގާނު އަތަށް ކަހާލީ ޔާމީނަށް އެންމެ ވަފާތެރި މީހާގެ ސިފައިގައިހުރެ ދޯކޭބާޒު ހެދިގެންނެވެ. ޔާމިނަށް ކުރީ ހަރާން ހުކުމެކޭ ބުނެ ސަޕޯޓަރުންގެ ލޭ ކައްކުވައިގެން ޔާމީނަށް ވަފާތެރިކަން ދައްކައިގެން ވީހާ ގިނަދުވަހު ޔާމީނު ޖަލުގައި ބޭއްވުމަކީ އަދުރޭގެ ހިޔަޅު ބުއްދިން ކުޅުނު މުނާފިގު ޑްރާމާއެކެވެ.
ޔާމީނު ޖަލުގައި އޮންނަތާ އެއްހާސް ދުވަސްވެގެން ބޭއްވު އެއްވުމުގައި އަދުރޭ ދޫއޮޅިގެން ކަމަށް ހަދާފައި ބުނި އެތިން ވިސްނާ ބަޔަކަށް އަދުރޭގެ އޭރުގެ ނިޔަތް ސާފުވާނެއެވެ. ޔާމީނު ޖަލުގައި އޮންނަތާ އެއްހާސް ދުވަހޭ ބުނުމުގެ ބަދަލުގައި އެއްހާސް އަހަރޭ އަދުރޭ ބުނީ މަލާމަތާ ފުރައްސާރައިގެ ގޮތުންކަން މިހާރު ޔަގީނެވެ. އަދުރޭގެ އޭރުގެ ނިޔަތަކީވެސް 1000 އަހަރު ޔާމީނު ޖަލުގައި އޮތުންކަން ކަށަވަރުވެއެވެ.
ޕޮރޮގްރެސިވް ޓިކެޓް ޔާމީނަށް ދީފާ ބާއްވައިގެން އަދުރޭ ނޫން އެންމެންނަކީ މިނިކާ ބާޒުކަމަށް ދައްކައިގެން މުއިއްޒަށް ޓިކެޓް ހޯދާދިން ގޮތާއި ޔާމީނުގެ ސަޕޯޓަރުން މުއިއްޒަށް އަނބުރާލާ ޔާމީނު އަތުން ދެޕާޓީ ފެލާލިގޮތް ތާރިހަށްޓަކާ އިބުރަތަކަށް ފުދެއެވެ. އާއްމު އެއްވުންތަކުގައި އަދުރޭ ދޫއޮޅިގެން ކަމަށް ހަދާފައި ބުނެވީއްލައިލާ މެސެޖަކީ ވިހަ ބަޔޮލޮޖިކަލް ހަތިޔާރަކަށް ވުރެ ނުރައްކާތެރި އެއްޗެކެވެ.
އެންމެ ފަހުން ދޫއޮޅިގެން ބުނެވުނު ކަމަށް ހަދާ ދިން މެސެޖަކީ ޑރ. މުއިއްޒު ވިސްނާ ނެތިއްޖެނަމަ މުއިއްޒު ވެރިކަމުގެ ކެންސަރަށްވުން ގާތެވެ. ޔާމީނު ޖަލުގައި ބަހައްޓަން މަސައްކަތްކުރީ ޑރ. މުއިއްޒު ކަމަށް އަދުރޭ އެބުނިއްޔަކީ ދޫއޮޅިގެނެއް ނޫނެވެ. ހަގީގަތުގައިވެސް ނުކިޔަވާ އަދުރޭގެ ހިޔަޅުބުއްދިއަކީ ޕްރޮގްރަސިވް ކޯލިޝަންގެ ކެންސަރެވެ.