ދެވަނަ ފެބްރުއަރީ 8 ނައިކަން ނަސީބު
އިބޫ ނޫން ގޮތެއް ހޯދުމަށް ތިބީ ފިސާރި ރަގަޅަށް ތައްޔާރަށް
ކޮންމެ ކަމެއްވެސް ވަނީ ރަގަޅަށެވެ. ކަމެއް ނިމިގެންދާ ގޮތަކުން ކުރިމަތި ވާން އޮތް ކަމެއް އެކަމެއް ނުވަނީހެއް ނޭގެއެވެ. ސަބަބުތައް ފުރިހަމަ ވަމުން ދާގޮތުން ވެދާނެ ކަމަށް އޮންނަނީ ގަބޫލު ކުރެވޭ ގޮތެކެވެ. ގަބޫލު ކުރެވޭ ގޮތަށް ހުރިހާ ކަމެއް ނުވެއެވެ.
ނިމި ދިޔަ ރިޔާސީ އިންތިހާބު ނިމޭ ގޮތަކުން ވެދާނެ ކަންކަމަށް ވާދަވެރި ދެ ފަރާތުން ވެސް ގަބޫލު ކުރި ގޮތްތަކެއް ހުއްޓެވެ. އެމްޑީޕީއަށް ކާމިޔާބު ނުވެއްޖެ ނަމަ ރާއްޖެއަށް ވެގެން ދާނެ ގޮތެއްގެ ވާހަކަ ދެ ފަރާތުންމެ ދެއްކިއެވެ. ޕީޕީއެމް-ޕީއެންސީއަށް ކާމިޔާބު ނުވެއްޖެނަމަ ވާނެ ގޮތްތަކެއްގެ ވާހަކަ ވެސް އެގޮތަށް ދެއްކިއެވެ. ވާނެ މޮޅާ ރަނގަޅުތަކުގެ ވާހަކައެވެ. އަންނަން ހުރި ގެއްލުންތަކާއި ކުރިމަތިވާނެ ދެރަ ގޮތްތަކެއްގެ ވާހަކައެވެ. އެހުރިހާ ވާހަކައަށް ދާކަށް ނެތީމެވެ.
ހިނގަމުންދާ ސަރުކާރަށް ދެވަނަ ދައުރު ލިބިއްޖެނަމަ ރާއްޖޭގެ މިނިވަންކަން ގެއްލި އިންޑިއާގެ އަޅުވެތިކަމަށް ދާނެކަމަށް ދެކެވުނު ވާހަކައަކީ އެންމެ ބާރަށް އިދިކޮޅުން ދެއްކި އެއްވާހަކައެވެ. ރާއްޖެއަކީ އިސްލާމުދީން ނޫން އެހެން ދީންތަކަށް ހުޅުވިފައިވާ، ލާދީނީ ކަންކަމަށް ބާރުދޭ ގައުމަކަށް ވެގެން ދާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައެވެ. ފިތްކަޑައިގެން ދާވަރަށް ދަރަނިވެރިވެފައިވާ ކަމުގެ ވާހަކައަކީ ވެސް އެންމެ ބާރަށް ދެކެވުނު އެއްވާހަކައެވެ. ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމުގެ ތުހުމަތަކީވެސް ސަރުކަރާ ދެކޮޅަށް އަޑު ހަރުކޮށް ދެއްކި ވާހަކައެކެވެ.
ވާދަވެރިން ވެރިކަމަށް އަތުވެއްޖެނަމަ ވެދާނެ ގޮތްތަކެއްގެ ވާހަކަ ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރަތްތަކުންވެސް ދެއްކިއެވެ. އެގޮތުން އަނިޔާވެރިކަން އާއްމުވެ ރާއްޖޭގައި އޮތް ހަމަޖެހުން ގެއްލި ބިރުވެރިކަން އާއްމު ވެގެން ދާނެކަމަށް ބުނަމުން ދިޔައެވެ. ވެރިކަމުގެ ތެރެއަށް ގޭންގްތައް ވަދެ ސަރުކާރަކީ ގޭންގްތަކުން ކޮންޓްރޯލުކުރާ ތަނަކަށް ވެގެން ދާނެ ކަމަށް އަޑުއުފުލުނެވެ. ސިޔާސީ ބޭނުމުގައި މީހުން ހިފާ ހައްޔަރު ކުރުން އާއްމުވެގެން ދާނެ ކަމަށާއި ދީނީ ގޮތުން ހައްދު ފަހަނައެޅުން ބިރުވެރި ދަރަޖައަކަށް ބޮޑުވެގެން ދާނެކަމަށް ބުނަމުން ދިޔައެވެ. ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއިތައް ހުއްޓި ތަރައްގީގައި ރައްޔިތުން ތަފާތު ކުރާނެ ކަމަށް ވިސްނާ ދިނެވެ.
ތަފާތު އިދިކީލި ވިސްނުންތަކުން ކަޅިވެފައިވާ އެންޓި ކެންޕޭން ނޫންކަމެއް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވައިގައި ހިފާފައެއް ނެތެވެ. ކޮންމެ ބަޔަކުވެސް އުޅުނީ ނޫން ގޮތެއް ހޯދާށެވެ. ކުރެވުނު ކަމެއްކޮށް ދެކެވުނު ވާހަކައެއް ދެކެވުނީ އެމަގަށެވެ. މުޅި ރާއްޖެ އޮތީ ހަމައަށް ދެބައިވެފައެވެ. ރީދުލާއި އަސުރުމާކުލައަށް ނޫނީ ރާއްޖޭގައި ކުޑަވެސް ޖާގައެއް ނެތެވެ. އެމްޑީޕީއާއި ޕީޕީއެމާ ވާދަކޮށް ލެވޭވަރުގެ އެހެން އެއްވެސް ބަޔަކު ނެތެވެ.
އިންތިހާބު ނިމިގެން ދިޔައީ ރައީސް ސޯލިހުގެ މައްޗަށް ޑރ. މުއިއްޒު ކުރި ހޯއްދަވައިގެންނެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުލިބުނީ ނަސީބަކުން ކަމަށް ރައީސް ސޯލިހުގެ ބައެއް ސަޕޯޓަރުން ގަބޫލު ކުރެއެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަސް ކަހަލަ ދެވަނަ ދުވަހެއް ނުދެއްކެވިކަމީ ރައްޔިތުންގެ ނަސީބުކަމަށް އެމީހުން ބުނެއެވެ. ރައިސް ސޯލިހަށް އިންތިހާބު ކާމިޔާބު ވީނަމަ ދެވަނަ ފެބްރުއަރީ 8 އައިހެވެ. އިބޫ ނޫން ގޮތެއް ހޯދުމަށް ކޮށްފައި ނުކުރާނެކަމެއް ނެތްބަޔަކު ތިބީ ފިސާރި ރަގަޅަށް އެކަމަށް ތައްޔާރަށެވެ.