ކުރުމުއްދަތެއްގައި އެންމެގިނައިން ނަކަސްތެޅުމުގެ ރެކޯޑް މުއިއްޒަށް!

ކުރުމުއްދަތެއްގައި އެންމެގިނައިން ނަކަސްތެޅުމުގެ ރެކޯޑް މުއިއްޒަށް!

ގައުމެއްގެ ރައީސަކު 15 ވަރަކަށް ގަޑިއިރު އެހެން ކަމެއް ނުކޮށް ނޫސްވެރިން އެއްކޮށްގެން ހުރުމަކީ މޮޅުކަމެއް ނޫނެވެ. އެހާ ގިނައިރު ރައީސެއް އެއްކަމަށް ހުސްވުމަކީ ރައްޔިތުންގެ އިތުބާރު ނެތްކަން އަމިއްލަ ނަފްސަށް ގަބޫލުކުރުމެވެ. 

ޔުކްރެއިންގެ ރައީސް ޒަލަންސްކީ ނޫސްވެރިންނާ ބައްދަލުކޮށްގެން 14 ގަޑިއިރު ހޭދަކުރީ އޭނާގެ ޔޫކްރޭންގެ މަައްސަލައިގައި އޭނާ އަމަލުކުރަމުން އައި ގޮތް ދުނިޔޭން ބަލައިނުގަތުމުންނެވެ. އޭނާ އެކަން ކުރީ އޭނާގެ އަމަލުތައް ދިފާއު ކުރުމަށް އެނޫން އެހެން ގޮތެއް ނެތިގެންނެވެ. 

ކިއުބާގެ ފިޑެލް ކާސްޓްރޯ އދ މަޖިލީހުގައި 4 ގަޑި 48 މިނިޓްގެ ދިގު ތަގުރީރެއް ދިނީ އޭނާގެ ޑިކްޓޭޓަރޝީޕް ދިފާއު ކުރުމަށް ހުއްޖަތް ދެއްކުމުގެ ބޭނުމުގައެވެ. އިންޑިއާގެ މާލީ ވަޒީރުކަންކުރި ވީކޭ ކްރިޝްނާ މެނަން ސަލާމަތީ މަޖިލީހުގައި 8 ގަޑިއިރުގެ ތަގުރީރެއް ދިނީ އިންޑިއާއިން ކަޝްމީރު ހިފިހިފުން ދިފާއު ކުރުމަށެވެ. 

ދުނިޔޭގެ ތާރީހުން ފެންނަންހުރި ހަގީގަތަކީ ސަބަބުވެރި ވިސްނުމަކުން މީހުން ގަބޫލުނުކުރާ ކަންކަން ކުރާމީހުން އެކަންކަން ކުރުމަށްފަހު އެކަންކަން ހަލާލު ކުރުވުމަށް ހުއްޖަތް ދައްކަން ކިތަންމެ ވަގުތެއް ހޭދަކޮށްގެންވެސް މަސައްކަތް ކުރާކަމެވެ. މުއިއްޒުގެ ދިގުލީ ނޫސްވެރިންގެ ބައްދަލުވުމަކީވެސް އެޒާތުގެ ކަމެކެވެ. ދޮޅު އަހަރު ވެގެން ދިޔައިރު ދައުލަތުން ތަޅާ ބުރުވާލިހާ ފައިސާއަށް ކޮށްދެވުނުކަމެއް ނެތި މަތިމައްޗަށް ހެދި ދޮގުތައް ދިފާއުކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވޭތޯ ޖެހި މަރުފައްޔެކެވެ.

ރައްޔިތުން ގަބޫލުކުރާ ފެންވަރަށް ރައްޔިތުނަށް ހިދުމަތެއް ކޮށްދެވުނު ނަމަ ސްލައިޑް ހަދައިގެން ނޫސްވެރިން އެއްކޮށްގެން ރާގުރާގަށް ކަންކަން ކިޔާދޭކަށް ނުޖެހޭނެއެވެ. ތެދުވެރި ހެޔޮ ރަނގަޅުކަމެއް ކޮށްފިއްޔާ ރައްޔިތުންނަށް އެކަން އެގޭނެއެވެ. ލޮލުން ބޮލުން ގަބޫލުކުރާނެއެވެ.

ދެގަޑިއެއްހާ އިރުގެ ސްލައިޑް ޝޯއެއް ބާއްވާ ކުރަންވީ ސުވާލުތައް ތައްޔާރުކޮށް ކުލީ ނޫސްވެރިންނަށް ފޮނުވައިގެން ކުޅެން އުޅުނު ޗަރުކޭސް މުއިއްޒު ގޮއްވާލީ އަމިއްލަ އަތަށެވެ. އިތުރަށްވީ ބަރަހަނާއެވެ. އެއްކަމެއްގައި އެކިފަހަރު އެކިތާ ދައްކާފައިހުރި ވާހަކަތަކާ ކުރާކަމަކާ ދިމާނުވެ ވަށާނުޖެއްސިގެން ގޮސް ވީބޭޒާރެވެ. ރައްޔިތުންގެ އިތުބާރުގެއްލި ގޮތް ހުސްވުމުން ޖެއްސި ސްޓަންޓުންވެސް ވީ ފަލީހަތެވެ. މުއިއްޒަށް މުގުރާލެވުނިއްޔާ މުގުރާލެވުނު ރެކޯޑަކީ ކުރުމުއްދަތެއްގައި އެންމެ ގިނައިން ނަކަސްތެޅުމުގެ ރެކޯޑެވެ.