ނެގިބޭހަށް އަގުނުދީހުރެ ބޭސް އަގުބޮޑުވާހަކަ މުއިއްޒު ނުދައްކާ!
ސަރުކާރަށް ދަރަންޏަށް ބޭސް ދޫކޮށްކޮށް ބޭސްފިހާރަތައް ބަނގުރޫޓްވެއްޖެ
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔާފާރިތައް ފުޑާލުމަށް ޑރ. މުއިއްޒު ހިންގާ ހީލަތްތެރި އެޖެންޑާގެ ދަށުން މިފަހަރު ދިމާކޮށްލީ ފާމަސީތަކާއެވެ. އާސަންދައިން ބޭސްފިހާރަ ތަކަށް ދައްކަންޖެހޭ ފައިސާ ދައްކާ އެ ތަންތަނުގެ ވިޔާފާރި ހުއްޓުނަ ނުދިނުމުގެ ބަދަލުގައި މުއިއްޒަށް ގޯސްވީ ބޭސް ވިއްކާއަގެވެ.
އަޖައިބެކެވެ. އާސަންދައިން ބޭސް ދޫކުރަނީ ސަރުކާރުން އެއްބަސްވާ ގޮތެއްގެ މަތިން އެއްބަސްވާ އަގަކަށެވެ. ރާއްޖޭގެ ބާޒާރުގައި ހުންނަ ހުރިހާ ވައްތަރެއްގެ ބޭހަކަށް އާސަންދަ ނުލިބުނަސް އާސަންދަ ލިބޭ ކޮންމެ ބޭހަކީ ސަރުކާރުން އަގު ކޮންޓްރޯލް ކޮށްފައިވާ ބޭހެކެވެ.
އާދައިގެ ކުދި ކުދި ބޭސް ފިހާރަތަކަށްވެސް އެތައް މިލިޔަނަކުން ސަރުކާރު ދަރާފައިއޮވެ އެ ދަރަނި އަދާނުކޮށް އަގުބޮޑުކޮށް ބޭސް ވިއްކާ ވާހަކަ ދައްކާކަށް މުއިއްޒު ލަދެއް ނުގަނެއެވެ. ސަރުކާރަށް ދަރަންޏަށް ބޭސް ދޫކޮށްކޮށް ބޭސް ފިހާރަ ތަކުގައި ބޭސް ގަންނާނެ ފައިސާ ނެތިގެން ބޭސް ނުގަނެވިފައި ތިބީ ކިތައް ފަމަސީކަން މުއިއްޒަށް އެނގޭ ހެއްޔެވެ.
ސަރުކާރުން ފައިސާ ދިނަސް ނުދިނަސް ފާމަސީ ހިންގަންޏާ އެތާނގައި މަސައްކަތް ކުރާ މީހުނަށް މުސާރަ ދޭންޖެހެއެވެ. ފިހާރައިގެ ކުލި ދައްކަން ޖެހެއެވެ. ކަރަންޓާއި ފެނަށް ހަރަދު ކުރަން ޖެހެއެވެ. ބޭސް ހުސްނުކޮށް ހުންނަން ޖެހެއެވެ. އެހެން އެކަން އޮތްހާ އިރަކު އާސަންދަ ނުލިބޭ ބޭސް ތިޔަ ބުނާ ހެޔޮ އަގުގައި ވިއްކާނީ ޖާދޫއަކުން ހެއްޔެވެ.
މުޅި މައްސަލައިގެ ވަށައިގެން ހުރި ކަންކަމަށް ނުބަލާ ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައޭ ބުނެ ރައީސް ޓްވީޓް ކުރުމަކީ ރައްޔިތުންނަށްދޭ ވަރަށް ނުރައްކާތެރި މެސެޖެކެވެ. ރާއްޖޭގެ މިނިވަން ވިޔާފާރިއަށް ދެވޭ ހަމަލާއެކެވެ. އެހެން ބުނުމުން ފިކުރެއް ހިޔާލެއްނެތި އަތްޖަހާ މީހުން އަތް ޖެއްސަސް ކަމަކީ މާ ހައްސާސް ކަމެކެވެ.
ބޭސް ވިއްކުމުގައި ބޮޑު ފައިދާ ނެގުން ހުއްޓުވުމަށް ފިޔަވަޅު އަޅާ ވާހަކަ ދެއްކުމުގެ ކުރީން ސަރުކާރުން އާއްމު ފާމަސީތަކަށް ދައްކަން ޖެހިފައި ހުރި ފައިސާތައް ފުރަތަމަ ދައްކަބަލާށެވެ. ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރުމުގެ ވާހަކައިގެ ކުރީން ބޭހުގެ ދަރަނިތައް އަދާކޮށް ނިންމަ ބަލާށެވެ. ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކޮށްގެން އާސަންދައަށް ހޭދަވާ ފައިސާ މަދުކޮށްގެން ސަރުކާރަށް ނަފާ ހޯދާ ވާހަކަ ދެއްކުމުގެ ކުރިން ފާމަސީތައް ބަނގުރޫޓު ވިޔަ ނުދިނުމަށް ފާމަސީތަކަށް ދަރާފައިވާ އެތައް މިލިޔަން ރުފިޔާ ދައްކާ ހަލާސްކޮށް ބަލާށެވެ.
އާސަންދައިން ލިބެންޖެހޭ ފައިސާގެ ތެރެއިން ލޯލާރިއެއްވެސް މުއިއްޒު ވެރިކަމަށް އައިފަހުން ނުލިބޭ އެތައް ބޭސް ފިހާރައެއް އެބަހުއްޓެވެ. އެކަމަކު މި ވޭތުވެދިޔަ ނުވަމަސް ދުވަހުގެ ތެރޭގައިވެސް ފާމަސީތަކުން އާސަންދައަށް ބޭސް ނުނަނގާ އެންމެ ދުވަހެއް ނުދެއެވެ. ކަމުން ރެކެން ދެން ބުނާނީ ކުރީ ސަރުކާރުން ބިލްތަކަށް ފައިސާ ނުދައްކާ އޮތް ވާހަކައެވެ. އެންމެ ރަނގަޅެވެ. ކުރީ ސަރުކާރުގެ ބިލްތައް ބަހައްޓާފައި މުއިއްޒު ސަރުކާރަށް ވީފަހުން ހޯދި ހިދުމަތަށް ފައިސާ ދައްކަބަލާށެވެ. އޭރަކުން ބޭސް ނުގަނެވިގެންނާއި މުސާރަ ނުދެވިގެން ފާމަސީތައް ބަންދުކުރާކަށް ނުޖެހޭނެއެވެ. އަގު ބޮޑުކޮށް ބޭސް ވިއްކައިގެން ފާމަސީތަކުގެ ހަރަދުތައް ހަމަޖައްސަން އުޅޭކަށް ނުޖެހޭނެއެވެ.