މިހާރު މުއިއްޒަކީ އިންޑިއާ އެމްބެސެޑަރގެ ފައިފުއްސެއް!
މޯދީގެ ބޮނބިފަޅީގައި ދޫލާންވެސް މުއިއްޒު އެހުރީ ތައްޔާރަށް
ކަނޑުކޮހެކޭ ބުނަނީ ކަނޑުގައި ކޮޅަށްޖެހިފާ ހުންނާތީއެއް ނޫނެވެ. ހަމަޖެހޭ ކަމެއް ނުކުރާތީއެވެ. އާޖުފާޖު ނޭނގޭތީއެވެ. ވާނުވާއެއް ނޭނގޭތީއެވެ. ދުރާލާ ދުރު ނުފެންނާތީއެވެ. ފިހޭނެކަން ނޭނގި އަލިފާނުގައި ހިފާތީއެވެ.
ދުނިޔޭގެ އެންމެ ބޮޑު އާބަދީ އަދި ތިންވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިންޑިއާ އާއި ރާއްޖޭން ޖެހިގަތުމަކީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްކަމެއް މުއިއްޒަކަށް ނޭނގުނެވެ. މިނިވަންކަމަށް ނުރައްކަކަށް ވެގެންނޭ ބުނެ ރާއްޖޭގައި އޮތް އިންޑިއާގެ ދެ ހެލްކޮޕްޓަރާއި ޑޯނިޔާ ބޯޓު ފޮނުވާލަން ފައިވިއްދިއެވެ. ރެސްކިއު އޮޕަރޭޝަންގައި އިންޑިއާގެ އަސްކަރީ އެ އުޅަނދުތައް ބޭނުން ނުކުރަން ފޫކެހިއެވެ. މުއިއްޒުގެ އެ ފޫކެހުމުން ގެއްލިގެން ދިޔައީ ކަނޑުވީ އައްޑޫ ޒުވާނެކެވެ. މަރުވެ ދިޔައީ އިތުރު ކުޑަ ކުއްޖެއްގެ ފުރާނައެވެ. އިންޑިއާއަށް މަދުވީ އެއްޗެއްނެތެވެ.
އިންޑިއާ ސިފައިން ބޭލުމުގެ ނަމުގައި ބޭލުނީ ރެސްކިއު އޮޕަރޭޝަންގައި އުޅުނު މީހުންގެ ޔުނީފޯމެވެ. ގޮތްދޫނުކޮށް އާނދޮނގޭ ކިޔާފައި އެތައް މިލިޔަނެއް ހޭދަކޮށްގެން ތުރުކީންގަތް ކުޅޭކުޅޭ ޑްރޯނުން އެތައް މިލިޔަން ޑޮލަރު ގެއްލުންވުން ނޫނީ ގައުމަށް ވީކަމެއް ހަރާމެވެ.
އިންޑީޔާގެ އަސްކަރީ އުޅަދުތަކެއް ހުރެގެން މިނިވަންކަން ގެއްލޭތީ ރެވިތެޔޮ ބޮއެގެން އުޅުނު ބައިގަނޑުގެ ކަންކަށީގައި މުއިއްޒު ލައްވާ މުއިއްޒުގެ އަމިއްލައަތުން އަޅުވާލި ތަފާލު ކިހާ ރީތިވެއްޖެ ހެއްޔެވެ. ރާއްޖޭގައި މެދުކެނޑިފައި އޮތް އަސްކަރީ އޮޕަރޭޝަންތައް ދެހެލްކޮޕްޓަރާއި ޑޯނިޔާ ބޯޓުގައި އަލުން ރަސްމީކޮށް ފެއްޓުވީ މިއަހަރު ފާހަގަކުރި ރާއްޖޭގެ މިނިވަން ދުވަހުއެވެ. މިނިވަން ކަމުގައި ރޮނގުދަމައިގެން ހުރި މުއިއްޒަށް ފުލުފުލުން ކަނޑާފައި އިންޑިއާއިން އެދިނީ ކިތައް ފުޅިހެއްޔެވެ.
އިންޑިއާއިން ޓޫރިސްޓުން ނަޔަސް ޗައިނާ އޮތިއްޔާ ވަރިހަމައޭ ބުނެ ފޮނުއެރުވީ އިއްޔެއެވެ. މިއަދު މުޅި އިންޑިއާގައި ބާއްވަން އަރާ އެ ތިބެނީ ރޯޑް ޝޯތަކާއި ސަލާމަށް ނާށިގަނޑު ދިއްކޮށްގެނެވެ. އިންޑިއާ އައުޓުކުރަން ކުރިވަރަށް ވުރެ ބާރަށް ބުރަކޮށް އިންޑިއާ އިން ކުރަން މޯދީގެ ބޮނބިފަޅީގައި ދޫލާންވެސް މުއިއްޒު އެހުރީ ތައްޔާރަށެވެ. ކުރީ ސަރުކާރުގެ ވެރިންނަށް އިންގޮނޑިން ތެދުވެވޭނީވެސް އިންޑިއާގެ އިޒުނަ ލިބިގެންނޭ ކިޔާ ބައިސާކެނޑި މުއިއްޒު މިއަދު އެއޮތީ އިންޑިއާ އެމްބެސެޑަރގެ ފައިފުއްސަށް ވެގެންނެވެ.
ވެރިކަމުގެ ދަހިވެތިކަމުގައި މުއިއްޒު އިންޑިއާ ޖެހިގަތުމުގެ ހިތިރަހަ މުއިއްޒުގެ ކަރުބުޑުގައި ލާކަށް ގިނަ ދުވަހެއް ނުވިއެވެ. އިންޑިއާ އައުޓުކުރަން ތެޅިތެޅި ފޭބީ ހުޅުނބެވެ. އެންމެ ފަހުން އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ނަށާ މާގަނޑަކަށް މުއިއްޒުވީއެވެ. ހަސްނެތިސް ހެސްކިޔާފާ ކޮސްގޮވީމާ ގޮސްޖަހަން ޖެހެނީ އިސްދަށަށެވެ.